Roadha Mihaaru
ހައުސިން މިނިސްޓްރީން މަޖިލީހަށް ނުދިއުމުން ނުރުހުން!

މިނިސްޓަރު ހައިދަރާއި އިސްވެރިން ކޮމިޓީއަށް ހާޒިރު ނުވުމުން މެމްބަރުންގެ ނުރުހުން!

16 ޖުލައި 2024

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ހިމެނިވަޑައިގަންނަވާ ގޮތަށް، އެ މިނިސްޓްރީގެ އެހެން އިސްވެރިން ވަޑައިނުގަތުމުން އެ ކޮމިޓީގެ މެމްބަރުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ހިމެނިވަޑައިގަންނަވާ ގޮތަށް، އެ މިނިސްޓްރީގެ އެހެން އިސްވެރިން ވަޑައިނުގަތުމުން އެ ކޮމިޓީގެ މެމްބަރުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފި އެވެ.

އެ ބައްދަލުވުމަށް މިއަދު ތާވަލް ކޮށްފައި އޮތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި ގެދޮރުވެރިޔާ ފްލެޓް ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ގެޒެޓް ކޮށްފައިވާ ލިސްޓު ބާތިލު ނުކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކުރުމެވެ.

ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު ގައްދޫ ދާއިރާގެ މެމްބަރު މުހައްމަދު އަލީ ވިދާޅުވި ގޮތުގައި، ހައުސިން މިނިސްޓްރީގެ އިސްވެރިންނަށް މިއަދުގެ ކޮމިޓީ އަށް ހާޒިރުނުވެވޭނެ ކަމަށް ހެނދުނު 11:00 ގައި ވަނީ އަންގަވައިފަ އެވެ. އެއީ މިއަދުގެ ބައްދަލުވުން ފަށަން ތާވަލްކުރި ގަޑި ވެސް މެ އެވެ.

އެހެންވެ، އެހެން ދުވަހަކަށް އެ ބައްދަލުވުން ތާވަލުކުރަން މުގައްރިރު ހުށަހެޅުއްވި އެވެ.

ޕެޓިޝަން ކޮމިޓީގެ މުގައްރިރު ގައްދޫ ދާއިރާގެ މެމްބަރު މުހައްމަދު އަލީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޕެޓިޝަން ކޮމިޓީގެ މުގައްރިރު ގައްދޫ ދާއިރާގެ މެމްބަރު މުހައްމަދު އަލީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެއާ އެކު، ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވީ އެ ކޮމިޓީ އަށް ޖަވާބުދާރީވާން ހައުސިން މިނިސްޓްރީ އަށް އެކަށީގެންވާ ވަރަށް ވަގުތު ދިނުމުން ވެސް ކޮމިޓީ އަށް ހާޒިރުނުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ސުންގަޑި ސުންމިނިޓަށް ވީމާ ހާޒިރުވެވެން ނެތް ކަމަށް ބުނުން އެއީ ވަރަށް އިހުތިރާމް ކުޑަކުރުން ކަމަށް އަޅުގަނޑު ދެކެނީ،" އޭނާ ވިދާޅުވި އެވެ.

އެ ކޮމިޓީގެ އެޖެންޑާ މީގެ ދެ ދުވަސްކުރިން ތައްޔާރުކޮށް އަދި ކޮމިޓީ ހިންގާ އުސޫލުގެ ދަށުން ފަސް ދުވަސް ކުރިން، ބައްދަލުވުން އޮންނާނެކަން އަންގާފައި ވަނިކޮށް، ހައުސިން މިނިސްޓްރީން ހާޒިރުނުވެވޭނެ ކަމަށް އެންމެ ފަހު ވަގުތު އެންގުމަކީ ބަލައިގަނެވޭނެ ކަމަށް ނޫން ކަމަށް ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރުން ހުސެއިން ޒިޔާދު ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު މުގައްރިރުގެ އަރިހުގައި އެދެން ހަގީގަތުގައި ވަޒީރަށް ހާޒިރުވެވަޑައިނުގެންނެވުނު ސަބަބު އަޅުގަނޑުމެންނަށް ރިކޯޑުގައި އަންގަލާދިނުން،" އޭނާ ވިދާޅުވި އެވެ.

ޕެޓިޝަން ކޮމިޓީގައި އެ ކޮމެޓީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޕެޓިޝަން ކޮމިޓީގައި އެ ކޮމެޓީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޕެޓިޝަން ކޮމިޓީގައި ތިއްބެވި، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މެމްބަރުން ވެސް ވަނީ ކޮމިޓީ އަށް ހައުސިން މިނސްޓްރީގެ އިސްވެރިން ވަޑައިނުގަތުމުން ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ.

ދިއްދޫ ދާއިރާގެ މެމްބަރުން އަބްދުއްލަތީފް މުހައްމަދު ވިދާޅުވީ މިއީ ރައްޔިތުންނާ ގުޅޭ ވަރަށް މުހިންމު ހައްސާސީ މައްސަލައެއް ކަމަށް ވާތީ، ހައުސިން މިނިސްޓްރީން އެންމެ ފަހު ވަގުތު، އުޒުރަކާ އެކު ވިޔަސް، ހާޒިރުނުވުމަކީ ގަބޫލުކުރަން ދަތިކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ މަސައްކަތަށް، އަޅުގަނޑުމެންގެ ވަގުތަށް ދަތި ނުވާ ގޮތަށް ނޫނީ އެ ބޭފުޅުންގެ [މިނިސްޓްރީގެ] މަސައްކަތަށް އަދި ވަގުތަށް ވެސް ދަތި ނުވާ ގޮތަށް ކަންކަން ބައްޓަން ކުރެވި، ރޭވިފައި މި ހުންނަނީ. އެހެންވީމާ ދުރާލައި އަޅުގަނޑުމެން މިނިސްޓްރީ އަށް އަންގާފައި، ސިޓީ ފޮނުވިފައި އޮންނާނީ،" އޭނާ ވިދާޅުވި އެވެ.

"މިނިސްޓްރީން ވެސް ހަމަ އަމަލުކުރަން ޖެހޭނީ، މިނިސްޓަރު ވެސް އަޅުގަނޑު ގަބޫލުކުރަނީ އަމަލުކުރައްވަން ވާނީ އެ އޮންނަ އުސޫލުގެ ތެރެއިން ކަންކަން ރަނގަޅަށް ގެންގޮސް ދޭން. އެހެން ނޫނިއްޔާ އަޅުގަނޑުމެންގެ ހިތްހަމަނުޖެހުމާއި ނުތަނަވަސްކަން ހުންނާނެ."

ޕެޓިޝަން ކޮމިޓީއަކީ ޕީއެންސީގެ އަޣުލަބިއްޔަތު އޮތް ކޮމިޓީއަކަށް ވިޔަސް، ރައްޔިތުންނާ ގުޅޭ މި ކަހަލަ މުހިންމު މައްސަލައެއްގައި ހައުސިން މިނިސްޓްރީން "މިހާ ޒިންމާދާރުކަން ކުޑަގޮތަކަށް" ކަންކަން ކުރުން އެ މެމްބަރުން ބަލައިނުގަންނާނެ ކަމަށް ލަތީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގާނެ ކަމަށެވެ.

ޕެޓިޝަން ކޮމިޓީގައި އެ ކޮމެޓީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޕެޓިޝަން ކޮމިޓީގައި އެ ކޮމެޓީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކޮމިޓީގެ މުގައްރިރު މުހައްމަދު އަލީ ވިދާޅުވި ގޮތުގައި، ކޮމިޓީ އަށް ހާޒިރުވުމަށް މިނިސްޓްރީގެ އިސްވެރިނަށް ސިޓީއަކުން އަންގާފައި ވަނީ މި މަހު ނުވައެއްގަ އެވެ. އެ ކޮމިޓީ އަށް ހައުސިން މިނިސްޓަރު ޑރ. ހައިދަރު ވަޑައިގަންނަވާނެ ކަމަށް ހައުސިން މިނިސްޓްރީން މިދިޔަ އާދިއްތަ ދުވަހު މަޖިލީހަށް ފޮނުވި ސިޓީއެއްގައި ބުނެފައިވާ ކަމަށް ވެސް މުގައްރިރު ވިދާޅުވި އެވެ.

"ދެންމެ އަޅުގަނޑަށް ލިބިފައި އޮތް މައުލޫމާތަށް ބަލާއިރުގައި މިއަދު ކެބިނެޓް މީޓިންއެއް އެބައޮތް. އެގާރަ ޖަހާއިރަށް ކެބިނެޓް މީޓިން ނިމޭނެ ކަމަށް ލަފާކޮށްފައި ގަޑި ދީފައި އޮތީ. ކަން ދިމާކުރި ގޮތުން ކެބިނެޓް މީޓިން ނިމިފައި ނުވާތީވެ ހައުސިން މިނިސްޓަރަށް ވަޑައިނުގަނެވުނީ. އެހެން ނަމަވެސް، އަޅުގަނޑު ގަބޫލުކުރަނީ މިނިސްޓަރަށް ވަޑައިނުގަނެވުނަސް، މިނިސްޓަރުގެ ޓީމުގައި ހިމެނޭ ތިން ބޭފުޅުން މިއަދުގެ ކޮމިޓީ އަށް ހާޒިރުވާން ޖެހޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

މިނިސްޓްރީން ވެސް ހަމަ އަމަލުކުރަން ޖެހޭނީ، މިނިސްޓަރު ވެސް އަޅުގަނޑު ގަބޫލުކުރަނީ އަމަލުކުރައްވަން ވާނީ އެ އޮންނަ އުސޫލުގެ ތެރެއިން ކަންކަން ރަނގަޅަށް ގެންގޮސްދޭން. އެހެން ނޫނިއްޔާ އަޅުގަނޑުމެންގެ ހިތްހަމަނުޖެހުމާއި ނުތަނަވަސްކަން ހުންނާނެ،"--- ލަތީފް، ދިއްދޫ ދާއިރާގެ މެމްބަރުން

މިއަދުގެ ޕެޓިޝަން ކޮމިޓީ ނިންމާލީ ވަކި ތާރީހެއް ނެތް ގޮތަށް، ނަމަވެސް ވީހާ ވެސް އަވަހަކަށް ހައުސިން މިނިސްޓްރީގެ އިސްވެރިން އެ ކޮމިޓީގެ ބައްދަލުވުމަކަށް ހާޒިރުކުރަން ނިންމުމަށް ފަހުގަ އެވެ.

ގެދޮރުވެރިޔާ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމެން ދެ ދުވަހަށް ވެފައި އޮއްވައި ނެރުމުން އޭސީސީން ވަނީ ފްލެޓް ދޫކުރުން ހުއްޓުވައިފަ އެވެ. އޭގެ ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ތަހުގީގަކަށް ފަހު، އޭސީސީން ބުނެފައި ވަނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. އެހެންވެ، މި ސަރުކާރުން ވަނީ އާ ފްލެޓް ކޮމިޓީއެއް ހަދައި، އެ ލިސްޓު މުރާޖައާ ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.