Roadha Mihaaru
ފައިލޭރިއާ ޖެހިފައިވާ ތިން ބިދޭސީއަކު ކޫއްޑޫން ފެނިއްޖެ

ފައިލޭރިއާ ޖެހިފައިވާ ތިން ބިދޭސީއަކު ކޫއްޑޫން ފެނިއްޖެ

12 މެއި 2024

ގއ. ކޫއްޑޫ މަސް ފެކްޓަރީގައި މަސައްކަތްކުރާ ތިން ބިދޭސީއަކު ފައިލޭރިއާއަށް ޕޮޒިޓިވް ވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ގއ. ކޫއްޑޫ މަސް ފެކްޓަރީގައި މަސައްކަތްކުރާ ތިން ބިދޭސީއަކު ފައިލޭރިއާއަށް ޕޮޒިޓިވް ވެއްޖެ އެވެ.

މިފްކޯގެ މީޑިއާ އޮފިޝަލް އިބްރާހިމް ސައީދު (ކޭޑް) މިއަދު ވިދާޅުވީ، ފައިލޭރިއާ އަށް ޕޮޒިޓިވްވި ބިދޭސީން ޓެސްޓުކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

"ފެލިވަރުގައި ތިބި ބިދޭސީ މުވައްޒަފުން ކޮންޓްރެކްޓް އާ ކުރަން ޓެސްޓް ހެދި އިރު، ފައިލޭރިއާ އަށް ޝައްކުވާ ބަޔަކު ފެނިގެން ޓެސްޓި ހެދީ،" ސައީދު ވިދާޅުވި އެވެ.

އިންޑިއާ އަށް އުފަން އެ ތިން މީހުންނަށް ފަރުވާ ދިނީ ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުން ކަމަށާއި އެ މީހުން މިހާރު ވަނީ ފަރުވާ އަށް ފަހު މަސައްކަތަށް ނުކުމެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެޗްޕީއޭ އިން މިހާރު ކުރިއަށް ގެންދާ ފައިލޭރިއާ އަށް ސްކްރީން ޕްރޮގްރާމްގައި މިފްކޯގެ ދަށުން ހިންގާ ހުރިހާ ތަނެއްގައި މަސައްކަތްކުރާ ބިދޭސީން ވެސް ސްކްރީން ކުރަމުން އަންނަ ކަމަށް ސައީދު ވިދާޅުވި އެވެ.

"އެޗްޕީއޭ އިސްނަގައިގެން މި ދުވަސްވަރުގެ ގޮތުން ބޭނުންވީ މިފްކޯގެ ހުރިހާ ފެކްޓަރީއެއްގައި ސްކްރީނިން ޕްރޮގްރާމެއް ހިންގަން. އެންމެން ޓެސްޓް ކުރަން،" އޭނާ ވިދާޅުވި އެވެ.

ކޫއްޑޫގައި މަސައްކަތް ކުރަމުން އަންނަނީ 395 ބިދޭސީންނެވެ. ބައެއް ބިދޭސީންގެ ސްކްރީނިން މިހާތު ނިމިފައިވާ ކަމަށާއި ނިމުނު މީހުންގެ ތެރެއިން މިހާތަނަށް ޕޮޒިޓިވްވީ ތިން މީހުން ކަމަށް ސައީދު ވިދާޅުވި އެވެ.

އެޗްޕީއޭ އިން ބުނީ، ފައިލޭރިއާ ސްކްރީނިންއާ ގުޅޭ ސާވޭއެއް ކުރިއަށް ގެންދާ ކަމަށާއި އޭގެ ތަފްސީލު ހާމަކުރާނީ އެ ސާވޭ އެއްކޮށް ނިމުމުން ކަމަށެވެ.

ރާއްޖޭގައި ދިރިއުޅޭ ދިވެހިންނާއި ބިދޭސީންގެ މެދުގައި ފައިލޭރިއާ ބަލި ހުރި ވަރު ދެނެގަތުމަށް މުޅި ރާއްޖޭގައި ސްކްރީނިން ގެންދަން އެޗްޕީއޭ އިން ނިންމީ މިދިޔަ ފެބްރުއަރީ މަހު އެވެ.

ރާއްޖެއިން ފައިލޭރިއާ ނައްތާލި ކަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައެޅީ 2016 ވަނަ އަހަރު އެވެ. މި ސަރަހައްދުން އެ ޝަރަފު ދެން ހޯދާފައިވަނީ ސްރީ ލަންކާ އެވެ. ނަމަވެސް، ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރަން ހދ. ކުޅުދުއްފުށީގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހެދި ރެންޑަމް ސްކްރީނިންއަކުން އެ ބަލި ޖެހިފައި ތިބި ބިދޭސީންތަކެއް ފެނުނެވެ.