Roadha Mihaaru

ބޮޑުކަންނެލި ޕްރޮސެސްކުރާ ފެސިލިޓީގެ މަސައްކަތް އަންނަ މަހު ފަށާނެ: މިނިސްޓަރު

ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސް ކުރުމަށް ގާއިމްކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފަށާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ބޮޑުކަންނެލި ޕްރޮސެސްކުރާ ފެސިލިޓީގެ މަސައްކަތް ފަށަނީ
ނާޒިމް ހަސަން
ނާޒިމް ހަސަން

10 ޑިސެމްބަރ 2025

ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސް ކުރުމަށް ގާއިމްކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފަށާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ފަށަން ގޮވާލައި ބޮޑުކަންނެލީގެ މަސްވެރިން މިއަދު ހެނދުނުން ފެށިގެން އިހުތިޖާޖު ކުރަމުން ދަނިކޮށް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑުކަންނެލި ގަންނަ ކުންފުނިތަކަށް ވިއްކާފައި ހުރި މަހަށް ފައިސާ ނުލިބި ދިގުލައިގެންދާތީ އާއި މަސްވެރިކަން ރަނގަޅުވާ ވަގުތު ކަންނެލީގެ އަގު ދަށްވާތީ ކަމަށެވެ.

އެކަން ހައްލުކުރަން ބޮޑުކަންނެލީގެ މަސްވެރިންގެ ހުށަހެޅުމަކީ ސަރުކާރުން އެކަމުގެ ތެރެއަށް ވަދެ ކަންނެލީގެ ވިޔަފާރީގައި ސަރުކާރުގެ ދައުރު ފުޅާކޮށް، ބޮޑުކަންނެލީގެ މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދު ވީހާވެސް އަވަހަކަށް ތަންފީޒުކުރަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ސަރުކާރުން ދަނީ ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސް ކުރަން ގާއިމްކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހުގެ ތެރޭ ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން ކަމަށެވެ.

މިދިޔަ އަހަރު ޖޫން މަހުން ފެށިގެން ކަންނެލި މަސްވެރިން އެންމެ ބޮޑަށް އެދެމުންދިޔަ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދާ އެކު މާލެ އޭރިޔާގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމް އެސްޓީއޯއިން ހަމަޖައްސާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމް އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ހަމަޖެހިގެންދާނެ އެވެ. އަދިވެސް ސިނާޔަތުގެ ތަރައްގީއަށް ގިނަ ކަންކަން ހުރިކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ކުރިއަށް އޮތީ މަސްވެރި އާއިލާތަކަށް އުފާވެރި ދުވަސްތަކެއް. މި ސަރުކާރަކީ ރާއްޖޭގެ ހުރިހާ ބާވަތެއްގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް މައުނަވީ ހައްލެއް ހޯދައިދޭނެ ސަރުކާރުކަން ޔަގީން،" މިނިސްޓަރު ވިދާޅުވި އެވެ.

މިފްކޯއަށް ބޮޑުކަންނެލި ގަންނަން ގޮވާލައި މަސްވެރިން އިހުތިޖާޖްކުރަނީ. ފޮޓޯ: ފަޔާޒް މޫސާ/މިހާރު

މިފްކޯއަށް ބޮޑުކަންނެލި ގަންނަން ގޮވާލައި މަސްވެރިން އިހުތިޖާޖްކުރަނީ. ފޮޓޯ: ފަޔާޒް މޫސާ/މިހާރު

ބޮޑުކަންނެލީގެ މަސްވެރިން މާލެ ބޭރު ކަނޑުމަތީގައި އިހުތިޖާޖު ކުރަމުންދާއިރު، އެކަމުގައި 49 ދޯނި ބައިވެރިވެ އެވެ. "ދެނެއް ނުފުރޭނެ، ދެނެއް ނުވާނެ" މި ޝިއާރުގެ ދަށުން ކުރާ އިހުތިޖާޖުގައި ގޮވާލަމުން ދަނީ މިފްކޯ އަށް ބޮޑުކަންނެލި ގަތުން ނުވަތަ މަސްވެރިންނާ ވާހަކަ ދައްކައިގެން އެހެން ގޮތްތަކެއް ހޯދުމަށެވެ.

މަސްވެރިންގެ ޑިމާންޑުތަކަށް ފުރިހަމަ ޖަވާބެއް ލިބެންދެން އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު ވެސް ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ހުޅުމާލޭ ފަޅުގައި އިހުތިޖާޖެއް ކުރި އެވެ. އޭގެ ކުރިން މިދިޔަ އަހަރުގެ ޖޫން މަހު ކުރި އިހުތިޖާޖެއްގައި މަސްވެރިން މާލޭ ފަޅަށް ވަދެގަތެވެ. އެ ފަހަރު އިހުތިޖާޖުކުރީ ލޭނު އަޅައިގެން ކަންނެލި ނަގަން ހުއްދަ ދޭން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެ ފަހަރު ވަަޑައިގެން މަސްވެރިންނާ ބައްދަލު ކުރައްވައި، ކަންބޮޑުވުންތައް އަޑު އެއްސެވި އެވެ.