Roadha Mihaaru
ޕާސްޕޯޓާއި އައިޑީއަށް މެނުއަލްކޮށް ހުށަހެޅޭގޮތް ހަދަނީ

އޮންލައިންކޮށް ނޫނަސް އައިޑީ ކާޑާއި ޕާސްޕޯޓަށް ހުށަހެޅޭ ގޮތަށް ހަދަނީ

21 ޑިސެމްބަރ 2023

އޮންލައިންކޮށް ނޫނަސް ޕާސްޕޯޓަށާއި އައިޑީ ކާޑަށް އެދި އަލުން ހުށަހެޅޭ ގޮތަށް ހެދުމުގެ މަޝްވަރާތައް ފަށާދައިވާ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އިއްޔެ ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އޮންލައިންކޮށް ނޫނަސް ޕާސްޕޯޓަށާއި އައިޑީ ކާޑަށް އެދި އަލުން ހުށަހެޅޭ ގޮތަށް ހެދުމުގެ މަޝްވަރާތައް ފަށާދައިވާ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އިއްޔެ ވިދާޅުވެއްޖެ އެވެ.

އީމެއިލް މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓާއި އައިޑީކާޑަށް އެދުމާއި ފައިސާ ދައްކަން ޖެހޭ ގޮތަށް ސަރުކާރުން އެއްކޮށް ބަދަލުކުރީ ކޮވިޑުގެ ވަބާގެ ދުވަސްވަރު އާންމުންނަށް ފަސޭހަ ކުރުމަށެވެ. ނަމަވެސް އެ ބަދަލު ގެނައުމުން އުމުރުން ދުވަސްވީ މީހުންނާއި އެހެން ބައެއް އާންމުންނަށް ވެސް ދަތިތައް ކުރިމަތިވާ ކަމުގެ ޝަކުވާ ކުރެ އެވެ.

ހޯމް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ ތަންތަނުގެ އެންމެ އިސްވެރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމަށް ހައްލެއް ގެނައުމުގެ ވިސްނުން ގެންގުޅޭތޯ ނޫސްވެރިއަކު ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ، އެއީ ފަސޭހައަކަށް ގެނައި ބަދަލަކަށް ވިޔަސް އެ ހިދުމަތްތައް އޮންލައިންކޮށް ހުށަހެޅުމަށާއި ފައިސާ ދެއްކުމަށް ބައެއް މީހުންނަށް އުނދަގޫ ކުރިމަތިވާކަން ފާހަގަ ވެފައިވާ ކަމަށެވެ.

ހޯމް މިނިސްޓަރު އަލީ އިހްސާން ވާހަކަ ދައްކަވަނީ- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ހޯމް މިނިސްޓަރު އަލީ އިހްސާން ވާހަކަ ދައްކަވަނީ- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

"ބައެއް ބޭފުޅުންގެ ކާޑު ނެތުމާއި ޕޯޓަލް މެދުވެރިކޮށް އެ ހިދުމަތް ދޭން ނޫނީ ހިދުމަތް ލިބިގަންނަން އުނދަގޫވުން، މި ކަހަލަ ކަންކަން ފާހަގަ ކުރެވިފައި ހުރީ. ބައެއް ސާވިސްތައް ބޭނުން ނުކުރައްވާ ރައްޔިތުންނަށް ދަތުތަކެއް ދިމާވޭ،" އިހުސާން ވިދާޅުވި އެވެ.

އައީޑީ ކާޑަށް އެދި ހުށަހެޅުމުގައި ދިމާވި މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އައިޑީ ކާޑު ހެއްދުމަށް މެނުއަލް އެޕްލިކޭޝަން ހުށަހެޅޭނެ ގޮތް ވަރަށް އަވަހަށް ހަދާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

ހޯމް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ ތަންތަނުގެ އެންމެ އިސްވެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ހޯމް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ ތަންތަނުގެ އެންމެ އިސްވެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވީ، އޮންލައިންކޮށް ޕާސްޕޯޓަށް އެދުމަށް ކުރިން ހުޅުވާލީ ކޮންމެ ތަނަކު ހުރެގެން ވެސް އެޕްލިކޭޝަން ހުށަހެޅޭނެ ފުރުސަތު ދިނުމަށް ކަމަށެވެ.

ނަމަވެސް އޮންލައިން ޕޯޓަލްތަކަށް އެހާ ފަރިތަ ނޫން މީހުންނަށް މިކަމުގެ ދަތިތައް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށާއި ހައްލެއްގެ ގޮތުން މެނުއަލްކޮށް ހުށަހެޅުމަކީ ކުރެވިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޮންލައިންކޮށް ނޫނަސް އައިޑީ ކާޑަށާއި ޕާސްޕޯޓަށް އެދެވޭ ގޮތަށް ބަދަލު ގެނައުމުގެ މަޝަވަރާތައް ކުރަމުންދާއިރު، އިއްޔެ ވަނީ ޕާސްޕޯޓުގެ ވެރިފަރާތުން އިމިގްރޭޝަނަށް ޕާސްޕޯޓް ނަގަންދާއިރު އައިޑީކާޑު ގެންދަން ނުޖެހޭ ގޮތަށް ވެސް ބަދަލުކޮށްފަ އެވެ.