Roadha Mihaaru
ޕްރޮޕެގެންޑާ މެޝިނަކަށް ޓީވީއެމް ބަދަލުވެއްޖެ: އެމްޑީޕީ

ސަރުކާރުގެ ޕްރޮޕެގެންޑާ މެޝިނަށް ޓީވީއެމް ބަދަލުވެފައިވާތީ ކަންބޮޑުވޭ: އެމްޑީޕީ

29 މާޗް 2017

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި، ސަރުކާރުގެ ޕްރޮޕެގެންޑާ މެޝިނަކަށް ޓީވީއެމް ބަދަލުވެފައިވާތީ ކަންބޮޑުވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި، ސަރުކާރުގެ ޕްރޮޕެގެންޑާ މެޝިނަކަށް ޓީވީއެމް ބަދަލުވެފައިވާތީ ކަންބޮޑުވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

ޓީވީއެމަށް 39 އަހަރު ފުރުމާ ގުޅިގެން މަރުހަބާ ކިޔައި އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ވޭތުވެދިޔަ 30 އަހަރު ޚަބަރާއި މުނިފޫހިފިލުވުމުގެ ދާއިރާއިން ދިވެހިންނަށް އަގު ނުކުރެވޭ ފަދަ ހިދުމަތްތަކެއް ޓީވީއެމުން ފޯރުކޮށްދީފައިވާ ކަމަށެވެ. ރާއްޖެ ދެކެމުން އަންނަ ބޮޑެތި ބަދަލުތަކާ އެކު ޓީވީއެމް ވެސް އައީ ބަދަލުވެ މިނިވަން ނޫސްވެރިކަމަށާއި ހިޔާލުފާޅުކުރުމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ޗެމްޕިއަނަކަށް ވަމުން ކަމަށް ބަޔާނުގައިވެ އެވެ.

ނަމަވެސް ޓީވީއެމް އަކީ މިހާރު ހަމައެކަނި ވަކިފަރާތެއްގެ ޚަބަރު ގެނެސްދޭ، ސިޔާސީ ކުލަވަރު ޖެހިފައިވާ ޓީވީ ސްޓޭޝަނެއް ކަމަށް އެމްޑީޕީން ބުންޏެވެ.

"ހުރިހާ ފަރާތެއްގެ ޚަބަރު ހަމަހަމަކަމާ އެކު ގެނެސްދޭންވާނެ ކަމުގައި ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނުގައި ވާއިރު، ޓީވީއެމް އިން ފާޅުގައި ވަކި ފަރާތެއްގެ ހަބަރު ގެނެސްދޭއިރު އެކަމާ މެދު ޕަބްލިކް ސަވިސް މީޑިޔާގެ ގަވަނިން ބޯޑާއި އިސް މެނޭޖްމަންޓުން ހިމޭނުން ތިބުމަކީ ކަނޑައެޅިގެން އެ ޤާނޫނާ އަދި މިނިވަން ނޫސްވެރިކަމުގެ އުސޫލުތަކާ ޚިލާފްވުމެވެ،" ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނީ ޕަބްލިކް ސާވިސް މީޑިއާ އަކީ ނުފޫޒުން އެއްކިބާވެފައިވާ އެޑިޓޯރިއަލްގެ މިނިވަންކަން ފުރިހަމަ އަށް ލިބިފައިވާ ތަނެއްގެ ގޮތުގައި ބާއްވަން އެންމެން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވީ ނަމަވެސް އިދިކޮޅު ފަރާތްތަކުގެ ހަބަރުތައް ޓީވީއެމުން ގެނެސް ނުދޭ ކަމަށެވެ. ޓީވީ ޕްރޮގްރާމްތަކުގައި ވެސް ވާދަވެރި ސިޔާސީ ފަރާތްތަކުގެ އިންޓަވިއު ނުގެނެސްދިނުމަކީ ހަމަހަމަކަމުން އެއްކިބާވެފައިވާ ކަމުގެ ހެއްކެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"ޓީވީއެމްގެ 39 ވަނަ އަހަރީ ދުވަހު ޓީވީއެމްއަކީ ރައްޔިތުންގެ ޚަރަދުގައި ރައްޔިތުންނަށް ހަމަހަމަ ގޮތުގައި ޚަބަރު ފޯރުކޮށްދީ، އިހްލާސްތެރިކަމާއެކު އެ މަސައްކަތްކޮށްދިނުމަށް ގާނޫނުން މަތިކޮށްފައިވާ ބައެއް ކަމުގައި ހަނދާން ކޮށްދެމެވެ. ޑިމޮކްރަސީގެ 4 ވަނަ ބާރަކީ މީޑިއާ ކަމުގައިވާއިރު އަދި ވަކިން ހާއްސަކޮށް އެއީ ދައުލަތުގެ މީޑިއާ ކަމުގައިވާއިރު އެއީ ވަކިފަރާތެއްގެ ސިޔާސީ އެޖެންޑާ ޕްރޮމޯޓުކުރާ ބައެއް ކަމުގައި ވެގެން ނުވާނެ އެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ދައުލަތުގެ މީޑިއާ އަކީ މިނިވަން އިންސާފުވެރި ތަނަކަށް ހަދައި ވަކި ފަރާތަކަށް ނުޖެހި ރައްޔިތުންނަށް ހަބަރާއި މައުލޫމާތު ފޯރުކޮށްދޭން އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ.