Roadha Mihaaru
"ފަލަސްތީން ސަލާމަތްކުރެވޭނީ ގާނޫނު ތަންފީޒުކޮށްގެން"

ފަލަސްތީންގެ ދަރިފަސްކޮޅު ނައްތާލުން ހުއްޓާލެވޭނީ އިސްތިސްނާ ނުވާ ގޮތަށް ގާނޫނު ތަންފީޒުކޮށްގެން: ޒަމީރު

07 އޯގަސްޓް 2024

ފަލަސްތީންގެ ދަރިފަސްކޮޅު ނައްތާލުން ނިމުމަކަށް ގެނެވޭނީ އެއްވަސް ގައުމެއް އިސްތިސްނާ ނުވާ ގޮތަށް ބައިނަލްއަގުވާމީ ގާނޫނުތައް ތަންފީޒުކުރުމުން ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ފަލަސްތީންގެ ދަރިފަސްކޮޅު ނައްތާލުން ނިމުމަކަށް ގެނެވޭނީ އެއްވަސް ގައުމެއް އިސްތިސްނާ ނުވާ ގޮތަށް ބައިނަލްއަގުވާމީ ގާނޫނުތައް ތަންފީޒުކުރުމުން ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި އޯއައިސީގެ ހާރިޖީ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމުގައި ރާއްޖެ ތަމްސީލު ކުރައްވަމުން ޒަމީރު ވިދާޅުވީ، ވަކި ގައުމެއް ނުވަތަ ގައުމުތަކެއް އިސްތިސްނާ ނުވާނެ ގޮތަށް ބައިނަލްއަގުވާމީ ގާނޫނާއި އިންސާނީ ހައްގުތަކާ ބެހޭ ގާނޫނު ތަންފީޒު ކުރުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާއެއް ކަމަށެވެ.

އެއާއެކު، ވަގުތުން ހަނގުރާމަ ހުއްޓާލައި، ފަލަސްތީނު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އަސާސްތައް އެ މީހުންނަށް ފޯރާކަން ކަށަވަރު ކުރުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތައް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް، ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް ދެގޮތެއް ނުވެ ފަލަސްތީނާއެކު ތިބޭނެ ކަމުގެ ޔަގީންކަން ވެސް ރާއްޖެއިން ވަނީ ދީފަ އެވެ.

ޒަމީރު ވިދާޅުވީ ފަލަސްތީނާއި އިޒްރޭލު ދެމެދު ހިނގާ ހަމަނުޖެހުންތަކަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ވަނަ އަހަރުގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތަށް، އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިކަން ކުރާ ރަށް ކަމަށް ކަނޑައަޅައި، އިޒްރޭލުގެ އަތްދަށުން ފަލަސްތީނު މިނިވަންކޮށް، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ގައުމަކަށް ހެދުން ކަމަށެވެ.

އެ ބައްދަލުވުމުގައި ޒަމީރު ވަނީ ހަމާސްގެ ޗީފް އޮފް ޕޮލިޓިކަލް ބިއުރޯ، އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުން ވެސް ކުށްވެރިކުރައްވައިފަ އެވެ.

އޯއައިސީއަކީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މެދުކެނޑުމެއްނެތި ވަކާލުތުކުރަމުން އަންނަ 57 މެމްބަރު ގައުމުގެ މައްޗަށް އެކުލެވޭ ޖަމިއްޔާއެކެވެ. އެ ޖަމާއަތުގެ މެމްބަރަކަށް ރާއްޖެ ވެފައިވަނީ 1976 ވަނަ އަހަރެވެ.