Roadha Mihaaru
ޓެލެތޯނުން ލިބުނު 19މިލިއަން މިނިސްޓްރީއާ ހަވާލުކޮށްފި

ޓެލެތޯނުން ލިބުނު ފައިސާ ފަލަސްތީނަށް ފޯރުކޮށްދޭން ފޮރިން މިނިސްޓްރީއާ ހަވާލު ކޮށްފި

03 ޖުލައި 2024

ފަލަސްތީނަށް އެހީވުމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމުން މިދިޔަ މަހު ބޭއްވި ޓެލެތޯންގައި ލިބުނު 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފޮރިން މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ފަލަސްތީނަށް އެހީވުމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމުން މިދިޔަ މަހު ބޭއްވި ޓެލެތޯންގައި ލިބުނު 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފޮރިން މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.

"ފަލަސްތީނާ އެކު ދިވެހީން" ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަކަށް ޕީއެސްއެމުން އިންތިޒާމު ކޮށްގެން އެ ޓެލެތޯން ބޭއްވީ މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 8:00 އިން އެ ރޭގެ ދަންވަރު 12 ޖަހަންދެންނެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި ފަންޑުފޮށި ބެހެއްޓީ އެ ދުވަހުގެ ހަވީރު 6 ޖަހަންދެންނެވެ. ނަމަވެސް ދަންވަރު 12 ޖަހަންދެން ފައިސާ ޓްރާސްފާ ކުރުން ކުރިއަށް ގެންދިޔަ އެވެ.

ގައުމީ ފެންވަރުގައި ބޭއްވި ޓެލެތޯނަށް ދައުލަތުގެ އެކި މުއައްސަސާތަކާއި ސްކޫލްތަކާއި އަމިއްލަ ފަރުދުންނާއި ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދިނެވެ. ޓެލެތޯނުން ލިބުނު ފައިސާ ފަލަސްތީނަށް ފޯރުކޮށްދޭނީ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ) މެދުވެރިކޮށެވެ.

"ފަލަސްތީނާ އެކު ދިވެހީން" ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަކަށް ދައުލަތުގެ މީޑިއާ ޕީއެސްއެމުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ ޓެލެތޯންގައި މާލޭގައި ބަހައްޓާފައިވާ ފަންޑު ފޮއްޓެއް ކައިރީ ސްކައު ކުއްޖަކު.-- ފޮޓޯ: ޕީއެސްއެމް

"ފަލަސްތީނާ އެކު ދިވެހީން" ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަކަށް ދައުލަތުގެ މީޑިއާ ޕީއެސްއެމުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ ޓެލެތޯންގައި މާލޭގައި ބަހައްޓާފައިވާ ފަންޑު ފޮއްޓެއް ކައިރީ ސްކައު ކުއްޖަކު.-- ފޮޓޯ: ޕީއެސްއެމް

އެ ޓެލެތޯންގައި މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ފަނޑުފޮށި ބެހެއްޓި އެވެ. އަދި އޮންލައިން ޓްރާންސްފާ ކުރެވޭ ގޮތަށް ވެސް ހެދި އެވެ.

އެ ދުވަހު ލިބުނު ފައިސާ ފޮރިން މިނިސްޓްރީއާ ހަވާލު ކުރުމަށް މިއަދު ޕީއެސްއެމްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ އެ ޓެލެތޯންގައި 18،418،922ރ. އާއި 49،800 ޑޮލަރު ލިބުނު ކަމަށެވެ.

"އެންމެ ގިނަ އަދަދެއްގެ ވަގުތު ދިޔައީ ފައިސާ ގުނަން. އަޅުގަނޑުމެން ފައިސާ ގުނަން ފެށީ އިރުއޮއްސުނުއިރު. ފަތިހާ ހަމައަށް ކިރިޔާ އަޅުގަނޑުމެންނަށް ނިންމާ ލެވުނީ. އެންމެ ގިނަ ވަގުތު ހޭދަވީ ވަކިލާރި ގުނަން. ވަކިލާރިން އެކަނިވެސް ހުރި 40،000 އަށް ވުރެ ގިނަ ރުފިޔާ. ހަ ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވި ވަކިލާރި ގުނަން،" ޒީނާ ވިދާޅުވި އެވެ.

އެ ފައިސާ ހަވާލުކޮށްފައި ވަނީ ފޮރިން މިނިސްޓްރީ އަށެވެ. އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީން ފައިސާއާ ހަވާލުވެވަޑައިގަތީ މިނިސްޓަރު މޫސާ ޒަމީރު އެވެ.

ދިވެހި ސިފައިންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ފައިސާ ހަވާލު ކުރަނީ..--

ދިވެހި ސިފައިންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ފައިސާ ހަވާލު ކުރަނީ..--

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދިވެހި ރައްޔިތުންނަކީ ފަލަސްތީނުގެ ރައްޔިތުންނަށް ހިތާއި ހިތުން ގުޅިފައި ތިބޭ ބައެއް ކަމަށެވެ.

ޓެލެތޯނަށް ލިބުނު ފައިސާ ގުނާފައި ވަނީ މިނިވަން އޮޑިޓް ފާމެއް ކަމަށްވާ "ކްރޯ މޯލްޑިވްސް" އިންނެވެ. އެ އޮޑިޓް ފާމުގެ މެނޭޖިން ޑިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވީ، އެ ފައިސާ ޓްރާންސްފާ ކުރުމާ ހަމައިން އޮޑިޓްކޮށް ނިމިފައިވާ ކަމަށެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތް މި ސަރުކާރުން އިތުރު ކުރުމުގެ ގޮތުން އިޒްރޭލުގެ ޕާސްޕޯޓު ރާއްޖޭގައި މަނާކުރަން މިހާރު ވަނީ ގާނޫނު އިސްލާހު ކުރުމުގެ އަމަލީ މަސައްކަތް ރައްޔިތުންގެ މަޖިލިީހުގައި ފަށައިފަ އެވެ.