އާސަންދައިގެ ދަށަށް ސަރުކާރުން އިތުރުކުރި އާ ހިދުމަތްތައް ދޭނެ ގޮތުގެ އުސޫލު އާންމުކޮށްފި އެވެ.
15 ޑިސެމްބަރ 2023
އާސަންދައިގެ ދަށަށް ސަރުކާރުން އިތުރުކުރި އާ ހިދުމަތްތައް ދޭނެ ގޮތުގެ އުސޫލު އާންމުކޮށްފި އެވެ.
"ހުސްނުވާ އާސަންދައިގެ ދަށުން އިތުރު ހިދުމަތްތައް ފޯރުކޮށްދިނުމާ ބެހޭ އުސޫލު"ގެ ނަމުގައި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އާންމުކުރި އުސޫލުގައި ތިން ހިދުމަތެއް ލިބޭނެ ގޮތް ބަޔާންކޮށްފައިވެ އެވެ.
އެއީ އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ ހިދުމަތާއި ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލް ބަދަލު ކުރުމަށް ހިންގާ ހަރަދު ހަމަޖެއްސުމާއި އަންހެނުންނަށް ދިމާވާ "އެންޑޯމެޓްރިއޯސިސް" އަދި "ޕީސީއޯއެސް" ފަދަ ސިއްހީ މައްސަލަތަކަށް ހާއްސަ ފަރުވާ އާސަންދައިގެ ދަށުން ލިބޭނެ އުސޫލެވެ.
މި އުސޫލުގެ ދަށުން މެޑިކަލް ޗެކަޕްގެ ހިދުމަތް ފޯރުކޮށްދޭނީ ވަކިވަކި އުމުރުފުރާތަކަށް ހާއްސަކޮށް އާސަންދަ ކުންފުނިން ކަނޑައަޅާފައިވާ މެޑިކަލް ޗެކަޕް ޕެކޭޖްތައް، އެ އުމުރުފުރާގެ ކޮންމެ މީހަކަށް އަހަރަކު އެއްފަހަރު ބޭނުންކުރެވޭ ގޮތަށެވެ.
ޑޮކްޓަރެއްގެ ލަފާއާ އެކު މެޑިކަލް ޗެކަޕް ހަދާފައިވާ ފަރާތަކަށް އަހަރެއްގެ ތެރޭގައި ދެވަނަ ފަހަރަށް ވެސް މެޑިކަލް ޗެކަޕް ހެދިދާނެ ކަމަށް އުސޫލުގައިވެ އެވެ.
އުސޫލުގައިވާ ގޮތުން އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދޭނީ ސަރުކާރު ހޮސްޕިޓަލްތައް ނުވަތަ ސިއްހީ މަރުކަޒުތަކުން އެކަންޏެވެ.
މެޑިކަލް ޗެކަޕް އާސަންދައިގެ ސްކީމްގެ ދަށުގައި ހިމެނިކަން އިއުލާން ކުރައްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވިދާޅުވެފައިވަނީ ޑޮކްޓަރުން ލަފާ ދީފިނަމަ އާސަންދައިގެ ތެރެއިން އަހަރަކު ދެ ފަހަރު އެކި ޓެސްޓުތައް ހެދޭނެ ގޮތްތައް ހަމަޖައްސާނެ ކަމަށެވެ.
އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިއާ ވިދާޅުވެފައިވަނީ ޑިކަލް ޗެކްއަޕެއްގެ ތެރެއިން އެކްސްރޭ ފަދަ ތަކެތި ނަގަން ޖެހޭ އިރު އެއީ ބަލި މީހަކު މާގިނައިން އެކްސްޕޯސް ކުރަން ރަނގަޅު ކަންކަމެއް ނޫން ކަމަށެވެ.
"މީގެ ތަންކޮޅެއް ކުރިން ވެސް މެޑިކަލް ޗެކްއަޕް ފަށަން ވެގެން، ޕެކޭޖުތައް ހެދި އިރު ވެސް އަހަރަކު އެއް ފަހަރު ނުވަތަ ދެ އަހަރުން އެއް އަހަރު ހެދޭ ކަހަލަ ޓެސްޓުތައް ވެސް ލާފަ ޗެކްއަޕްތަކެއް ހަދަން ހިމެނީ. އަޅުގަނޑުމެން އެ މައުލޫމާތު އެންސްޕާއާ ހިއްސާކޮށްފައިވާނީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މެޑިކަލް ޗެކްއަޕް ކީ ކަމުގައިވީ ނަމަވެސް، ވަރަށް ބޭސިކް ސްކްރީނިންތަކެއް ހެދުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ބްލަޑް އަދި ޔޫރިން ޓެސްޓްތަކެއް ހެދުމަށް ފަހު، އިތުރަށް ކަންކަން ޗެކް ކުރާނީ ޓެސްޓްތަކުގެ ނަތީޖާއިން ކަމެއް ފާހަގަކުރެވޭ ކަމުގައިވާ ނަމަ ކަމަށެވެ.
އާސަންދަ ސްކީމްގެ ދަށުން ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލް ބަދަލުކުރުމަށް ހިންގާ ހަރަދު ސްކީމް މެދުވެރިކޮށް ހަމަޖައްސައިދޭނީ އެކަމަށް އެދި ހުށަހެޅުމަށްފަހު، އެކަމަށް ހުއްދަ ލިބުމުންނެވެ. ހޮސްޕިޓަލް ބަދަލު ކުރުމަށް އެދޭ ހާލަތްތަކުގައި އަގަށް އަންނަ ބަދަލު 10 ޕަސެންޓަށްވުރެ ކުޑަ ނަމަ، އިތުރު ހަރަދަކާ ނުލާ އިންތިޒާމް ހަމަޖައްސައިދޭނެ އެވެ.
ނަމަވެސް، ހަރަދު 10 ޕަސެންޓަށްވުރެ ބޮޑުވާ ނަމަ، 10 ޕަސެންޓަށްވުރެ އިތުރުވާ ހަރަދު ހަމަޖައްސާނީ ހިދުމަތް ލިބިގަންނަ ފަރާތުން ކަމަށް އުސޫލުގައިވެ އެވެ. އަދި ކުރިން ފަރުވާ ހޯދި ހޮސްޕިޓަލުން ހެދި ތަހުލީހުތައް އާ ހޮސްޕިޓަލުން ކުރަމުން ބޭނުންވާ ނަމަ، އެ ހަރަދުތައް ވެސް ކުރަން ޖެހޭނީ އެމީހަކު އަމިއްލައަށެވެ.
ބަދަލުވާން ބޭނުންވާ ހޮސްޕިޓަލަކީ އެއް ސިޓީއެއްގައި ހުރި ހޮސްޕިޓަލެއް ނަމަ، ބަދަލުވާން ދާ ހަރަދު އާސަންދައިން ހަމަޖައްސައިދޭނެ އެެވެ. ނަމަވެސް، އެހެން ސިޓީއެއްގައި ހުރި ހޮސްޕިޓަލެއްގައި ނަމަ، ދަތުރު ހަރަދު ހަމަޖައްސަން ޖެހޭނީ، އުސޫލުގައިވާ ގޮތުން އަމިއްލައަށެވެ.
އުސޫލުގައިވާ ގޮތުން އަންހެނުންނަށް ދިމާވާ "އެންޑޮމެޓްރިއޯސިސް" އަދި "ޕީސީއޯއެސް" ފަދަ ސިއްހީ މައްސަލަތަކަށް ހާއްސަ ފަރުވާ އަދި ބޭސްތައް، ކޮންމެ ޑައިގްނޯސިސްއެއްގެ ދަށުން ވެސް އާސަންދަ ސްކީމް އިން ލިބޭނެ އިންތިޒާމް ހަމަޖެހޭނެ އެވެ.
މި ފަރުވާ ހޯދުމަށް އެދެން ޖެހޭނީ އާސަންދަ ސްކީމްގައި ހިދުމަތް ދިނުމަށް ރަޖިސްޓްރީވެފައިވާ މަރުކަޒުތައް މެދުވެރިކޮށް ކަމަށް އުސޫލުގައިވެ އެވެ.
އާސަންދައިގެ ހިދުމަތް ޔޫއޭއީ/ބެންކޮކްގެ ތިން ތަނަކުން
އާސަންދަގެ އިސްރާފު ހުއްޓުވައި ހައްގުވެރިންނަށް!
"ފަރުވާއަށް ސަލާން ޖެހުން ނިމުމަކަށް ގެނެވޭނެ"
އަމިއްލަ އިންޝުއަރެންސުން ފުރަތަމަ ކެނޑުން މިއަހަރު
ޕްރައިވެޓް ހޮސްޕިޓަލުތަކަށް އާސަންދަ ޕެކޭޖްތަކެއް ހަދަނީ
އެއްހަމައަކުން އާސަންދަ ދިނުން ބަދަލުކުރަން ގާނޫނެއް
އާސަންދަ ލިބުނަސް ސަލާން ޖެހުން ނުހުއްޓުނު!
ބޭރުގައި ތާށިވި ދިވެހިންނަށް އެހީ ދިނުމުގައި ގޯސްތަކެއް
މަރުވި އަންހެންމީހާގެ މައުލޫމާތު ލިސްޓް ހެދިއިރު ނުލިބޭ
އިންޑިއާއިން ނާދެވުނު ދިވެހިންނަށް ސަރުކާރުން އެހީވަނީ