Roadha Mihaaru
ކަސްޓަމްސް: ކޮރަޕްޝަންގެ ހާއްޔެއް؟

ވިޔަފާރިވެރިން ބުނަނީ ކަސްޓަމްސް އަކީ ކޮރަޕްޝަންގެ ހާއްޔެއް ކަމަށް!

06 ޑިސެމްބަރ 2023

އެއް ވިޔަފާރިވެރިޔަކު ބުނި ގޮތުގައި ދައުލަތަށް އާމްދަނީ ހޯދަން ކޮންމެހެން ޓެކްސް ބޮޑު ކުރުމުގެ ބޭނުމެއް ނެތެވެ؛

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

އެއް ވިޔަފާރިވެރިޔަކު ބުނި ގޮތުގައި ދައުލަތަށް އާމްދަނީ ހޯދަން ކޮންމެހެން ޓެކްސް ބޮޑު ކުރުމުގެ ބޭނުމެއް ނެތެވެ؛

"ކުރަންވީ ކަމަކީ ރާއްޖެ އަށް އެތެރެކުރާ މުދަލުން ކަސްޓަމްސް އިން ރަނގަޅަށް، ތެދުވެރިކަމާ އެކު ޑިއުޓީ ނަގަން ފަށަންވީ،" އޭނާ ބުންޏެވެ.

އޭނާ ދެއްކި އެއް މިސާލަކީ ކަސްޓަމްސްގެ ބައެއް މުވައްޒަފުން ވިޔަފާރިވެރިންނާ ގުޅިގެން ހިންގާ މި ބިޔަ ކޮރަޕްޝަންގެ ތެރޭގައި އެތައް ބިލިއަން ރުފިޔާއެއް ގެެއްލޭ ކަމެވެ. އޭނާ ބުނާ ގޮތުން، ޑިއުޓީން ދައުލަތަށް އެއް ބިލިއަން ރުފިޔާ ލިބިއްޖެ ނަމަ، އޭގެ މާނައަކީ، ރަނގަޅަށް ޑިއުޓީ ނަގައިފި ނަމަ ހަމަ އެ މުދަލުން ދެ ބިލިއަން ރުފިޔާ ލިބޭނެ އެވެ.

"އެހާ ވަރަށް އަންޑަވެލިޔު ކޮށްގެން، އިންވޮއިސްތަކަށް އޮޅުވާލައިގެން ކަސްޓަމްސްގެ މުވައްޒަފުންނަށް ވެސް ރިޝްވަތު ދީގެން މިކަމެއް ހިނގާތާ ކިތަންމެ ދުވަހެއް. މިއީ ވިޔަފާރިވެރިން އެންމެން ވެސް ދަންނަ ކަމެއް. ރާއްޖޭގައި ޑިއުޓީ އަށް މަކަރު ނުހަދާ ވިޔަފާރިވެރިން ބައިވަރު އެބަ އުޅޭ،" އޭނާ ބުންޏެވެ.

ކަސްޓަމްސްގެ މުވައްޒަފުންނަށް ރިޝްވަތު ދިނުމަކީ އާންމު ކަމެއް

ދައުލަތުގެ ޓެކްސް އިދާރާ "މީރާ" އިން މި އަހަރު ވަރަށް މުހިންމު ސާވޭއެއް ކުރި އެވެ. އެ އިދާރާ އިން އެ ސާވޭ ކުރީ، މީރާ އިން ދޭ ހިދުމަތްތަކާއި ޓެކްސް އަށް ވިޔަފާރިވެރިންނާއި އާންމުން އަހުލުވެރިވެފައިވާ މިންވަރު ދެނެގަތުމުގެ ބޭނުމަށެވެ. އެ ރިޕޯޓް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް ފޮތުގައި ވަނީ ޝާއިއު ވެސް ކޮށްފަ އެވެ.

އެ ރިޕޯޓުން އެންމެ ބޮޑަށް ފާހަގަވި އެއް ކަމަކީ، ޓެކްސް ދައްކަން ބައެއް ވިޔަފާރިވެރިން އުޒުރުވެރިވާ ހާލަތެވެ. ސާވޭގައި ބައިވެރިވި 221 ވިޔަފާރިވެރިންގެ ތެރެއިން ގިނަ މީހުން ބުނެފައި ވަނީ ކޮރަޕްޝަން އޮތްވަރުން ޓެކްސް ދައްކަން އުޒުރުވެރިވާ ކަމަށެވެ.

"މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުންނަށް ރިޝްވަތު ދިނުމަކީ އާންމު ކަމެއް،" ސާވޭގައި ބައިވެރިވި ވިޔަފާރިވެރިންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ބުނެފައިވާ ކަމަށް ރިޕޯޓްގައި ވެ އެވެ.

އޭގެ މާނައަކީ، މުދާތައް ކްލިއާ ކުރުމުގައި ކަސްޓަމްސްގެ މުވައްޒަފުންނަށް ރިޝްވަތު ދީގެން އޮޅުވާލާއިރު، އާންމު ވިޔަފާރިތަކުން ޓެކްސް ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް ވިޔަފާރިވެރިން ދެކޭ ކަމެވެ.

ވިޔަފާރިވެރިންގެ ތެރެއިން ބޮޑެތި ވިޔަފާރިވެރިން ވެސް އެކަން ގަބޫލުކުރެ އެވެ. އެކަކު، ނަން ޖަހަން ނޭދި ބުނިގޮތުގައި ކަސްޓަމްސްގެ ހުރިހާ ލެވެލްއެއްގައި ވެސް އެކަން ދަނީ ހިނގަމުންނެވެ. އެނގިފައިވާ ގޮތުގައި، އެފަދަ މައްސަލަތަކުގައި ބައެއް މުވައްޒަފުންނަށް ކަސްޓަމްސް އިން ވަނީ ފިޔަވަޅު ވެސް އަޅައި، ޖޫރިމަނާ ވެސް ކޮށްފަ އެވެ.

އިންވޮއިސްތައް އޮޅުވާލާ ޓީމްތައް އޮވޭ

ކަސްޓަމްސް އަކީ ދައުލަތަށް ލިބޭ އާމްދަނީގެ 20 ޕަސެންޓް ހިއްސާވާ މުއައްސަސާ އެވެ. އިމްޕޯޓް ޑިއުޓީ އަކީ ކޮންމެ އަހަރަކު ވެސް ދައުލަތަށް ގިނަ އަދަދަކަށް ފައިސާ ވައްދައިދޭ ދާއިރާ އެކެވެ. އަންނަ އަހަރު އިމްޕޯޓް ޑިއުޓީގެ ގޮތުގައި ހަތަރު ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންޒާދާ ކުރެވެ އެވެ.

ޓެކްސްގެ އިދާރީ އޮނިގަނޑަށް ގެނައި ބަދަލުތަކާ އެކު، ކަސްޓަމްސް އިން ހުރިހާ ބާވަތްތަކަކުން ޑިއުޓީއެއް ނުނަގަ އެވެ. ގިނަ މުދާ ހުންނަނީ ސުން ރޭޓުގަ އެވެ.

މި ރިޕޯޓަށް ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި ތެދުވެރިކަމާ އެކު، ހަމަ އަގުގައި މުދާ ނެރުމަކީ އެއީ ވިޔަފާރިވެރިޔާގެ އަތްމަތީގައި އޮންނަ ކަމެކެވެ.

"އޭނާ ތެދުވެރިވާނީތޯ ނުވަތަ ނުވާނީތޯ އެއީ އެ ވިޔަފާރިވެރިއެއްގެ ނިންމުމެއް. އެކަމަކު ތެދުވެރި ވާން ބޭނުން ނުވާ މީހާ އަށް އެ ފުރުސަތު ކަސްޓަމްސްގައި އޮތީ އިންތިހާ އަށް ކުރިމަތިވެފައި،" އެއް ވިޔަފާރިވެރިއަކު ބުންޏެވެ.

"މުދާ އަންޑަވެލިޔު ކުރުމާއި ކޮންޓިޓީ އޮޅުވާލުން ކަހަލަ ކަންކަން ނުކުރެވޭ ގޮތަށް ކަސްޓަމްސްގައި އޮންނަނީ ވަރަށް ކަރުކަށި ގަވައިދުތައް ހަދައިފައި. އެކަމަކު އެއެއް ނުވެއް ބެލޭ."

ކަސްޓަމްސްގެ މިދިޔަ އަހަރުގެ އަހަރީ ދުވަސް ފާހަގަ ކުރަނީ -- ފައިލް ފޮޓޯ: މިހާރު

ކަސްޓަމްސްގެ މިދިޔަ އަހަރުގެ އަހަރީ ދުވަސް ފާހަގަ ކުރަނީ -- ފައިލް ފޮޓޯ: މިހާރު

"ކަސްޓަމްސްގެ އެކި ލެވެލްގައި ކޮރަޕްޝަން އެބައޮތް. މިސާލަކަށް 200 ޕަސެންޓް ޑިއުޓީ ހިމެނޭ އެއްޗެއް. އޭތި 100 ޕަސެންޓަށް ބަދަލު ކުރޭ އެބަ، ނޫނީ އަދަދު އެބަ މަދުކޮށްލާ. މިކަހަލަ ކިތަންމެ ކަމެއް ހިނގާ."

އެހެން ވިޔަފާރިވެރިއަކު ބުނި ގޮތުގައި، ކަސްޓަމްސްގެ ތެރޭގައި އެކަހަލަ ޓީމުތަކެއް އޮވެ އެވެ. އެންމެ މީހަކަށް ރިޝްވަތު ދިނުމުން، މުޅި ޓީމަށް އޭތި ބެހި، މުދާ ކްލިއާ ކުރުމުގެ ހުރިހާ ޕްރޮސެސްއެއް އޮންނަނީ ފުރިހަމަ ވެފަ އެވެ.

މި މައްސަލައިގައި، އެކި ވިޔަފާރިވެރިން ދެއްކި ހުރިހާ ވާހަކައެއް، އެއީ ސާބިތު ކުރެވިދާނެ ވާހަކަތަކެއް ކަމަށް ވާތީ ލިޔެވެން ނެތީ އެވެ. އެކަމަކު، ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި ކަސްޓަމްސްގައި ޒަމާނުއްސުރެ ނައްތާނުލެވި އޮތީ ކޮރަޕްޝަނެވެ.

"ކޮރަޕްޝަންގެ ހާއްޔެއް،" އެއް ވިޔަފާރިވެރިޔަކު ކަސްޓަމްސް ސިފަކޮށްދިނެވެ.

"ހައްދުން ނައްޓާފައި އޮތް ކަމެއް އެއީ."

ޑިއުޓީ އަށް މަކަރު ހެދޭނެ އެއްވެސް ގޮތެއް ނެތް: ކަސްޓަމްސް

މި މައްސަލައިގައި، ލިޔުމުން ފޮނުވި ސުވާލުތަކަކަށް އާ ކޮމިޝަނަރު ޔޫސުފް މާނިއު މުހަންމަދު ވިދާޅުވީ ކަސްޓަމްސްގެ އެއްވެސް ސެކްޝަނަކުން އަދި އެއްވެސް އޮފިސަރަކު ވިޔަފާރީގެ އެއްވެސް ޕްރޮސެސްއަކުން ޑިއުޓީ އަށް މަކަރު ހެދޭނެ ގޮތެއް ނެތް ކަމަށެވެ.

"ކަސްޓަމްސްގެ އެތެރޭގެ ނިޒާމްތައް ބައްޓަން ކުރެވިފައި ވާނީ ކޮންމެ އޮފިސަރަކަށް ކަނޑައެޅިފައިވާ މަސައްކަތް ކުރެވޭއިރު މޮނިޓާ ކުރެވޭ ގޮތަށްކަން ފާހަގަ ކުރަމެވެ،" ލިޔުމުން ދެއްވި ޖަވާބުގައި ވެ އެވެ.

"މުދަލުގެ ލިޔެކިޔުން ނިންމުމާއި މުދާ ދޫކުރުމުގެ ކަންކަމަކީ އޮޓަމޭޓެޑް ސިސްޓަމެއްގެ ތެރެއިން އޮފިސަރުންނަށް އެސައިން ވެގެން ކުރެވޭ ކަންތައްތަކެއް ކަމަށް ވާއިރު ވިޔަފާރިވެރިއެއްގެ މުދަލާ މެދު ވަކި ގޮތަކަށް އަމަލު ކުރުމަށް ވަކިވަކި އޮފިސަރުންނަށް ފުރުސަތެއް ނޯންނާނެކަން ފާހަގަ ކުރަމެވެ."

އޭނާ ވިދާޅުވި ގޮތުގައި ކަސްޓަމްސްއާ ގުޅޭ ތުހުމަތުތަކާއި ޝަކުވާތައް ހުށަހެޅޭނެ ނިޒާމެއް ކަސްޓަމްސްގެ ތެރޭގައި ވެސް އޮވެ އެވެ.

"މުވައްޒަފަކާ މެދު މި ބާވަތުގެ މައްސަލައެއް ފާހަގަކުރެވިއްޖެ ނަމަ އެ މައްސަލައެއް ތަހުގީގުކޮށް، ކުށުގެ ކުޑަބޮޑުމިނަށް ބަލައި ކަސްޓަމްސްގެ ގަވައިދުގެ ތެރެއިން ދަނީ ފިޔަވަޅު އެޅެމުންނެވެ. ހަމަ މިފަދައިން ކަސްޓަމްސްގެ މަސައްކަތުގެ ތެރެއިން ވިޔަފާރިވެރިންނާ ކަސްޓަމްސްގެ މެދުވެރިންގެ ތެރެއިން މައްސަލައެއް ފާހަގަކުރެވިއްޖެ ނަމަ އެ މައްސަލައެއް ބަލައި ކަސްޓަމްސް ގާނޫނާއި އާންމު ގަވައިދުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެޅިގެން ދާނެ އެވެ،" ކޮމިޝަނަރުގެ ޖަވާބުގައި ވެ އެވެ.

އާ ކޮމިޝަނަރު މާނިއުއާ މަގާމުގެ ލިޔުން ރައީސް ޑރ. މުއިއްޒު މިދިޔަ މަހުގެ 20 ގައި ހަވާލު ކުރައްވަނީ: ނަޒާހާތްތެރި ކަސްޓަމްސްއެއް ހަދަން މަސައްކަތް ކުރައްވާނެ ކަމަށް މާނިއު ވިދާޅުވި.---ފޮޓޯ: ރައީސް އޮފީސް

އާ ކޮމިޝަނަރު މާނިއުއާ މަގާމުގެ ލިޔުން ރައީސް ޑރ. މުއިއްޒު މިދިޔަ މަހުގެ 20 ގައި ހަވާލު ކުރައްވަނީ: ނަޒާހާތްތެރި ކަސްޓަމްސްއެއް ހަދަން މަސައްކަތް ކުރައްވާނެ ކަމަށް މާނިއު ވިދާޅުވި.---ފޮޓޯ: ރައީސް އޮފީސް

އޭނާ ވިދާޅުވީ ކުރިއާ ހިލާފަށް ޑިއުޓީ އޮޅުވާލުމުގެ ފުރުސަތު ވެސް މިހާރު އޮތީ ވަރަށް ބޮޑުތަނުން ކުޑަކުރެވިފަ އެވެ. ސަބަބަކީ، އޭނާ ވިދާޅުވި ގޮތުގައި، އާންމުކޮށް ބޭނުންކުރާ ތަކެތިން ޑިއުޓީ ރޭޓު ސުން ރޭޓަށް ބަދަލު ކުރެވިފައިވާތީ އެވެ.

"އަދި ދަށް އަގުތަކުގައި ހުށަހަޅާ ޝިޕްމަންޓްތައް އިތުރަށް ބަލައި އެ ތަކެތީގެ އަގު އާންމު އަގުތަކަށް އަޕްލިފްޓް ކުރެވޭނެ ކަން ވެސް ފާހަގަކުރަން. އަގު ކަނޑައެޅުމުގައި ކަސްޓަމްސްގެ ޒިންމާ އަކީ ހުށަހެޅޭ ޑޮކިއުމެންޓްތަކަށް ބަލައި ހުށަހެޅޭ އަގާ މެދު ޝައްކެއް ނެތް މިންވަރަށް ކަށަވަރުކޮށް އަގު ފާސްކުރުން. ކަސްޓަމްސް އަށް އިމްޕޯޓަރުން ހުށަހަޅާ އަގުތަކުގެ ތެރެއިން ގާތްގަނޑަކަށް 90 ޕަސެންޓް އެއްވެސް ބަދަލެއް ނެތި ފާސްވަމުންދޭ،" ޖަވާބުގައި ވެ އެވެ.

އެކަމަކު ވިޔަފާރިވެރިން ބުނަނީ ކަން އޮންނަނީ އެހެން ނޫން ކަމަށެވެ. ވިޔަފާރިވެރިން ބުނަނީ ގަވައިދުތައް ކިތަންމެ ވަރުގަދަވިޔަސް، ކަސްޓަމްސް ތެރެއިން ރިޝްވަތު ދީގެން މުދާ ނެރުމަކީ އެއްވެސް ކަމެއް ނޫން ކަމަށެވެ.

ދައުލަތުގެ ގިނަ މުއައްސަސާތަކަށް ވަދެފައި އޮތް އެންމެ ބޮޑު ބަލިމަޑުކަމަކީ ކޮރަޕްޝަނެވެ. ކަސްޓަމްސް އަކީ، ބޭރަށް ތިލަނުވެ އޮތް، އެކަމަކު ހަގީގަތުގައި ބޮޑެތި ތުހުމަތުތަކެއް އޮތް ބޮޑު މުއައްސަސާއެކެވެ.