Roadha Mihaaru
ފީސީއޯއެސްގެ ފަރުވާތައް އާސަންދައިން ހަމަޖައްސަނީ

ފީސީއޯއެސްގެ ހުރިހާ ފަރުވާއެއް އާސަންދައިން ހަމަޖެހޭ ގޮތް ހަދަނީ

10 ޑިސެމްބަރ 2023

އަންނެހުންނަށް ދިމާވާ ސިއްހީ ބައެއް މައްސަލަތައް ކަމަށްވާ ޕޯލިސްޓިކް އޮވަރީ ސިންޑްރޯމް (ޕީސީއޯއެސް) އާއި އެންޑޮމެޓްރިއޯސިސްގެ ހުރިހާ ފަރުވާ އާސަންދަ އިން ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަންނެހުންނަށް ދިމާވާ ސިއްހީ ބައެއް މައްސަލަތައް ކަމަށްވާ ޕޯލިސްޓިކް އޮވަރީ ސިންޑްރޯމް (ޕީސީއޯއެސް) އާއި އެންޑޮމެޓްރިއޯސިސްގެ ހުރިހާ ފަރުވާ އާސަންދަ އިން ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.

ވަޒީރުންގެ މަޖިލީހުން އެގޮތަށް ނިންމާފައިވާކަން އިއުލާންކުރެއްވީ ރައީސް އޮފީހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް އެވެ.

ފިރުޒުލް ވިދާޅުވީ ޕީސީއޯއެސް އާއި އެންޑޮމެޓްރިއޯސިސްގެ ފަރުވާ އާސަންދައިން ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހަށް ހާއްސަ ކަރުދާހެއް މިއަދު ހުށަހަޅައިގެން މަޝްވަރާކުރެއްވި ކަމަށެވެ. އެ މަޝްވަރާތަކަށް ފަހުގައި ވަޒީރުންގެ މަޖިލީހުން ނިންމީ ޕީސީއޯއެސް އާއި އެންޑޮމެޓްރިއޯސިސްގެ ހުރިހާ ފަރުވާއަކަށް އާސަންދަ އިން ފުލް ކަވަރޭޖު ދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ބަލިތަކަށް ޑައިގްނޯސް ކުރެވޭ ގޮތެއްގެ ސަބަބުން އާސަންދައިގެ ތެރެއިން އެންމެ ފުރިހަމަ އަށް ކަވަރޭޖު ނުލިބޭތީ ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދުގެ ހާލަތަށް ބަލާއިރު މިއީ އަންހެން ބޭފުޅުންގެ ތެރެއިން ގިނަ ބަޔަކު، ވޭތުވެދިޔަ ދެ އަހަރުގެ ތަފާސްހިސާބަށް ބަލާއިރު ވެސް ގިނަ އަދަދަކަށް ފަރުވާ ހޯދާފައިވާ މައްސަލަތަކެއްކަން ފާހަގަކުރެވޭ،" ފިރުޒުލް ވިދާޅުވި އެވެ.

ރައީސް އޮފީހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ދަރިމައިވުމުގެ މައްސަލަ އަށް ދޭ ފަރުވާއެއް ކަމަށްވާ އައިވީއެފް ހެދުމުގެ ހަރަދު އާސަންދައިގެ ތެރެއިން ލިބޭނެ ގޮތް ހަމަޖައްސައި، ފާޓިލިޓީ ކެއާ އަށް 30 މިލިއަން ރުފިޔާގެ ހާއްސަ ފަންޑެއް ގާއިމްކުރަން ވެސް ނިންމައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ހަފުތާގައި އެކަން އިއުލާންކޮށްފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި، އާސަންދަ ސްކީމްގެ ގަވައިދު އިސްލާހުކޮށް، ގެޒެޓުކުރާނެ ކަމަށާއި އައިވީއެފަށް ހާއްސަކޮށް އުސޫލެއް ވެސް ހަދާނެ އެވެ.

ގުދުރަތީ ގޮތުން ދަރިން ނުލިބޭ ނަމަ އެކަމަށް ދެން އޮތް ހައްލަކީ އައިޔޫއައި އަދި އައިވީއެފް މެދުވެރިކޮށް ދަރިން ހޯދުމެވެ. މި ފަހަކާ ޖެހެންދެން ވެސް ރާއްޖޭގައި ތިބެގެން އައިވީއެފް ނުހެދޭތީ އެ ފަރުވާއަށް ގިނަ މީހުން ދަނީ އިންޑިއާއަށެވެ. ނަމަވެސް، އަމިއްލަ އަތުން ކިތަންމެ ބޮޑު ހަރަދެއް ހިނގިޔަސް، އެއިން އެއްވެސް ފަރުވާއަކަށް އާސަންދައެއް ނުލިބެ އެވެ.