Roadha Mihaaru
މަންޑޭގެ މައްޗަށް 100 ދައުވާ، ރާއްޖޭގެ ރެކޯޑެއް

މަންޑޭގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ، ރާއްޖޭގެ ރެކޯޑެއް

13 ޑިސެމްބަރ 2023

ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލާގައި އެ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާކޮށް، ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލާގައި އެ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާކޮށް، ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ކޭ ޕާކް ހަދަމުންދާ ހަންބޯ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ މަންޑޭ ފްލެޓް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި ކަމަށް ތުހުމަތުކޮށް އޭނާއާ ދެކޮޅަށް މައްސަލަ ހުށަހެޅީ އެ ކުންފުނީގެ މައި ހިއްސާދާރެވެ. އެ މައްސަލާގައި މަންޑޭ ހައްޔަރު ކުރުމަށްފަހު މިހާރު ހުރީ ދޫކޮށްލައިފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެ މައްސަލާގައި މަންޑޭގެ މައްޗަށް ކުރީ ޓެކުމުގެ 50 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާގެ އިތުރުން އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އާއި މަނީ ލޯންޑްރިންގެ އެއް ދައުވާ ކަމަށެވެ.

މީގެ އިތުރުން ރ. އަލިފުށީ ކިނާރާ ޖައިޝާން ސައީދުގެ މައްޗަށް 95 ދައުވާއެއް ކުރެ އެވެ. އެއީ ޓެކުމުގައި 20 ދައުވާ އާއި ޓެކުމުގައި ބައިވެރިވުމުގެ 27 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 47 ދައުވާގެ އިތުރުން މަނީ ލޯންޑާ ކުރަން އެހީތެރިވުމުގެ ދައުވާއެއް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މިއީ ރާއްޖޭގައި އެކަކުގެ މައްޗަށް މިހާ ގިނަ ދައުވާކުރި ފުރަތަމަ ފަހަރެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ މަންޑޭގެ މައްޗަށް 40 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އަންނާނެ އެވެ.

ޕީޖީ އޮފީހުން ބުނިގޮތުގައި ޓެކުމުގެ ދައުވާތައް ކުރަނީ އެއް އެޕާޓްމެންޓެއް އެކަކަށް ވުރެ ގިނަ މީހުންނަށް ވިއްކާފައިވާތީ އެވެ. އަދި މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ ހަންބޯ ކުންފުނީގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ އަތުލުމަށްފަހު މަންޑޭ އެ ފައިސާ ބޭނުން ކޮށްފައިވާތީ އާއި ހުޅުމާލޭގެ އެފް ޑަބްލިއު ރެސިޑެންސްއިން އަގުބޮޑު ފްލެޓެއް އޭނާ ގަނެފައިވާތީ އެވެ. އަދި ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާ ކުރަނީ ހަންބޯ ކުންފުނީގެ މައި ހިއްސާދާރުގެ ސޮއި ކަމަށް ބުނެ ސައްހަ ނޫން ލިޔުންތަކެއް ބޭންކަށް ހުށަހަޅާފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ،

ޕީޖީ އޮފީހުން ބުނިގޮތުގައި އެ މައްސަލާގައި ހިމެނެނީ ކޭ ޕާކް 23 އެޕާމެންޓެއް އެކި މީހުންނަށް ވިއްކުމާ ގުޅޭ މުއާމަލާތްތަކެވެ. އަދި އެ މައްސަލާގައި ގެއްލުނު ލިބުނު ފަރާތްތަކަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭން ވެސް އެ މައްސަލާގައި އެދިފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ މައްސަލާގައި އިތުރު ބައެއް މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ މައްސަލާގައި މަންޑޭގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު، އޭނާ ގަނެފައިވާ އެޕާޓްމެންޓާއި އަގުބޮޑު ސާމާނުތައް ވެސް ފުލުހުން މިހާރު ވަނީ ހިފަހައްޓައިފަ އެވެ. އޭނާ ގެންގުޅުނު އަގުބޮޑެތި ސާމާނާއި ދަބަހާއި ސެންޓް ފަދަ ތަކެތި ދާދިފަހުން ޕީޖީ އޮފީހުން ވަނީ އާންމުކޮށްފަ އެވެ.