Roadha Mihaaru
ހިއުމަން ރައިޓްސް 75: ރާއްޖޭގެ ފަސް ވައުދެއް

ހިއުމަން ރައިޓްސް 75: ރާއްޖޭގެ ފަސް ވައުދެއް

11 ޑިސެމްބަރ 2023

"ހިއުމަން ރައިޓްސް 75" ފާހަގަކުރުމަށްޓަކައި ބާއްވާ މަތީފަންތީގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ޕްލެޖިންގް ޓްރީ ސެޝަން"ގައި، ރާއްޖެއިން ވައުދުވާ ކަންކަން ހިމެނޭ ބަޔާން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އިއްވަވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

"ހިއުމަން ރައިޓްސް 75" ފާހަގަކުރުމަށްޓަކައި ބާއްވާ މަތީފަންތީގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ޕްލެޖިންގް ޓްރީ ސެޝަން"ގައި، ރާއްޖެއިން ވައުދުވާ ކަންކަން ހިމެނޭ ބަޔާން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އިއްވަވައިފި އެވެ.

ސްވިޒަލެންޑްގެ ޖެނީވާގައި މިއަދު ބާއްވާ ކެމްޕެއިންގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރާއްޖޭގައި އިންސާނީ ހައްގުތައް ނެގެހެއްޓުމުގެ ސަގާފަތް އާލާކުރުމަށްޓަކައި އެ ދާއިރާއިން މީހުން ބިނާކުރުމަށް މިހާރުގެ ސަރުކާރުން ވަރަށް ބޮޑަށް އަހަންމިއްޔަތުކަން ދޭ ކަމަށެވެ.

ނައިބު ރައީސް ވަނީ ރާއްޖެއިން ވައުދުވެފައިވާ ފަސް ކަންތައް އިއްވަވައިދެއްވައިފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ:

1. އިންސާނީ ހައްގުތަކާ ގުޅޭގޮތުން އެކުލަވާލާފައިވާ ރާއްޖޭގެ އޮނިގަނޑުތައް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ދެމެހެއްޓުން

2. ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލުކުރާ ގޮތާ ގުޅޭ މައުލޫމާތު ދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށާއި އިންސާނީ ހައްގުތައް ނެގެހެއްޓުމަށް އުފައްދާފައިވާ ބައިނަލްއަގުވާމީ އެކިއެކި ނިޒާމުތަކާ އިތުރަށް ގުޅުން ބަދަހިކުރުން

3. މުޖުތަމައުގައި ފަރުދީގޮތުން އަދާކުރާ ދައުރާއި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމުގައި އަންހެނުންނާއި އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުން

4. ހަމަހަމަ ގޮތެއްގައި ތައުލީމު ހޯދުމަށް މަގުފަހިކޮށްދިނުމަށާއި ކުޑަކުދިންގެ ރައްކާތެރިކަމަށް ގައުމީ ފެންވަރުގައި އެކަށައަޅާފައިވާ ނިޒާމުތައް އިތުރަށް ހަރުދަނާކުރަން މަސައްކަތް ކުރުން

5. ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ދިވެހިންގެ މުސްތަގުބަލު ކަށަވަރު ކުރުމަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުން

މެމްބަރު ގައުމުތަކުން މާނަހުރި ކަންތައްތަކެއް ކުރުމަށް ބާރުއެޅުމުގެ ގޮތުން އދ.ގެ އިންސާނީ ހައްގުތަކާބެހޭ ހައިކޮމިޝަނަރުގެ އޮފީހުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އެ ކެމްޕެއިންގައި، 100 އަށްވުރެ ގިނަ މެމްބަރު ގައުމުން ވަނީ އެ ގައުމުތަކުން ވައުދުވާ ކަންކަން ހުށަހަޅައިފަ އެވެ.