Roadha Mihaaru
ކަރަންޓުގެ 33 ޕަސެންޓް އިއާދަކުރަނިވި ހަކަތައަށް

ކަރަންޓުގެ 33 ޕަސެންޓް އިއާދަކުރަނިވި ހަކަތައަށް ބަދަލު ކުރާނަން: ރައީސް

01 ޑިސެމްބަރ 2023

ރާއްޖޭގައި ބޭނުން ކުރާ ކަރަންޓުގެ 33 ޕަސެންޓް އިއާދަ ކުރަނިވި ހަކަތަ އަށް ބަދަލު ކުރުމުގެ މަޝްރޫއެއް ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި ހިންގަަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގައި ބޭނުން ކުރާ ކަރަންޓުގެ 33 ޕަސެންޓް އިއާދަ ކުރަނިވި ހަކަތަ އަށް ބަދަލު ކުރުމުގެ މަޝްރޫއެއް ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި ހިންގަަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ދުބާއީގައި މިހާރު ކުރިޔަށް ދާ "ކޮޕް28" ސަމިޓުގެ މަތީ ފަންތީގެ ސެގްމެންޓުގައި މިއަދު ދެއްވި ތަގުރީރުގައި ރައީސް ވިދާޅުވީ ރާއްޖޭގައި މިހާރު އިއާދަކުރަނިވި ހަކަތަ ބޭނުން ކުރާ މިންވަރު ހުރީ ހަތަރު ޕަސެންޓްގައި ކަމަށެވެ.

އެ އަދަދު 33 ޕަސެންޓަށް އިތުރު ކުރުމަށް ފަށާ މަސައްކަތަށް މަދުވެގެން 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ބޭނުންވާނެ ކަމަށާއި އެކަން ހާސިލް ކުރުމަށް ބައިނަލްއަގުވާމީ މުޖްތަމައުގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށް ފައިސާ ހޯދުމަށް ކުރިމަތިވާ އުނދަގޫތައް ހައްލު ކުރުމުގެ މުހިންމު ކަން ފާހަގަ ކުރައްވައިފަ އެވެ. އެ މަސައްކަތް ބިނާވާން ޖެހޭނީ ޤައުމުތަކުގެ މެދުގައި ހަމަހަމަ، އަދި ލިބެންހުރި އެންމެ ރަނގަޅު ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ފަސޭހައިން ފައިސާ ހޯދޭނެ ނިޒާމެއް ގާއިމް ވާން ޖެހޭ ކަމަށާއި ފައިސާ ދިނުމުގައި ބަލާ މިންގަނޑުތައް ވެސް އަލުން މުރާޖާ ކުރަން ޖެހޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.