Roadha Mihaaru
ހައްލު ހޯދަން "މަސްވެރިންގެ ގުންޒަރު" ފަށައިފި

މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއެހުމަށް "މަސްވެރިންގެ ގުންޒަރު" ފަށައިފި

09 ޑިސެމްބަރ 2023

މަސްވެރިންނާއި އެ ސިނާއަތުގެ ވިޔަފާރިތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުވުމަށް ފިޝަރީޒް މިނިސްޓްރީން "މަސްވެރިންގެ ގުންޒަރު"ގެ ނަމުގައި ހާއްސަ ފޯރަމެއް މިއަދު ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މަސްވެރިންނާއި އެ ސިނާއަތުގެ ވިޔަފާރިތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުވުމަށް ފިޝަރީޒް މިނިސްޓްރީން "މަސްވެރިންގެ ގުންޒަރު"ގެ ނަމުގައި ހާއްސަ ފޯރަމެއް މިއަދު ފަށައިފި އެވެ.

ހ. މީރުމާ ހޯލުގައި ކުރިއަށް ގެންދާ މި ފޯރަމް ފެށީ މިއަދު ހެނދުނެވެ. މިއަދު ހަވީރު ފަހެއް ޖަހަންދެން ކުރިއަށް ގެންދާނެ މި ފޯރަމް އިފްތިތާހުކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި ފޯރަމަކީ މަސްވެރިކަމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގައި މަސްވެރިންގެ ހިއްސާ އިތުރުކުރުމުގެ ގޮތުން މަސްވެރިންގެ ދުވަހާ ދިމާކޮށް ބާއްވާ މަޝްވަރާ ފޯރަމެއް ކަމަށެވެ.

"މަސްވެރިންގެ ގުންޒަރު"ގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"މަސްވެރިންގެ ގުންޒަރު"ގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި ފޯރަމްގެ މައިގަނޑު މަގުސަދަކީ މަސްވެރިކަމުގައި އުޅޭ ފަރާތްތަކަށް މި ސިނާއަތާ ގުޅުންހުރި އެކިއެކި މައުލޫމާތު ދިނުމާއި ދިމާވާ ދަތިތައް ހައްލުކުރާނެ ގޮތްތަކާއި މި ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.

ފޯރަމްގައި މަޝްވަރާކުރަން ހަމަޖެހިފައިވާ ކަންކަން

• ރާއްޖޭގެ ކަޅުބިލަ މަހުގެ މަސްވެރިކަމަށް ލިބިފައިވާ އެމްއެސްސީ ސެޓިފިކެޓް ދެމެހެއްޓުމަށް ކުރާ މަސައްކަތްތައް.

• ޔޫރަޕާއި އެމެރިކާ ކަހަލަ މާކެޓްތަކަށް ބޮޑުކަންނެލީގެ އެކްސްޕޯޓް ކުރުން މެދުކެނޑުމެއް ނެތި ދެމެހެއްޓުމަށްޓަކާ ކުރާ މަސައްކަތްތައް.

• ކަނޑުމަތީގައި ދިމާވާ ނުރައްކާތެރި ޑައިވިން އެކްސިޑެންޓްތައް މަދުކުރުމަށް މަސްދޯނިފަހަރުގައި ރެސްކިއު ޑައިވިން ސެޓިފައިވެފައިވާ ފަޅުވެރިން ތިބުމުގެ މުހިންމު ކަމާ ގުޅޭ ގޮތުން މަޝްވަރާކުރުން.

• ކަނޑުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ގޮތުން އެހެން މައުލޫމާތުތައް ދިނުން.

"މަސްވެރިންގެ ގުންޒަރު"ގައި މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ބައެއް މީހުން ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"މަސްވެރިންގެ ގުންޒަރު"ގައި މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ބައެއް މީހުން ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިހާރު ކުރިއަށް ގެންދާ މި ފޯރަމްގައި ރާއްޖޭގެ އެކި ރަށްރަށުން 40 މަސްވެރިން ބައިވެރިވެ އެވެ.

ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން މި އަހަރު މަސްވެރިންގެ ދުވަސް ފާހަގަކުރަނީ މާލޭގަ އެވެ. މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އިއްޔެ އިން ފެށިގެން މާލޭގައި އަންނަނީ އެކި ހަރަކާތްތައް ބާއްވަމުންނެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު 10 ގަ އެވެ. މާދަމާ އަކީ ރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހެވެ.