Roadha Mihaaru
ވަޒީރުންގެ ރުހުން ލަސްކޮށް، ދޭން އުޅެނީ އަދަބެއް!

އެމްޑީޕީން ވަޒީރުންގެ ރުހުން ލަސްކޮށް، ކުރަނީ ޖެއްސުން، ދޭން އުޅެނީ އަދަބެއް!

25 ޑިސެމްބަރ 2023

އާ ސަރުކާރުގެ ކެބިނެޓަށް ރުހުން ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޓީފުޅެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވިތާ މިއަދަށް 35 ދުވަސް ވީ އެވެ. ކެބިނެޓުގެ 22 ވަޒީރުން ހުވާ ކުރެއްވިތާ ދެ ދުވަސް ފަހުން ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) ގައި ބުނާ ގޮތަށް ވަޒީރުންނަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލިހަށް ރައީސް ޑރ. މުއިއްޒު ފޮނުއްވެވި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އާ ސަރުކާރުގެ ކެބިނެޓަށް ރުހުން ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޓީފުޅެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވިތާ މިއަދަށް 35 ދުވަސް ވީ އެވެ. ކެބިނެޓުގެ 22 ވަޒީރުން ހުވާ ކުރެއްވިތާ ދެ ދުވަސް ފަހުން ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) ގައި ބުނާ ގޮތަށް ވަޒީރުންނަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލިހަށް ރައީސް ޑރ. މުއިއްޒު ފޮނުއްވެވި އެވެ.

އޭގެ ފަހުން މިއަދާ ހަމައަށް މަޖިލީހުގައި 15 ޖަލްސާ ބާއްވައިފި އެވެ. މެދުކެނޑުމެއް ނެތި އެތައް ކޮމިޓީ ބައްދަލުވުން ކުރިއަށް ގެންގޮސްފި އެވެ. މަޖިލީހުގެ މެޖޯރިޓީ އާއި ރިޔާސަތު ކޮންޓްރޯލް ކުރާ އެމްޑީޕީން ބޭނުން މަސައްކަތެއް ބޭނުން ގޮތަކަށް ކުރިޔަށް އެބަ ގެންދެ އެވެ.

އެކަމަކު، ވަޒީރުންނަށް ރުހުން ހޯދަން ރައީސް ޑރ. މުއިއްޒު ފޮނުވި މައްސަލަ އަދިވެސް އޮތީ މެންބަރުންގެ މޭޒުކޮޅު ގަ އެވެ. އެކިއެކި ބަހަނާތައް ދައްކަމުން މައްސަލަ ގެންދަނީ ލަސްކުރަމުންނެވެ. އެއީ އެމްޑީޕީ ބޭނުން ނަމަ އެންމެ ދުވަހަކުން ވެސް ނިންމޭވަރުގެ ކަމެކެވެ.

މިދިޔަ ދުވަސްތަކުގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި އެމްޑީޕީން އަމަލު ކޮށްފައިވާ ގޮތަށް ބަލާއިރު ރައީސް ޑރ. މުއިއްޒު ބޭނުންފުޅުވާ ގޮތަށް ފަސޭހައިން މިކަން ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަން ވަރަށް ސާފެވެ.

އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމާ އެކު، ފުރަތަމަ ޖެއްސީ ޝަރުތު ހަމަ ނުވާ ކަމުގެ މައްސަލަ އެވެ. އެއް ވަޒީރެއްގެ ޑުއަލް ސިޓިޒަންޝިޕް އޮތް ކަމަށް ބުނެ ސަރުކާރުން ގާނޫނުއަސާސީއާ ހިލާފުވި ކަމަށް އެ މެންބަރުން ބުންޏެވެ.

އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ތަޅުމުގައި

އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ތަޅުމުގައި

ނަމަވެސް ސިޓިޒަންޝިޕް ދޫކޮށްލާފައިވާ ކަން ފަހުން ސާފުވުމުން ކޮމިޓީގައި ހުރިހާ ވަޒީރުންގެ ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައި މަޖިލީހުގެ ތަޅުމަށް މައްސަލަ ފޮނުވި އެވެ.

ނަމަވެސް ކޮމިޓީ ރިޕޯޓުގެ މައްސަލައެއް ފާހަގަ ކުރުމަށް ފަހު، އެމްޑީޕީން އަލުން އެ މައްސަލަ ކޮމީޓީ އަށް ފޮނުވާލަން ވަކާލާތު ކުރި އެވެ. އެ އަށް ފަހު،ފަހުގެ ތާރީހުގައި ފުރަތަމަ ފަހަރަށް މެންބަރުންގެ ވޯޓަށް ނާހައި ނިޒާމީ މައްސަލައަކުން ކޮމިޓީ ރިޕޯޓެއް އަލުން އަނބުރާ ކޮމިޓީ އަށް ފޮނުވާލަން ނިންމި އެވެ. މީގެ ކުރިން ވެސް ސަރުކާރުގެ މިނިސްޓްރީތަކުގެ މެންޑޭޓް ފާސްކުރީ ވަޒީރުންނަށް ރުހުން ދިނުމަށް ފަހު ކަމަށް ވިޔަސް ކުރިއްސުރެ އަމަލުކުރާ އެ އުސޫލު ވެސް މި ފަހަރު ކަމަކު ނުދިޔަ އެވެ. އެ މެންޑޭޓް ސަރުކާރުން މަޖިލިހަށް ފޮނުވިތާ ވެސް ހަފުތާއެއް ވެއްޖެ އެވެ. މަޝްވަރާ ކުރަން އެންމެ ކޮމިޓީއެއް ވެސް ނުބާއްވަ އެވެ.

މި ސަރުކާރުގެ ފުރަތަމަ ކެބިނެޓް ބައްދަލުވުން ކުރިއަށް ގެންދަނީ.--- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުގެ ފުރަތަމަ ކެބިނެޓް ބައްދަލުވުން ކުރިއަށް ގެންދަނީ.--- ފޮޓޯ: ރައީސް އޮފީސް

މިއަދާ ހަމައަށް އައިއިރު މަޖިލީހުގެ ތިން ވަނަ ދައުރު ނުނިންމައި ދެ ފަހަރަށް މުއްދަތު އިތުރު ކުރި ނަމަވެސް އަދިވެސް އެ މައްސަލަ ކޮޅެއްގައި ޖައްސާކަށް އެމްޑީޕީން ބޭނުމެއް ނުވެ އެވެ.

"އުޅެނީ ސަރުކާރު ކުޑަކަކުލަށް ތިރި ކުރަން"

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެންމެ ފަހުން މަޖިލީހުގައި ބާއްވަން މަސައްކަތް ކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނެވެ. ވަރަށް މަދުން ނޫނީ އެ ދުވަހު ކޮމިޓީ ބައްދަލުވުމެއް ނުބާއްވާނެ އެވެ. ގިނަ ފަހަރަށް ބޭއްވިޔަސް ކޯރަމް ނުލިބި ކެންސަލް ކުރަން ޖެހެ އެވެ.

އެ ދުވަހު ވެސް ކަންތައް ދިމާވީ އެގޮތަށެވެ. "މިހާރު" އާ ވާހަކަ ދެއްކެވި ޕީޕީއެމް ފަޅީގެ މެންބަރުން ކަށަވަރު ކޮށްދެއްވި ގޮތުގައި އެ ބައްދަލުވުން ބޭއްވީ ތިން މެންބަރުން ސޮއި ކުރައްވައިގެން ކޮމިޓީ ބާއްވައި ދިނުމަށް އެދި މުގައްރިރަށް ސިޓީ ހުށަހެޅުމުންނެވެ.

ނަމަވެސް އެ ބައްދަލުވުމުގައި ވެސް އެ މައްސަލަ ކުރިޔަށް ގެންދިޔުމުގެ ނިޔަތެއް އެމްޑީޕީގެ މެންބަރުން ނުގެންގުޅުއްވަ އެވެ. ގަސްދުގައި "ކޯރަމް ގެއްލުވާލަން" އެ ބައްދަލުވުމަށް ހާޒިރު ނުވާން ބައެއް އެމްޑީޕީގެ މެންބަރުންގެ އަރިހުގައި ކުރިން ބުނެފައި އޮތް ކަމަށް ވެސް ސަރުކާރު ފަޅީގެ މެންބަރުން ތުހުމަތު ކުރައްވަ އެވެ.

މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު

މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު

އެ މައްސަލާގައި "މިހާރު" އާ ވާހަކަ ދައްކަވަމުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވި ގޮތުގައި ސަރުކާރު ޒިންމާދާރު ކުރުވަން އޮތް އިދިކޮޅު ޕާޓީން ކުރަމުން އަންނަނީ ޒިންމާދާރު ކަން ކުޑަ އަމަލެކެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ނުގެންގޮސް ބާއްވަނީ ސަރުކާރަށް ކުޑަކަކުލަށް ތިރިކޮށްފައި ބާއްވަން ކަމަށް އޭނާ ތުހުމަތު ކުރި އެވެ.

މިއީ ސަރުކާރު ކޫޑަކަކުލަށް ތިރި ކުރުމުގެ މަގްސަދުގައި އެމްޑީޕީ ކުރާ ކަމެއް -- ޓޮމް

"އަޅުގަނޑު ގަބޫލު ކުރަނީ މިއީ މަޖިލީހުގައި ގިނަ މެންބަރުން އެމްޑީޕީގެ އަތުގައި އޮތީމާ، ބާރު އޮތް ކަން ދައްކަން ވެގެން ސަރުކާރު ކުޑަކަކުލަށް ތިރި ކުރުމުގެ މަގްސަދުގައި އެމްޑީޕީ ކުރާ ކަމެއް ކަމަށް." ޓޮމް ވިދާޅުވި އެވެ.

ސަރުކާރުން އައްޔަން ކޮށްފައިވާ ވަޒީރަކާ މެދު ސުވާލެއް އުފައްދާނެ މާ ބޮޑު ޖާގައެއް އެމްޑީޕީގެ މެންބަރުންނަކަށް ނޯންނާނެ ކަމަށް ޓޮމް ވިދާޅުވި އެވެ. ރައީސް ޑރ. މުއިއްޒު އައްޔަން ކޮށްފައި ވަނީ ޕީއެޗްޑީ ހައްދާފައި ތިއްބެވި ތަޖުރިބާކާރުން ތަކަކާއި މަޖިލީހުގެ ކުރީގެ މެންބަރުންތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މެންބަރުންގެ މައްސަލަތަކެއް ހުރި ނަމަ ރައީސަށް ވަޒީރުން އައްޔަން ކުރަން ލިބިވަޑައިގަންނަވާ ހަތް ދުވަސް ތެރޭގައި އެ ބޭފުޅުންގެ މައްސަލަތައް ފެންނާނެ ކަމަށް ވެސް ޓޮމް ވިދާޅުވި އެވެ.

އެއްވެސް މައްސަލަ ފެންނަން ނެތް އިރު އެ މަސައްކަތް ކުރިޔަށް ނުގެންގޮސް ލަސް ކުރުމަކީ ކަންބޮޑުވުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ ނުރުހޭ ލިސްޓު ބޮޑުވަނީ!

މަޖިލީހުގެ މެޖޯރިޓީ ޕާޓީން ރުހުން ދިނުމުގެ މައްސަލަ ލަސް ކުރުމުގެ އިތުރުން އެ ޕާޓީގެ މެންބަރުން އަންނަނީ ފަހަރަކު ވަޒީރަކު ބްލެކްލިސްޓު ކުރަމުންނެވެ. ޝަރުތަކާ ގުޅޭ މައްސަލައަކަށް ވުރެ މާ ކުރިން ބައެއް މެންބަރުން ތިބީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕަށް ހުށަހަޅަން ނިންމައިގެންނެވެ.

އެކަން އެންމެ ފުރަތަމަ ހާމަކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދެވެ. އޭނާ ފާހަގަ ކުރެއްވި މައްސަލައަކީ މާލޭ މީހުންނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދިން ގޯތިތައް މި ސަރުކާރުން އަތުލަން އުޅޭ ވާހަކަ އެވެ.

އެ މައްސަލާގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ނުދޭން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕަށް ހުށަހަޅުއްވާނެ ކަމަށް މީކާއިލް ވިދާޅުވި އެވެ.

އޭގެ ފަހުން ފެނަކަ އިން މުއައްޒަފުން ވަކިކުރާ ކަމުގެ އަޑު ފެތުރުމާ އެކު، ވެސް އެމްޑީޕީން ސަރުކާރާ ދިމާކޮށްލައި ވަރުގަދަ އިންޒާރެއް ދިނެވެ. މުވައްޒަފުން ވަކިކުރާ ނަމަ އެއްވެސް މިނިސްޓަރަކަށް ރުހުމެއް ނުދޭނެ ކަމަށް އެ ޕާޓީގެ ބައެއް މެންބަރުން ގޮވަން ފެށި އެވެ.

އަދި ސަރުކާރަށް ފާޑު ކިޔާ ވެބްސައިޓު ބްލޮކް ކުރުމުން ވެސް ރުހުން ނުދޭނެ ކަމުގެ އިންޒާރުތައް އެމްޑީޕީގެ މެންބަރުން ދިނެވެ.

މަޖިލީހުގައި މެންބަރުން

މަޖިލީހުގައި މެންބަރުން

މި ފަހުން އައިސް އެ ޕާޓީގެ މެންބަރުން ދައްކަމުން އަންނަނީ ކެބިނެޓުގައި ތިއްބެވި ބައެއް ބޭފުޅުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ހުންނެވި އިރު ސަރުކާރުގެ ތެރެއިން ކުރެއްވި ބައެއް ކަންކަމުގެ ވާހަކަ އެވެ.

ކުރީގައި ހިނގި ކަންކަމުގެ މައްޗަށް ބަލައި ވަޒީރުންނަށް "އަދަބު ދޭން" ބައެއް މެންބަރުން ދަނީ ގޮވާލަމުންނެވެ.

"އާދަމް ޝަރީފް [މިހާރުގެ ލޯކަލް ގަވަނަސް މިނިސްޓަރު] ޑިފެންސްގައި ހުންނެވި އިރު މަޖިލީހުގެ ތާރީހުގައި އަލަށް ސިފައިން ވައްދާ މެމްބަރުންނަށް އަނިޔާކުރެއްވި. މިހާރު ކޭމް މެދުވެރިކޮށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނައްތާލުމަށް މަސައްކަތް ފެއްޓެވީ. ލާމަރުކަޒީ ނިޒާމް ވެސް ފުށިދިއްގަރަށް، ރުހުން ދޭންޖެހޭ އެއްވެސް ސަބަބެއް ނުފެނޭ،" އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވި އެވެ.

ރުހުން ދިނުމުގެ މައްސަލަ ޕާކު ކޮށްފައި އޮތް އޮތުމާ ގުޅޭ ގޮތުން މާ ގިނަ ވާހަކަތަކެއް ނުދެއްކި ނަމަވެސް އެމްޑީޕީން މިހާރު ގަބޫލު ކުރަނީ މަޖިލީހުން ވަޒީރުންނަށް ރުހުން ދިނުމުގެ ކުރިން ރަނގަޅަށް ކަންކަން ބަލަން ޖެހޭ ކަމަށެވެ. އެކަމަކު ވަޒީރުންނަށް ރުހުން ހޯދަން މަޖިލިހަށް ފޮނުވިތާ މަހަކަށް ވުރެ ގިނަ ދުވަސް ވީއިރު ބެލި އެއްކަމެއް ވެސް ނެތެވެ. ވަޒީރުން ނުވަތަ ސަރުކާރުގެ ފަރާތުން އެމްޑީޕީ ނުރުހޭ ކަމެއް ފެނުމުން އެއީ އެ ވަޒީރަކަށް ރުހުން ދޭން ނުޖެހޭނެ ކަމުގެ އުޒުރު ދެއްކުން ނޫން ކަމެއް އެ ޕާޓީން ނުކުރެ އެވެ.

މީކާއިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުން ގާނޫނުއަސާސީގައި ކަނޑައެޅިގެން މަޖިލީހަށް ރުހުން ދިނުމުގެ ބާރު ދީފައި އޮންނަނީ ރަނގަޅު ވެޓިން ޕްރޮސެސްއެއް ކުރިޔަށް ގެންދިޔުމުގެ ނިޔަތުގައި އެވެ.

އެކަމަކު، އެއީ މީގެ ކުރިން އަމަލުކުރި ގޮތެއް ނޫނެވެ.

"ގާނޫނީ ހުރަހެއް ނެތަސް ގައުމަށް ގެއްލުންވާނެ"

ޕީއެންސީއާ މި ފަހުން ގުޅިވަޑައިގަތް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް "މިހާރު" އަށް ވިދާޅުވި ގޮތުގައި ވަޒީރުންނަށް ރުހުން ނުދީ އެމްޑީޕީން ކިތަންމެ ވަރަކަށް ދިގު ދެންމިޔަސް ސީދާ ގެއްލުމެއް ނުލިބޭނެ އެވެ.

އެމްޑީޕީން ގޮތެއް ނުނިންމާހާ ހިނދަކު ސަރުކާރުގައި ތިބެ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރައްވަން އެ ބޭފުޅުންނަށް ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެމްޑީޕީގެ މެންބަރުން އަމަލު ކުރައްވަނީ މީގެ ކުރިން އެއްވެސް ވެރިކަމެއް ބަދަލުވި އިރު މަޖިލިސް މެންބަރުން ކަންތައް ކުރެއްވި ގޮތަކަށް ނޫން ކަމަށް ނަސީމް ވިދާޅުވި އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަޒީރުންނަށް ރުހުން ނުދޭން ނިންމީ ހުރިހާ ވަޒީރުން އަމިއްލަ އަށް އިސްތިއުފާ ދެއްވައި "ޑްރާމާއެއް" ކުޅުއްވުމުން ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް އެމްޑީޕީގެ މިނިސްޓަރުންނަށް ސުވާލެއް ނެތި ރުހުން ދިން ކަމަށް އޭނާ ވިދާޅުވި އެވެ.

ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް

ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް

"އެހެންވެ ރުހުން ދެއްވަން ވީ ނޫންތޯ. ދެއްވާފައި ވަޒީރެއްގެ އިތުބާރު ގެއްލިއްޖެ ނަމަ ވޯޓެއް ނަގާފައި ވަކި ކުރަންވީ. އެކަމަކު މި ވަގުތު ނިޒާމުގައި ކަންކަން ހިނގާ ގޮތަށް އަމަލު ކުރަން ޖެހޭ. އޭގެން ބޭރުން ކަންކަން ކުރައްވަން އުޅުނީމަ ގޯސްވާނެ،" އޭނާ ވިދާޅުވި އެވެ.

ރުހުން ދެއްވަން ވީ ނޫންތޯ. ދެއްވާފައި ވަޒީރެއްގެ އިތުބާރު ގެއްލިއްޖެ ނަމަ ވޯޓެއް ނަގާފައި ވަކި ކުރަންވީ. -- އެމްޕީ ނަސީމް

ނަސީމް ވިދާޅުވި ގޮތުގައި ރާއްޖެ މިހާރު މިއޮތް އިގްތިސާދީ ދަތި ހާލަތުގައި އޮއްވައި އޭގެ މައްޗަށް ސިޔާސީ ހަލަބޮލި ކަމެއް އުފައްދައިފި ނަމަ މިހާރު މިތިބި ތަނުގައި ވެސް ނުހުރެވޭނެ އެވެ. ގައުމަށް ކުރިއެރުމެއް ގެނެވޭނީ ސިޔާސީ ގޮތުން ވެސް ސްޓޭބަލް ވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަން އެމްޑީޕީގެ މެންބަރުންނަށް ވެސް އެނގިވަޑައިގަންނަވާއިރު ރައީސް ޑރ. މުއިއްޒު ވެސް އަޒުލު ކުރެވޭ ގޮތަށް ގަވައިދު ބަދަލު ކުރުމާއި ރުހުން ނުދީ ހިފެހެއްޓުން ފަދަ ކަންކަމުގެ ސަބަބުން ގައުމު އިތުރަށް ހަލަބޮލި ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބާރު އޮތަތީވެ އެ ކަހަލަ ކަމެއް ކޮށްފިއްޔާ އެއީ ދިވެހި ގައުމު ބިކަ ކޮށްލުން ކަހަލަ ކަމަކަށް ވެގެން ދާނެ،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް

މި މައްސަލާގައި އެމްޑީޕީން ރަސްމީކޮށް މާ ގިނަ ވާހަކަ ނުދެއްކި ނަމަވެސް ޕީޕީއެމް/ޕީއެންސީގެ ބައެއް މެންބަރުން ތުހުމަތު ކުރައްވަނީ އެމްޑީޕީން މި ދައުރު ނިންމާލަން ބޭނުން ވަނީ އެއްވެސް ވަޒީރަކަށް ރުހުން ނުދީ އެވެ.

ހާއްސަކޮށް މާލޭގެ މޭޔަރު އިންތިހާބު ކުރިޔަށް އޮއްވައި ހައުސިން މިނިސްޓަރަށް ފަސޭހައިން ރުހުން ދީފި ނަމަ ގެއްލުން ދައްކާނެ ކަމަށް ބައެއް މެންބަރުން ގަބޫލު ކުރައްވާ ކަމަށް ވެ އެވެ. ރުހުން ނުދީ ބާއްވައިފި ނަމަ މަޖިލިސް އިންތިހާބާ ކައިރިކޮށް، ސަރުކާރު ޕްރެޝަރެއްގައި ބައިތިއްބަން ފަސޭހަ ވާނެތީ ކަމަށް ވެސް ބައެއް މެންބަރުން ގަބޫލު ކުރެ އެވެ.