Roadha Mihaaru
ނަޝީދު އަނެއްކާވެސް ލަންކާ އަށް ވަޑައިގެންފި

ނަޝީދު އަނެއްކާވެސް ލަންކާ އަށް ވަޑައިގެންފި

19 މާޗް 2017

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް ސްރީ ލަންކާ އަށް މިއަދު ވަޑައިގެންފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް ސްރީ ލަންކާ އަށް މިއަދު ވަޑައިގެންފި އެވެ.

މިއީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި 13 އަހަރަށް ޖަލަށް ލާފައި ވަނިކޮށް، ބޭސްފަރުވާ އަށް ކަމަށް ވިދާޅުވެ އިނގިރޭސި ވިލާތަށް ވަޑައިގެން އެ ގައުމުން ސިޔާސީ ހިމާޔަތް ހޯއްދެވި ފަހުން، ނަޝީދު ލަންކާ އަށް ވަޑައިގެންނެވި ތިންވަނަ ފަހަރެވެ. އެންމެ ފަހުން އެ މަނިކުފާނު ލަންކާ އަށް ވަޑައިގަތީ މިދިޔަ ޖެނުއަރީ 29ގަ އެވެ. އެ ފަހަރު އެނބުރި އިނގިރޭސި ވިލާތަށް ވަޑައިގަތީ ދެ ހަފުތާއެއްހާ ދުވަސް ފަހުން، މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ.

ނަޝީދުގެ އޮފީހުގެ އިސް އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެމަނިކުފާނު މި ފަހަރު ވެސް ލަންކާ އަށް ވަޑައިގަތީ ސިޔާސީ ބައްދަލުވުންތަކެއް ބާއްވަވައި، ލަންކާގައި ތިއްބަވާ ބައެއް ސިޔާސީ އިސް ފަރާތްތަކާ އެކު ވާހަކަތައް ބޭއްވުމަށް ކަމަށެވެ.

މި ދަތުރުފުޅަށް ފަހު ނަޝީދު އެނބުރި ވަޑައިގަންނަވާނެ ދުވަހެއް އެމަނިކުފާނުގެ އޮފީހަކުން އަދި ނުބުނެ އެވެ.

ނަޝީދު އެންމެ ފަހުން ލަންކާ އަށް ކުރެއްވި ދަތުރުފުޅުގައި، އެ ގައުމުގެ ރައީސް، މައިތިރްޕާލާ ސިރިސޭނާއާ ވެސް ބައްދަލު ކުރެއްވި އެވެ.

އަދި ލަންކާގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަންނަވައި، ސިޔާސީ މަސްރަހާއި ޕާޓީގެ ކުރިމަގާ ގުޅޭ ނިންމުންތަކަށް، ގައުމީ މަޖިލީހުގެ މެމްބަރުންގެ ހިޔާލު އެ މަނިކުފާނު ހޯއްދެވި އެވެ. އެ ދަތުރުފުޅުގައި ނަޝީދު ވަނީ، ރާއްޖޭގެ ސިޔާސީ މަސްރަހާއި އިގްތިސާދީ މައްސަލަތަކާ ގުޅޭ ގޮތުން ހުރި ޝަކުވާތައް ބޭރުގެ ސަފީރުންނާ ވެސް ހިއްސާކުރައްވައިފަ އެވެ.