Roadha Mihaaru
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ 1:30 ގައި!

މެޖޯރިޓީ ވިސްނުމަކީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން، ވޯޓަށް އެހުން 1:30 ގައި!

28 ޖެނުއަރީ 2024

މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ތާވަލުކޮށްފި އެވެ. ވޯޓަށް އެހުން އޮންނާނީ މެންދުރު 1:30 ގަ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ތާވަލުކޮށްފި އެވެ. ވޯޓަށް އެހުން އޮންނާނީ މެންދުރު 1:30 ގަ އެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރި އެވެ.

އެ މައްސަލާގައި މިއަދު ބަހުސް ކުރެއްވި މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ ވިސްނުމަކީ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމެވެ. ހުރިހާ ވަޒީރުންނަށް ރުހުން ދޭން ގޮވާލީ ޕީޕީއެމާއި ޕީއެންސީ އާއި ޖޭޕީ އަދި އެމްޑީއޭ އެވެ. އެއީ ސަރުކާރުގެ ފަޅީގެ ޕާޓީތަކެވެ.

މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވި ގޮތުގައި މިނިސްޓަރު ކަމާއި އެ ފެންވަރުގެ ވަޒީފާތަކަކީ ބަޔަކު ރުއްސަން ނުވަތަ އިނާމެއްގެ ގޮތުގައި ދޭ މަގާމުތަކަކަށް ވެގެން ނުވާނެ އެވެ.

އެކަމާ ގުޅޭ ގޮތުން ގާނޫނުއަސާސީގައި ބުނާ މާއްދާތައް އިސްލާހު ކުރަން ފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

ސަރުކާރުން އިންތިހާބުގެ ތެރޭގައި ރައްޔިތުންނަށް ދައްކަނީ މުޅިން އެހެން މަންޒަރެއް ކަމަށާއި އެ ގޮތާ ހިލާފަށް އަމަލު ކުރާ ނަމަ ވީހާ ވެސް އަވަހަށް އެހެން ގޮތްތަކެއް ހޯދަން މަސައްކަތް ކުރުމަކީ ހުރިހާ މެންބަރުން ކުރަން ޖެހޭ ކަމެއް ކަމަށް އާޒިމް ވިދާޅުވި އެވެ.

ދަ ޑިމޮކްރެޓްސް އިން ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމައިފަ އެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް އެ ޕާޓީން ހާމައެއް ނުކުރެ އެވެ.

އެ ޕާޓީއާ އެކު މިހާރު ގުޅިގެން މަސައްކަތް ކުރަން ފަށާފައިވާ އެމްޑީޕީން ވެސް އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ބާއްވާ ޕީޖީ ބައްދަލުވުން މިހާރު ކުރިއަށް އެބަގެންދެ އެވެ.