Roadha Mihaaru
މާޒިޔާ އިން ޓީސީ ބަލިކޮށް، ފަހު މެޗު ގަދަ ހިފުމަކަށް

މާޒިޔާ އިން ޓީސީ ބަލިކޮށް، ލީގުގެ ފަހު މެޗު ގަދަ ހިފުމަކަށް

15 ޑިސެމްބަރ 2023

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން 4-0 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން 4-0 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ.

މިއަދުގެ ނަތީޖާއާ އެކު މާޒިޔާ ވަނީ 13 މެޗުން 37 ޕޮއިންޓް ހަމަކޮށް ތާވަލްގެ އެއްވަނައަށް ޖެހިލައިފަ އެވެ. އަދި މިއާ އެކު 35 ޕޮއިންޓް ހޯދާފައިވާ ކްލަބް އީގަލްސް ވަނީ ދެވަނައަށް ވެއްޓިފަ އެވެ.

ލީގުގެ އެންމެ ފަހު މެޗުގައި މާޒިޔާ އާއި އީގަލްސް ބައްދަލުކުރަން ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހުގެ ހަވީރެވެ. އެ މެޗު އެއްވަރު ކޮށްލައިގެން ވެސް މާޒިޔާ އަށް ލީގު އައްޑަނަ ދިފާއު ކުރުމުގެ ފުރުސަތު އޮތްއިރު، އީގަލްސް އަށް އޮތީ މެޗު ކާމިޔާބު ކުރުމެވެ.

މިއަދުގެ މެޗަކީ ޓީސީ ސްޕޯޓްސް، ލީގުގައި ކުޅުނު ފަހު މެޗެވެ. 14 މެޗުން 22 ޕޮއިންޓް ހޯދައިގެން އެޓީމު ނިންމާލީ ލީގުގެ ހަތަރުވަނައިގަ އެވެ.

ފުރަތަމަ ހާފުގައި ހަމްޒާ ފޮނުވާލި ހަމަލާއެއް ޓީސީގެ އަޖުފާން ބްލޮކް ކުރަނީ.-- ފޮޓޯ: މިހާރު

ފުރަތަމަ ހާފުގައި ހަމްޒާ ފޮނުވާލި ހަމަލާއެއް ޓީސީގެ އަޖުފާން ބްލޮކް ކުރަނީ.-- ފޮޓޯ: މިހާރު

ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާ އިން ވަނީ ތިން ގޯލުގެ ލީޑެއް ނަގައިފަ އެވެ. ހަތްވަނަ މިނިޓުގައި ވޮޖިސްލާބް ބަލަބަނޮވިޗް އެޓީމަށް ލީޑު ނަގައިދިން އިރު، 16 ވަނަ މިނިޓުގައި ލީޑު ފުޅާ ކޮށްދިނީ އިބްރާހިމް އައިސަމް އެވެ. އަދި 24 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ތިންވަނަ ގޯލު ޖަހައިދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

ދެވަނަ ހާފުގައި ޓީސީން ފުރަތަމަ ހާފަށް ވުރެ ބޮޑަށް ކުޅުން ރަނގަޅު ކުރި އެވެ. ހާއްސަކޮށް އޯޕަން ޕްލޭ އިން މާޒިޔާ ގޯލެއް ޖެހިޔަ ނުދޭން އެޓީމުގެ ދެ ސެންޓަ ބެކުން، މުހައްމަދު އަޖުފާނާއި ހަސަން އީނާޒް ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

މާޒިޔާގެ ހަތަރުވަނަ ގޯލަކީ 76 ވަނަ މިނިޓުގައި ޕެނަލްޓީ އޭރިއާ ކައިރިން ލިބުނު ހިލޭޖެހުމަކުން ބަލަބަނޮވިޗް ކާމިޔާބު ކުރި ގޯލެކެވެ.

ސީޒަން ފެށިއިރު ޓީސީ އަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް އެޓީމަށް މި ސީޒަންގައި ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެކުގައި ގިނަ މެޗުތަކެއް ކުޅެފައި ތިބި ރަނގަޅު ޒުވާން ސްކޮޑެއް އޮތުމެވެ.

ޓީސީ އަކީ ޕްރިމިއާ ލީގުގައި މި ސީޒަންގައި ބިދޭސީ ކީޕަރެއް ގެންގުޅުނު ހަމައެކަނި ޓީމެވެ. ލީގުގެ އެންމެ ކުރީގައި އޮތް މާޒިޔާ އާއި އީގަލްސް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ފަހު އެންމެ މަދުން ގޯލު ވަދެފައި ވަނީ ވެސް ޓީސީ ކޮޅަށެވެ. ސްރީ ލަންކާގެ ގޯލްކީޕަރު ސުޖަން ޕެރޭރާ ބެލެހެއްޓި ގޯލަށް ޖުމްލަ 24 ގޯލު ވަނީ ވަދެފަ އެވެ.

ލީގުގެ ހަތަރުވަނައިގައި ނިންމާލިއަސް، ހެޑް ކޯޗެއް ނެތުމުން ވަގުތީގޮތުން ޓީމާ ހަވާލުވި އެސިސްޓެންޓް ކޯޗު އަހުސަން ރަޝީދު (ޗޭ) ގެ އިރުޝާދުގެ ދަށުން ޓީސީގެ ޒުވާން ޓީމުން ލީގު ނިންމާލީ ކޮންމެ މެޗެއްގައި ވެސް އިތުބާރާ އެކު ކުޅެގެންނެވެ.