Roadha Mihaaru
މިފްކޯއަށް 1.6 ބިލިއަންގެ ގެއްލުން ވެއްޖެ: ޝިޔާމް

މިފްކޯ އަށް 1.6 ބިލިއަން ރުފިޔާގެ ގެއްލުން ވެއްޖެ: ޝިޔާމް

01 ޖުލައި 2024

މި އަހަރުގެ ފުރަތަމަ ކުއާޓަރާ ހަމައަށް، ސަރުކާރުގެ މަސް ކުންފުނި މިފްކޯ އަށް 1.6 ބިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރުގެ ފުރަތަމަ ކުއާޓަރާ ހަމައަށް، ސަރުކާރުގެ މަސް ކުންފުނި މިފްކޯ އަށް 1.6 ބިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ، ދުނިޔޭގެ މާކެޓުގެ އަގުގައި މިއަދުން ފެށިގެން މިފްކޯ އަށް މަސް ގަންނަން ނިންމީ މިވަގުތު މުޅި ދައުލަތުގެ މާލީ ހާލަތާއި އެ ކުންފުނީގެ މާލީ ހާލަތު ހުރި ގޮތުން ކޮންމެހެން ގެންނަން މަޖުބޫރު ވެގެން ކަމަށެވެ.

މިފްކޯ ގެއްލުމުގައި އަބަދު ހިންގަމުންދާތީ އެ ކުންފުނީގެ ހާލަތު ރަނގަޅު ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިގޮތަށް ގެއްލުމުގައި މިފްކޯ ހިންގާ ކަމަށްވާ ނަމަ މިފްކޯގެ ޑިވެލޮޕްމެންޓަށް ވެސް ކުރެވޭނެ ކަމެއް ނޯވެ. އަޅުގަނޑުމެންނަށް އަޑު އިވެނީ މިފްކޯއެއް ބަދަލެއް ނުވެއޭ، މަސްވެރިންގެ ދޯނިފަހަރު ބަދަލުވެއްޖެއޭ،" ޝިޔާމް ވިދާޅުވި އެވެ.

"ރަނގަޅު ވާހަކައެއް. އެ ބަދަލު ނުވުމުގެ މައިގަނޑު އެއް ސަބަބަކީ މިފްކޯ ދަރަނީގައި ހިންގަން ޖެހެނީ. މިފްކޯ އަށް ލިބޭ ހުރިހާ އާމްދަނީއެއް މުސާރައަށާއި މަސްވެރިންގެ ޕޭމަންޓުތަކަށް ހަރަދު ކޮށްފައި ނޯވޭ މިފްކޯގެ ތަރައްގީ އަށް ކުރެވޭނެ މަސައްކަތެއް."

މަސްތަކެއް ދޯނިން ބައިލަނީ. މަހުގެ އަގު މިހާރު ކަނޑައަޅަނީ ދުނިޔޭގެ ބާޒާރުގައި ލިބޭ އަގަށް ބިނާކޮށް -- ފޮޓޯ: މިހާރު

މަސްތަކެއް ދޯނިން ބައިލަނީ. މަހުގެ އަގު މިހާރު ކަނޑައަޅަނީ ދުނިޔޭގެ ބާޒާރުގައި ލިބޭ އަގަށް ބިނާކޮށް -- ފޮޓޯ: މިހާރު

ޝިޔާމް ވިދާޅުވީ، ކިލޯއެއް 25ރ. އަށް ވިއްކާ ނަމަ ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.

"ދައުލަތުން މިފްކޯ އަށް 1.2 ބިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި ދޭން ޖެހޭ. އެހެންވެ އެ އަދަދަކީ ޔަގީނުން ވެސް މިފްކޯ އަށް ދޭން ފަސޭހަ އަދަދެެއް ނޫން. އަދި ސަރުކާރަށް ވެސް. އެއީ ވާނެ ވެސް ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވެ ބޭނުންވީ ވެސް 20ރ. ގައި މަސް ކިލޯއެއް ހިފަހައްޓަން ކަމަށާއި ނަމަވެސް މާލީ ގޮތުން އެއީ ނުކުރެވޭނެ ކަމެއް ކަމަށް ގަބޫލު ކުރެއްވުނު ކަމަށް އޭނާ ވިދާޅުވި އެވެ. އެ އަގުގައި މަސް ކިރުވާ ނަމަ މާލީ ތާށިކަމުގެ ތެރެއިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވި ލަސްވެ، އެ އާއިލާތަކަށް އެކަމުގެ އުނދަގޫތަކާ ކުރިމަތިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ، 20ރ. އަށް އަގު ހެދި ނަމަވެސް އެއީ ޕްރައިވެޓް ސެކްޓރަށް ވެސް ގަންނަން ފަސޭހަ އަގެއް ނޫން ކަމަށާއި މިފްކޯއިން ގެންގުޅޭ އަގުތަކުގެ ސަބަބުން ޕްރައިވެޓް ސެކްޓަރުގައި މަސައްކަތް ކުރާ ކުންފުނިތަކުގެ ހިންގުން ގާތްގަނޑަކަށް ހުއްޓިފައި އޮތް ކަމަށެވެ. އެހެންވެ، އަލަށް ގެނައި ބަދަލާ އެކު ޕްރައިވެޓް ސެކްޓަރަށް ވެސް މަސްވެރިކަމުގެ ދާއިރާއިން ނަފާ ހޯދަން ފަސޭހަވާނެ ކަމަށް ވިދާޅުވި އެވެ.

މި ހަފުތާގައި ކަނޑުމަސް ކިލޯއެއް ގަންނަނީ 16ރ.-14ރ. އާ ދެމެދުގެ އަގެއްގަ ކަން މިފްކޯ އިން ވަނީ އިއުލާން ކޮށްފަ އެވެ.

މި ސަރުކާރުން ވަނީ މަހުގެ އަގު 20ރ. ގައި ބެހެއްޓުމަށާއި މަސްވެރިން ކިރާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ ގޮތްތަކެއް ފަހިކޮށްދޭން ވައުދުވެފަ އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި، މަހުގެ އަގު 20ރ. ބޮޑު ކުރެވޭނީ އިގުތިސާދީ ހާލަތު ރަނގަޅުވެ، މިފްކޯއަކީ ވެސް ފައިދާވާ ކުންފުންޏަކަށް ވާ ހިސާބުންނެވެ. މަސް ކިރުވުމަށް ފަހު 48 ގަޑިއިރު ތެރޭ ފައިސާ ލިބޭނެ ގޮތްތައް ފަހި ކުރަން އަދި ދުވަސް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ކުރާނީ މަސް ޕްރޮސެސިން ފެކްޓްރީތައް ނިންމައި 80،000 ޓަނުގެ މަސް ޕްރޮސެސް ކުރާ ހިސާބުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.