Roadha Mihaaru
ޕީއެސްއެމުން އިދިކޮޅު މެމްބަރަކަށް ފުރުސަތު ދީފި

ޕީއެސްއެމުން އިދިކޮޅު މެމްބަރަކަށް ފުރުސަތު ދީފި

04 ޖުލައި 2017

ގިނަ ދުވަސްތަކަކަށް ފަހު ދައުލަތުގެ މީޑިއާ އިން އިދިކޮޅު ފަރާތަކަށް އެތަނުގެ ޕްރޮގްރާމަކުން މިރޭ ފުރުސަތު ދީފި އެވެ.

ގިނަ ދުވަސްތަކަކަށް ފަހު ދައުލަތުގެ މީޑިއާ އިން އިދިކޮޅު ފަރާތަކަށް އެތަނުގެ ޕްރޮގްރާމަކުން މިރޭ ފުރުސަތު ދީފި އެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޓީވީއެމްގެ މިރޭގެ "ރާއްޖެ މިއަދު" ޕްރޮގްރާމުން ފުރުސަތު ދިނީ އިދިކޮޅު ފަރާތްތަކުގެ ތެރެއިން މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ވެރިކަން ކުރާ ޕީޕީއެމުން ވަކިކޮށްފައިވާ މުހައްމަދު އަމީތަށެވެ. ޓީވީއެމްގެ ޕްރައިމް ޓައިމްގައި ދައްކާ މި ޕްރޮގްރާމުން ސަރުކާރުގެ ފަޅިން ފުރުސަތު ދިނީ ބިލެތްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު މުބީން އަށެވެ.

ޕީއެސްއެމްގެ އިސްވެރިއަކާ ގުޅޭ ގޮތް ނުވާތީ، މިއީ އިދިކޮޅު ފަރާތްތަކަށް އެތަނުގެ ޕްރޮގްރާމްތަކުން ފުރުސަތު ދޭން ފެށުން ކަމެއް ނުވަތަ ކުއްލި ގޮތަކަށް މި ބަދަލު އައި ސަބަބެއް އޮޅުން ފިލާ ގޮތެއް ނުވި އެވެ.

މިރޭ 9:30 ގައި އޮންނަ "ރާއްޖެ މިއަދު" ޕްރޮގްރާމުން އިދިކޮޅު މެމްބަރަކަށް ފުރުސަތު ދިން އިރު، އެ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ނުދޭ މައްސަލާގައި ޕީއެސްއެމްގެ އިސްވެރިންނާ އިދިކޮޅު މީހުން ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ބައްދަލުކޮށް ޝަކުވާ ހުށަޙަޅައިފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީން ވެސް ޕީއެސްއެމްގެ އިސްވެރިންނާ މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ބައްދަލުކޮށް ޝަކުވާ ހުށަހެޅި އެވެ.

މިދިޔަ ޖޫން 18 ގައި އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ޕީއެސްއެމްގެ އިސްވެރިންނާ ބައްދަލުކުރެއްވީ ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު ދެ މެމްބަރެކެވެ. އެއީ އަމީތުގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދު (ލޯޔަރު ވައްޑެ) އެވެ.

އެ ބައްދަލުވުމަށް ފަހު އަމީތު ވިދާޅުވީ "ރާއްޖެ މިއަދު" ޕްރޮގްރާމާއި ޚަބަރުތަކުގައި އިދިކޮޅު ފަރާތްތަކަށް ވެސް ހަމަހަމަ ފުރުސަތު ދޭނެ ކަމުގެ ޔަގީންކަން އެ ކުންފުނީގެ އިސްވެރިން ދެއްވި ކަމަށެވެ.

ޕީއެސްއެމުން ހަމަހަމަ ފުރުސަތު ނުދޭ މައްސަލާގައި އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެމްބަރުން ޕީއެމްއެމްގެ ބޯޑުގެ މެމްބަރުންނާ މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ބައްދަލުކުރައްވަނީ.

ޕީއެސްއެމުން ހަމަހަމަ ފުރުސަތު ނުދޭ މައްސަލާގައި އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެމްބަރުން ޕީއެމްއެމްގެ ބޯޑުގެ މެމްބަރުންނާ މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ބައްދަލުކުރައްވަނީ.

މިދިޔަ މޭ މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ދުވަސްވަރު ވެސް ޕީއެމްސެމް އިން އިދިކޮޅު މެމްބަރުންނަށް ހަމަހަމަ ފުރުސަތު ނުދޭ މައްސަލާގައި ޝަކުވާ ހުށަހެޅި އެވެ. އެކަމަކު އެ އިންތިޚާބުގެ ކެމްޕެއިން ނިމުނުއިރު ވެސް ޕީއެސްއެމް އިން އަޅައެއް ނުލަ އެވެ.