Roadha Mihaaru
ފްލެޓް ދޫކުރަން މިނިވަން ކޮމެޓީއެއް އެކުލަވާލަނީ

ފްލެޓް ދޫކުރަން މިނިވަން ކޮމެޓީއެއް އެކުލަވާލަނީ

13 ފެބުރުއަރީ 2024

ގެދޮރުވެރިޔާ ސްކީމަށް ޝަރުތު ހަމަވާ މީހުންނަށް ފްލެޓް ދޫކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފެށުމަށް މިނިވަން ކޮމެޓީއެއް އެކުލަވާލަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގެދޮރުވެރިޔާ ސްކީމަށް ޝަރުތު ހަމަވާ މީހުންނަށް ފްލެޓް ދޫކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފެށުމަށް މިނިވަން ކޮމެޓީއެއް އެކުލަވާލަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމެޓީގައި ހައިދަރު މިއަދު ވިދާޅުވީ އޭސީސީން ފޮނުވި ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި ހިމެނެނީ 824 މީހުން ކަމަށެވެ. އެ ލިސްޓުގައި ހުރީ އެ މީހުންގެ ފޯމު ނަންބަރުތައް އެކަނި ކަމަށާއި އޭސީސީން މިނިސްޓްރީއަށް ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް އަދި ނުދޭތީ އެ ލިސްޓާ ގުޅޭ އިތުރު ތަފުސީލް އަދި އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހައިދަރު ވިދާޅުވީ ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް މިހާރު އޮތީ އޭސީސީއަށް އެކަނި ކަމަށެވެ. އެ ޕޯޓަލްގެ އެކްސެސް މިނިސްޓްރީއަށް ލިބުމާ އެކު ޝަރުތު ހަމަވާ ކަމަށް އެ ކޮމިޝަނުން ކަނޑައެޅި މީހުންގެ މައުލޫމާތު މިނިސްޓްރީން ވެރިފައި ކުރުމަށް ފަހު ފްލެޓް ދޫކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހައިދަރު ވިދާޅުވި ގޮތުގައި، ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް ދެތިން ދުވަހެއްގެ ތެރޭގައި މިނިސްޓްރީއަށް ލިބޭނެކަން އޭސީސީން މިހާރު އޮތީ އަންގައިފަ އެވެ. އެ ޕޯޓަލްގެ އެކްސެސް އަދި ނުދީ އޮތީ އޭސީސީގެ ތަހުގީގު އެއްކޮށް ނުނިމޭތީ އެވެ.

"އަޅުގަނޑުމެން ޝަރުތު ހަމަވާ މީހުންނަށް ފްލެޓް ދޫކުރުމުގައި ގެންގުޅޭނެ އުސޫލަކީ ލިބިފައި ހުރި ފޯމު ނަންބަރުތައް، ޕޯޓަލްގެ އެކްސެސް ލިބުނީމަ އެއީ ކޮން ބައެއްތޯ ބަލައި ޝަރުތު ހަމަވިކަން ޔަގީންކޮށްފައި، މިނިވަން ކޮމެޓީއެއް އެކުލަވާލައިގެން އެ ކޮމެޓީގެ ލަފަޔާ އެކީގައި ފްލެޓް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މި މިނިވަން ކޮމެޓީގައި ތިބޭނީ ކޮން ބައެއް ކަމާއި އިތުރު ތަފުސީލެއް ހައިދަރު އަދި ނުދެއްވަ އެވެ.

އޭނާ ވިދާޅުވީ ޕޯޓަލްގެ އެކްސެސް ލިބުމާ އެކު، މިނިވަން ކޮމެޓީއެއް އެކުލަވާލައި ގެދޮރުވެރިޔާ ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ކަނޑައެޅި މީހުންނަށް ފްލެޓް ދިނުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށެވެ. އަދި އެ މަސައްކަތް ގާތްގަނޑަށް ދެތިން ހަފުތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް، މިދިޔަ ސަރުކާރު ނިމެން ދެ ދުވަހަށްވެފައި އޮއްވައި ނެރުމުން އޭސީސީން ވަނީ ފްލެޓް ދޫކުރުން ހުއްޓުވައިފަ އެވެ. ގާތްގަނޑަކަށް ދެމަސް ދުވަހުގެ ތަހުގީގަށް ފަހު އޭސީސީން ބުނެފައި ވަނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. ޝަރުތު ހަމަވާ ބާކީ ފޯމުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތީ އެންމެ 20.7 ޕަސެންޓް ފޯމުގަ އެވެ. އަދި އަނެއް 19.7 ޕަސެންޓަކީ ވެސް ޝަރުތު ހަމަވެ، މައުލޫމާތުގެ ފުށުއެރުންތަކެއް ހުރި ފޯމުތަކެވެ.