އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ގޭ ބަންދަށް ބަދަލުކުރަން ކްރިމިނަލް ކޯޓުން ނިންމީ ގޯސްކޮށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
05 ފެބުރުއަރީ 2025
އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ގޭ ބަންދަށް ބަދަލުކުރަން ކްރިމިނަލް ކޯޓުން ނިންމީ ގޯސްކޮށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ލަމްހާ މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ގޭބަންދަށް ބަދަލުކުރި ސަބަބަކީ ޝަރީއަތް ދިގުލައިގެންދާތީ އެވެ. ނަމަވެސް، ކްރިމިނަލް ކޯޓުގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުން ވަނީ ނިންމައިފަ އެވެ. ދެން އޮންނާނީ ދިފާއީ ހެކިބަސް ނެގުމެވެ.
ހައި ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ ޝަރީއަތް ލަސްވުމަކީ މުޖުތަމައުއަށް ނުރައްކާވެދާނެ ކަމުގެ އިހުތިމާލު އޮތް މީހަކު ބަންދުން ދޫކޮށްލަން ޖެހޭ ސަބަބެއް ނޫން ކަމަށް ސުޕްރީމް ކޯޓުން މީގެކުރިން ކަނޑައަޅާފައިވާ ކަމަށެވެ.
އެހެންވެ މައްސަލައިގެ ޝަރީއަތް ނިމޭނެ ދުވަހެއް އަންދާޒާ ނުކުރެވޭނެ ކަމަށް ބުނެ ލަމްހާ ގޭބަންދަށް ބަދަލުކުރީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ނިންމުންތަކާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ކަނޑައެޅި އެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ ލަމްހާ ގޭ ބަންދަށް ބަދަލުކުރަން ނެރުނު އަމުރު ބާތިލްކުރާ ކަމަށެވެ. އަދި އޭނާ ޖަލު ބަންދުކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ހަތް ދުވަސް ތެރޭ ހުށަހަޅައިފިނަމަ، އެކަމާ މެދު ކްރިމިނަލް ކޯޓުން އަލުން ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ.
އެ މައްސަލާގައި ލަމްހާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް ހަ އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އޭނާއަށް ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު، ބަންދުގައި ހުންނަތާ މިހާރު ވަނީ ތިން އަހަރު ވެފަ އެވެ.
އައިޖީއެމްއެޗް ހޮސްޕިޓަލްގެ ނަރުހެއްގެ ގޮތުގައި ވަޒީފާ އަދާކުރަމުންދިޔަ ފިލިޕީންސްގެ ރައްޔިތެއް ކަމަށްވާ މޭރީ އަމިއްލައަށް ދަންޖެހިގެން މަރުވި ކަމަށް އޭނާގެ ފިރިމީހާ މާވިން ފުރަތަމަ ބުނި ނަމަވެސް، އެއީ ގަސްތު މަރެއްކަން ފަހުން ހާމަވުމުން މާވިން މައްޗަށް ދައުވާ ކޮށްފައި ވާއިރު، ލަމްހާގެ މައްޗަށް ތިން ދައުވާއެއް ކުރެ އެވެ. ލަމްހާ އަކީ މާވިންއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހެއް ކަމަށް ދައުލަތުން ބުނެ އެވެ.
މާވިންގެ ލޯބިވެރިޔާ ކަމަށް ބުނާ ލަމްހާގެ މައްޗަށް ކުރާ ދައުވާތައް:-
● އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުން
● އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުން
● ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުން
އެ ދައުވާތަކަށް ލަމްހާ އަދި މާވިން ވެސް އިންކާރުކޮށްފައި ވާއިރު، ދައުލަތުން ވަނީ އެ މައްސަލަ ސާބިތުކުރަން ގިނަ އަދަދެއްގެ ހެކި ހުށަހަޅައިފަ އެވެ. އެގޮތުން ޖުމްލަ 110 ހެއްކެއް ދައުލަތުން ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި 74 ހެކިވެރިން ހިމެނެ އެވެ.
މޭރީ މަރުވި ގޮތާ ބެހޭގޮތުން މާވިން އެކި ފަހަރު އެކިގޮތަށް ވާހަކަ ދައްކާފައިވާކަން ފާހަގަކޮށް، ދައުލަތުން ބުނީފައިވަނީ މޭރީ ދަންޖެހުނު ކަމަށް ބެލެވޭ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އަދި މޭރީ ދަންޖެހިގެން މަރުވި ކަމަށް ދައްކަން ސީންއެއް އުފެއްދި ކަމަށް ވެސް ދައުލަތުން ބުނެފައިވެ އެވެ. ނަމަވެސް، އޭނާ މަރުވެފައިވަނީ ބޮލަށާއި ކަރަށް ދިން ހަމަލާތަކަކުންކަން ޕޯސްޓްމޯޓަމްއިން ހާމަވެފައިވާ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އެ މައްސަލާގައި ބޮޑެތި ތުހުމަތުތަކެއް އަމާޒުވާ ލަމްހާ ގޭބަންދަށް ބަދަލު ކޮށްފައި ވާއިރު، މާވިން އަދިވެސް ހުރީ ޖަލު ބަންދުގަ އެވެ.
ލަމްހާ ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި
ނަޒާހާގެ މައްސަލާގެ ހުކުމް މިމަހު އިއްވަނީ
ފުލުހަށް ނާންގާ ކޯޓަށްދާތީ ލަމްހާ ބަންދުކުރަން އެދެފި
ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ސުޕްރީމް ކޯޓަށް
ލަމްހާ ދޫކުރި މައްސަލަ ބަލަންޖެހޭ ސަބަބެއްނެތް:ހައިކޯޓް
ލަމްހާ ދޫކުރި މައްސަލަ ހައި ކޯޓުން ބަލައެއްނުގަތް
ލަމްހާ އަނެއްކާވެސް ދޫކޮށްލުމުން ޕީޖީން ހައި ކޯޓަށް
އަނަސްގެ މަރު: ހައި ކޯޓުން ޝަރީއަތް ފަށައިފި
އަނަސްގެ މަރުގެ މައްސަލަ އިސްތިއުނާފުކޮށްފި
އިންސާފުގެ އުންމީދު ގެއްލިއްޖެ: އަނަސްގެ ބައްޕަ