Roadha Mihaaru
ރައީސާއި ނައިބު މަޖިލީހަށް ހާޒިރު ކުރެވޭ ގޮތް ހަދަނީ

ރައީސާއި ނައިބު ރައީސް މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރެވޭ ގޮތަށް ގަވައިދު ބަދަލުކުރަން ހުށަހަޅައިފި

12 ފެބުރުއަރީ 2024

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރެވޭ ގޮތަށް އެ މަޖިލީހުގެ ގަވައިދުގައި ހިމަނަން ހުށަހަޅައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރެވޭ ގޮތަށް އެ މަޖިލީހުގެ ގަވައިދުގައި ހިމަނަން ހުށަހަޅައިފި އެވެ.

މަޖިލީހުގެ ގަވާއިދު މިގޮތަށް އިސްލާހު ކުރަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމެވެ. މިހާރު އަމަލުކުރަމުން އަންނަނީ ވަރަށް ކުރީގެ ގާނޫނެއް ކަމަށް ވިދާޅުވެ، އެ ގާނޫނު އުވާލަން ވެސް އޭނާ ވަނީ ހުށަހަޅުއްވައިފަ އެވެ.

އޭނާ ވިދާޅުވީ އެ ގާނޫނާ ހެދި، ގާނޫނުއަސާސީގެ 98 ވަނަ މާއްދާގައި މެމްބަރުންނަށް، މިނިސްޓަރުންނާ ސުވާލުކުރަން ދީފައިވާ ހައްގު ހަނިވާ ކަމަށެވެ.

އެ ބިލާ ގުޅޭ ގޮތުން މިއަދު މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ގާނޫނުއަސާސީން މިނިސްޓަރުންނަށް ސުވާލު ކުރުމުގެ ހައްގު ވަރަށް ފުޅާކޮށް ދީފައިވާ ކަމަށާއި އެހެންކަމުން ގާނޫނުއަސާސީއަށް އަމަލު ކުރަމުން އަންނައިރު ގާނޫނެއް އެކަމުގައި އޮތުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި މިނިސްޓަރުންނާ ސުވާލު ކުރުމާ ގުޅޭ ތަފްސީލްތައް ގާނޫނުއަސާސީއަށް ފުށުނާރާ ގޮތަށް ހިމަނަން ޖެހެނީ މަޖިލީހުގެ ގަވައިދުގައި ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

"ވަޒީރުން މަޖިލީހުގެ މެންބަރުންނާ ސުވާލު ކުރުން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކަނޑައަޅާފައި އޮންނަނީ ހައުސް ރޫލްސްގެ ތެރޭގައި. ނުވަތަ މަޖިލިސް ހިންގާ ގަވައިދުގެ ތެރޭގައި،" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވި ގޮތުގައި ހައްސާސީ މުހިންމު ކަންކަމުގައި މިނިސްޓަރުން ނޯޓިސް ދިނުމަކާ ނުލައި ހާޒިރު ކުރަން ވެސް ފުރުސަތު އެބަ އޮތެވެ. ނަމަވެސް، އެކަމަށް ހުރަސް އަޅަނީ މިހާރު އޮތް އިހުގެ ގާނޫނު ކަމަށް ވިދާޅުވި އެވެ.

ގާނޫނުއަސާސީން ސަރުކާރު ޖަވާބުދާރީކުރުމުގެ ޒިންމާ މަޖިލީހަށް ދީފައިވާއިރު، ގާނޫނުގައި ހަމައެކަނި މިނިސްޓަރުންނާ ސުވާލުކުރުން ކަމަށް ބަޔާންކޮށްފައި އޮތުމަކީ ޖަވާބުދާރީކުރުވަން ވަރަށް ބޮޑަށް ހުރަސް އަޅާ ކަމެއް ކަމަށް ވެސް ސަލީމް އޭނާ ވިދާޅުވި އެވެ.

"އަދި ވަޒީރުންގެ މަޖިލިސް އެކުލެވިގެންވަނީ ހަމައެކަނި ވަޒީރުންގެ މައްޗަކަށް ނޫން. އެ މަޖިލީހުގެ އެންމެ އިސް ދެ ބޭފުޅުންނަކީ ރައިސުލްޖުމްހޫރިއްޔާ އަދި ނައިބު ރައީސް. ގާނޫނުއަސާސީގައި މި ބުނަނީ ސަރުކާރުގެ އެހެން ވެސް މަގާމެއްގައި ހުރި މީހަކު އެމީހެއްގެ މަސްއޫލިއްޔަތާ ގުޅޭ ގޮތުން މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ޖަވާބުދާރީވާން ޖެހޭނެ،" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ގާނޫނުއަސާސީ ބައްޓަންކޮށްފައި ވަނީ ރައީސާއި ނައިބު ރައީސް ވެސް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވަންޖެހޭ ގޮތަށް ކަމަށެވެ. ހަމައެކަނި މިނިސްޓަރުންނަށް މަޖިލީހަށް ޖަވާބުދާރީވުން މަޖުބޫރުކޮށްގެން ތިބުމަކީ ސަލީމް ވިދާޅުވި ގޮތުގައި، މަޖިލީހަށް އޮތް ސަރުކާރު ޖަވާބުދާރީކުރުވުން ހަނިކުރުމެވެ.

ރައިސުލްޖުމްހޫރިއްޔާ އާއި ނައިބު ޖަވާބުދާރީވާން ޖެހޭ ވަރަށް ހާއްސަ ހާލަތްތައް ވެސް އެބަހުރި ކަމަށާއި ނަމަވެސް، އެކަމަށް އިޖުރާއަތެއް މަޖިލީހުގައި ހެދިފައި ނެތުމުން އެކަން މިހާތަނަށް ކުރެވިފައިނުވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ދެ ބޭފުޅުންނާއި ސަރުކާރުގެ އެހެން ވެރިން ވެސް މަޖިލީހަށް ޖަވާބުދާރީކުރުވޭނެ އިޖުރާއަތްތައް މަޖިލީހުގެ ގަވައިދުގައި ހިމަނަން ޖެހެ އެވެ.

"އެކަން އެ މަގު ހިނގަން މަޖިލީހަށް ލާޒިމް، ވާޖިބު ކަމެއް. ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް ރައިސުލްޖުމްހޫރިއްޔާ މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވާ. އެހެންވެ އަޅުގަނޑުގެ ހުށަހެޅުމަކީ ވަޒީރުންނަށް ސުވާލު ކުރުމުގެ ގާނޫނު އުވާލައި، ގާނޫނުއަސާސީން ލިބިދޭ ސަރުކާރު ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރަން ޖެހޭ ގެންނަން ޖެހޭ އިސްލާހުތައް ގަވައިދަށް ގެނައުން،" ސަލީމް ވިދާޅުވި އެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު ސަލީމް: މިހާރު އޮތް ގާނޫނާ ހެދި، ގާނޫނުއަސާސީގެ 98 ވަނަ މާއްދާގައި މެމްބަރުންނަށް، މިނިސްޓަރުންނާ ސުވާލުކުރަން ދީފައިވާ ހައްގު ހަނިވާ ކަމަށް އޭނާ ވިދާޅުވި.

ހޯރަފުށީ ދާއިރާގެ މެންބަރު ސަލީމް: މިހާރު އޮތް ގާނޫނާ ހެދި، ގާނޫނުއަސާސީގެ 98 ވަނަ މާއްދާގައި މެމްބަރުންނަށް، މިނިސްޓަރުންނާ ސުވާލުކުރަން ދީފައިވާ ހައްގު ހަނިވާ ކަމަށް އޭނާ ވިދާޅުވި.

ރައީސުލްޖުމްހޫރިއްޔާ އާއި ރައިސުލްޖުމްހޫރިއްޔާގެ ނައިބު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރެވޭ ގޮތަށް މަޖިލީހުގެ ގަވައިދު އިސްލާހު ކުރަން ސަލީމް ހުށަހެޅުއްވިއިރު، މިދިޔަ ސަރުކާރުގައި އޭރުގެ އިދިކޮޅުން ވަނީ ކަނޑު ވިއްކާލިކަމަށް ކުރި ތުހުމަތުތަކާ ގުޅިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފަ އެވެ.

އޭރު ޕީޕީއެމް/ޕީއެންސީގެ މެންބަރުން ވިދާޅުވެފައިވަނީ ގާނޫނުއަސާސީގެ 20 ވަނަ މާއްދާގެ ދަށުން ގާނޫނުގެ ކުރިމަތީގައި ކޮންމެ މީހަކު ވެސް ހަމަހަމަވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހާޒިރު ނުކުރުވޭނެ ކަމަށް ބަޔާންކުރާ އެއްވެސް މާއްދާއެއް ނެތް ކަމަށެވެ.

ނަމަވެސް، ޕީޕީއެމް/ޕީއެންސީގެ އެ ހުށަހެޅުމާ މެދު އޭރު މަޖިލީހުން ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.

އެމްޑީޕީން މި ފަހުން ވަނީ ވަޒީރުންނާ ސުވާލު ކުރުމާ ގުޅޭ މާއްދާތައް މަޖިލީހުގެ ގަވައިދުން އިސްލާހު ކޮށްފަ އެވެ. އެ ގަވައިދުގައި ވަކި މައުލޫއަކަށް ސުވާލު ކުރަން ޖެހޭ ގޮތަށް އޮތުން އުވާލުމާއި ވަޒީރުންނަށް ޖަވާބު ދާރީވާން ލިބޭ މުއްދަތު ވެސް ވަނީ ކުރު ކުރަން ވެސް އެމްޑީޕީން ވަނީ ނިންމައިފަ އެވެ.