Roadha Mihaaru
ޓީވީއެމްގައި ފިޔާތޮށިކުލަ ލުމަށް ފަހު، ނޫކުލަ އަށް

ޓީވީއެމްގައި ފިޔާތޮށިކުލަ ލުމަށް ފަހު، ނޫކުލަ އަށް ބަދަލުކޮށްފި

25 މާޗް 2017

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ހިންގާ ޓީވީއެމްގެ އިމާރާތުގެ ބޭރު ފާރުގައި އިއްޔެ ފިޔާތޮށިކުލަ ލުމަށް ފަހު، މާ ގިނައިރުތަކެއް ނުވަނީސް ކުއްލި ގޮތަކަށް ނޫކުލަ އަށް ބަދަލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ހިންގާ ޓީވީއެމްގެ އިމާރާތުގެ ބޭރު ފާރުގައި އިއްޔެ ފިޔާތޮށިކުލަ ލުމަށް ފަހު، މާ ގިނައިރުތަކެއް ނުވަނީސް ކުއްލި ގޮތަކަށް ނޫކުލަ އަށް ބަދަލުކޮށްފި އެވެ.

ޓީވީއެމްގެ ބޭރު ފާރު ނޫކުލަ އަށް މި ބަދަލުކޮށްލީ، އިއްޔެ އިން ފެށިގެން އެ ފާރުގައި، ވެރިކަންކުރާ ޕީޕީއެމް ނިސްބަތްވާ ކުލަ ލަމުން ދާތީ ސޯޝަލް މީޑިއާގައި އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. މި މައްސަލާގައި ޓީވީއެމް މިނިވަންކަމާއި ސަރުކާރުގެ ނުފޫޒު އޮތް މިންވަރާ މެދު ވެސް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ސުވާލުތައް އުފައްދަމުން ދިޔަ އެވެ.

މިކަމާ ގުޅޭގޮތުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޚަލީލް މިއަދު ވިދާޅުވީ، ޕީއެސްއެމްގެ ބޭރު ފާރުގައި ފިޔާތޮށިކުލަ ލީ، އެ މަސައްކަތާ ހަވާލުވި މީހުންނަށް އެރި އޮޅުމަކުން ކަމަށެވެ. އަދި ކަނޑައެޅި ކުލަ ނޫން އެހެން ކުލައެއް ލާ ތަން ފެނުމުން، ޕީއެސްއެމްގެ މެނޭޖްމަންޓުން އެކަން ބަދަލުކުރީ ކަމަށް ވެދާނެ ކަމަށް ހަލީލް ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ޕީއެސްއެމްގެ ދަށުން ހިންގާ އިމާރާތްތަކުގައި ކުލަލުމާއި މަރާމާތު ކުރުން ފަދަ މަސައްކަތްތައް އެ ކުންފުނިން ކުރަނީ ބަޔަކާ ހަވާލުކޮށްގެންނެވެ.

ޓީވީއެމްގެ ބޭރު ފާރުގައި އިއްޔެ ފިޔާތޮށި ލާފައި: މި މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި.--ފޮޓޯ: ސޯޝަލް މީޑިއާ

ޓީވީއެމްގެ ބޭރު ފާރުގައި އިއްޔެ ފިޔާތޮށި ލާފައި: މި މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި.--ފޮޓޯ: ސޯޝަލް މީޑިއާ

އެ މީހުންނާ ހަވާލުކުރި ކުލަ ނޫން އެހެން ކުލައެއް ފާރުގައި ލަމުން ދިޔަކަން ފާހަގަ ކުރެވިގެން، އެކަން މެނޭޖްމަންޓުން އެންގި ކަމަށް ހަލީލް ވިދާޅުވި އެވެ.