Roadha Mihaaru
ހަމަލާ ހުއްޓުވާ ގަރާރު ވީޓޯ ކުރުމުން ކަންބޮޑުވުން!

ގާޒާއަށް ދޭ ހަމަލާތައް ހުއްޓުވަން ހުށަހެޅި ގަރާރު އެމެރިކާއިން ވީޓޯ ކުރުމުން ރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފި

11 ޑިސެމްބަރ 2023

ފަލަސްތީނުގެ ގާޒާއަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު އެމެރިކާއިން ވީޓޯ ކުރުމުން ރާއްޖެއިން އެކަމާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ފަލަސްތީނުގެ ގާޒާއަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު އެމެރިކާއިން ވީޓޯ ކުރުމުން ރާއްޖެއިން އެކަމާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެކަމާ ކަންބޮޑުވުން ފާޅުކުރެއްވީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު އެޗްއީހޫގޯ ޔޮންއާ އެކު މިއަދު ބޭއްވެވި ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމަށްފަހު މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގަރާރު އެމެރިކާ އިން ވީޓޯ ކުރުމުން ކަންބޮޑުވުން ފާޅުކުރެއްވި ކަމަށެވެ. އަދި ހަނގުރާމަ ހުއްޓާލައި ގާޒާ އަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ ދޮރުތައް ހުޅުވާލަން ވެސް ގޮވާލެއްވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި އާންމު ރައްޔިތުންނާއި ވިޔަފާރީގެ ދާއިރާއިން ރާއްޖެ އާއި އެމެރިކާގެ ގުޅުން ބަދަހިކުރަން މަޝްވަރާކުރެއްވި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެ ގަރާރު އދ. ގެ ސަލާމަތީ ކައުންސިލަށް ހުށަހެޅި ޔޫއޭއީންނެވެ. ސަލާމަތީ ކައުންސިލްގެ 15 މެމްބަރު ގައުމުގެ ތެރެއިން 13 ގައުމުގެ ތާއީދު އެ ގަރާރަށް ލިބުނެވެ. ގަރާރާ ދެކޮޅަށް ވޯޓު ދީފައިވަނީ އެމެރިކާއިން އެކަންޏެވެ. އިނގިރޭސިވިލާތުން އެ ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.

ވީޓޯ ބާރު އެމެރިކާއަށް ލިބިފައިވާތީ އޭގެ ބޭނުންކޮށްގެން ގަރާރު ބޭރު ކޮށްލި އިރު، އިޒްރޭލްގެ ހަމަލާތަކުން ގާޒާއިން މިހާތަނަށް 17،487 މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި 7000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ.