Roadha Mihaaru
އިންފާޓިލިޓީއަށް އުސޫލެއް ހަދަންޖެހޭ ގޮތަށް ބަދަލުގެނެސްފި

އިންފާޓިލިޓީއަށް ވަކި އުސޫލެއް ހަދަންޖެހޭ ގޮތަށް އާސަންދަ ގަވައިދު އިސްލާހުކޮށްފި

14 ޑިސެމްބަރ 2023

ދަރިމައިނުވުމުގެ މައްސަލަތަކުގެ ފަރުވާއަށް ވަކިން ހާއްސަ އުސޫލެއް ހަދަންޖެހޭ ގޮތަށް އާސަންދައިގެ ގަވައިދު މިއަދު އިސްލާހުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރިމައިނުވުމުގެ މައްސަލަތަކުގެ ފަރުވާއަށް ވަކިން ހާއްސަ އުސޫލެއް ހަދަންޖެހޭ ގޮތަށް އާސަންދައިގެ ގަވައިދު މިއަދު އިސްލާހުކޮށްފި އެވެ.

"ހުސްނުވާ އާސަންދަ ހިންގުމުގެ ގަވައިދު" އަށް، އެ ސްކީމް މެނޭޖްކުރާ އެންސްޕާއިން މައިގަނޑު ދެ ބަދަލެއް ވަނީ ގެނެސްފަ އެވެ.

ފުރަތަމަ ބަދަލަކީ، އާސަންދައިން ކަވަރުނުކުރާ ހިދުމަތްތަކުން، "ދަރިން ނުލިބޭ މީހުން ދަރިން ހޯދުމަށް ކުރާ ފަރުވާ" ވަކިކުރުމެވެ. އެއާ އެކު، އިތުރުކުރި ދެ މާއްދާގައި ބުނަނީ، އިންފާޓިލިޓީއާ ގުޅޭ ހިދުމަތްތައް ފޯރުކޮށްދޭންވާނީ އެކަމަށް ކަނޑައަޅާ ވަކި އުސޫލެއްގެ ދަށުން ކަމަށެވެ.

އޭގެ އިތުރަށް، އާސަންދަ ނުދެވޭނެ ކަމަށް ބުނެފައިވާ ކަންކަން ފިޔަވައި ދެން ހުރި ހިދުމަތްތައް، ކަނޑައަޅާ ވަކި އުސޫލެއްގެ ދަށުން ފޯރުކޮށްދެވިދާނެ ކަމަށާއި އެ އުސޫލުތައް ޝާއިއުކުރަންވާނެ ކަމަށް ބުނެފައިވެ އެވެ.

އައިވީއެފްއާ އެކު، ދަރިމައިވުމާ ގުޅޭ ފަރުވާތައް އާސަންދައިގެ ތެރެއިން ލިބޭނެ ގޮތް ހަމަޖައްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

ރައީސް އޮފީހުގައި މި މަހުގެ 5 ވަނަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި އައިވީއެފަށް އަދި ދަރިމައިވުމުގެ މައްސަލަތަކަށް އާސަންދައިގެ ތެރެއިން ފަރުވާ ލިބޭނެ ގޮތް ހަމަޖައްސާނެ ކަމަށެވެ.

ދަރިމައިވުމުގެ ފަރުވާތައް ހަރުދަނާކުރަން އައިޖީއެމްއެޗްގައި ހުރި ފާޓިލިޓީ ކެއާސެންޓަރު ފުޅާކުރާނެ ކަމަށާއި އަދި އެކަމަށް ހާއްސަ ސެންޓަރެއް ގާއިމްކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އޭގެ އިތުރުން، ރާއްޖެއިން ބޭރުގައި އާސަންދައިގެ ދަށުން އައިވީއެފް ހެދޭނެ ސެންޓަރުތައް ހަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ.

އެ މަނިކުފާނު ވަނީ ފާޓިލިޓީ ކެއާ އަށް ގާތްގަނޑަކަށް 30 މިލިއަން ރުފިޔާގެ ފަންޑެއް އަންނަ އަހަރު ގާއިމްކުރަން ނިންމާފައިވާކަމަށް އިއުލާންކުރައްވައިފަ އެވެ.