Roadha Mihaaru
ނަޝީދު ލަންކާގެ ރައީސްއާ ބައްދަލުކުރައްވައިފި

ނަޝީދު ލަންކާގެ ރައީސްއާ ބައްދަލުކުރައްވައިފި

11 ފެބުރުއަރީ 2017

ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްރީ ލަންކާގެ ރައީސް މައިތިރްޕާލާ ސިރިސޭނާއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްރީ ލަންކާގެ ރައީސް މައިތިރްޕާލާ ސިރިސޭނާއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ސްރީ ލަންކާގައި މިއަދު އެ ގައުމުގެ ރައީސްއާ ބައްދަލުކުރައްވައި ނެންގެވި ފޮޓޯއެއް ނަޝީދު ޓްވީޓްކުރައްވާފައިވެ އެވެ. ނަމަވެސް މި ބައްދަލުވުމުގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި 13 އަހަރަށް ޖަލަށް ލާފައި ވަނިކޮށް ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެން އެ ގައުމުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ނަޝީދު މިދިޔަ ހަފުތާގައި ލަންކާ އަށް ވަޑައިގެން އެމްޑީޕީގެ އިސް ބޭފުޅުންނާއި ޑިޕްލޮމޭޓުންނާ ވެސް ވަނީ ބައްދަލުކުރައްވައިފަ އެވެ.

މިއީ ނަޝީދު ސިރިސޭނާއާ ބައްދަލު ކުރެއްވި ދެވަނަ ފަހަރެވެ. ސްރީ ލަންކާގެ ރައީސްކަމަށް 2015 ވަނަ އަހަރު ސިރިސޭނާ އިންތިހާބުވެ ވަޑައިގަތުމާ އެކު ނަޝީދު ވަނީ އެ މަނިކުފާނާ ބައްދަލު ކުރައްވާފަ އެވެ.

އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން، ނަޝީދު ބައިވެރިވެވަޑައިގެންނެވި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ވެސް މިދިޔަ ހަފުތާގައި ބޭއްވި އިރު އެ ބައްދަލުވުމުގައި، ސިޔާސީ މަސްރަހާއި ޕާޓީގެ ކުރިމަގާ ގުޅޭ ނިންމުންތަކަށް، ގައުމީ މަޖިލީހުގެ މެމްބަރުންގެ ހިޔާލު އެ މަނިކުފާނު ހޯއްދެވި އެވެ.

މި ދަތުރުފުޅުގައި ނަޝީދު ވަނީ، ރާއްޖޭގެ ސިޔާސީ މަސްރަހާއި އިގްތިސާދީ މައްސަލަތަކާ ގުޅޭ ގޮތުން ހުރި ޝަކުވާތައް ބޭރުގެ ސަފީރުންނާ ހިއްސާކުރައްވައިފަ އެވެ.