Roadha Mihaaru
މަޖިލީހުގެ ނިންމުމަށް އިހްތިރާމް ކުރަން: ޝަހީމް

މަޖިލީހުގެ ނިންމުމަށް އިހްތިރާމް ކުރަން، ނުތަނަވަސްކަން ހައްލު ކުރާނަން: ޝަހީމް

30 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ހިތުގައި އޭނާއާ މެދު އޮތް ނުތަނަވަސްކަމަކީ ކޮބައިތޯ ބަލައި، އެކަމަށް ހައްލު ހޯދަން މަސައްކަތް ކުރައްވާނެ ކަމަށާއި އެ މަޖިލީހުގެ ނިންމުމަށް އިހްތިރާމް ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ހިތުގައި އޭނާއާ މެދު އޮތް ނުތަނަވަސްކަމަކީ ކޮބައިތޯ ބަލައި، އެކަމަށް ހައްލު ހޯދަން މަސައްކަތް ކުރައްވާނެ ކަމަށާއި އެ މަޖިލީހުގެ ނިންމުމަށް އިހްތިރާމް ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމަށް އިއްޔެ މަޖިލީހުގައި ނެގި ވޯޓުގައި ޝަހީމަށް ރުހުން ނުދޭން ވަނީ ފާސްކޮށްފަ އެވެ. ޝަހީމްގެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަދަދަށް ބަލާއިރު އޭނާ އަށް ރުހުން ލިބެން ބޭނުންވީ 31 މެމްބަރުންގެ ވޯޓެވެ.

ޝަހީމަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ 30 މެންބަރުންނެވެ. ނުފެންނަ ކަމަށް 31 މެންބަރުން ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ އަށް މެންބަރުން ތިއްބެވި އެވެ.

އޭނާއާ އެކު ބަންޑާރަ ނައިބު އަހުމަދު އުޝާމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަށް ވެސް ރުހުމެއް ނުލިބުނެވެ. ނަމަވެސް، ރައީސް ވަނީ އޭގެ ދެތިން ގަޑިއިރު ފަހުން އެ ތިން ބޭފުޅުން ވެސް އަލުން މަގާމަށް އައްޔަން ކުރައްވައިފަ އެވެ.

މިނިސްޓަރު އަލުން އައްޔަން ކުރެއްވުމުން މަރުހަބާ ދަންނަވަން އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި އިވެންޓްގައި ޑރ. ޝަހީމް ވިދާޅުވީ މަޖިލީހުގެ ނިންމުމާ މެދު ހިތުގައި އެއްވެސް ނުތަނަވަސްކަމެއް ނެތް ކަމަށެވެ. މަޖިލީހުގެ ނިންމުންތަކަށް އަބަދުވެސް އިހްތިރާމް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުއިއްޒު އޭނާއާ މެދު ބެހެއްޓެވި އިތުބާރަކީ ވެސް ދުވަހަކު ވެސް ހަނދާން ނައްތާލާނެ ކަމެއް ނޫން ކަމަށެވެ.

"ދެން ކުރިއަށް ދާން އޮތީ ވެސް މާ ފަސޭހަ މަގެއް ނޫން އެހެން ނަމަވެސް، އަޅުގަނޑުމެން އަޒުމާއި ހިތްވަރާ އެކު ކުރިއަށް ދަނީ. މަޖިލީހުގެ ބައެއް މެންބަރުން އަޅުގަނޑާ މެދު އޮތް ނުތަނަވަސްކަމަކީ ކޮބައިތޯ ބަލައި އެ ކަންތައްތައް ހައްލު ކުރަން ވެސް އަޅުގަނޑުގެ ފަރާތުން މަސައްކަތް ކުރާނަން،" ޝަހީމް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގެ ދިމިގްރާތީ ނިޒާމްގެ އެންމެ މަތީ އެއް މުއައްސަސާ. އެ މުއައްސަސާ އާއި އިސްލާމިކް މިނިސްޓްރީގެ ކަންކަން ހިނގަން ހުންނަ ފަރާތަކާ މެދު ނުތަނަވަސްކަމެއް އޮވެގެން ނުވާނެ. އެހެންވީމަ އެފަދަ ކަންތައްތަކީ ކޮބައިތޯ ބަލައި އެ ކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރާނަން."

ޝަހީމް ވިދާޅުވީ އޭނާއަށް ލިބޭ ހިތްވަރަކީ ރައްޔިތުންގެ ފަރާތުން ލިބޭ އިތުބާރާއި ހެޔޮ ޝުއޫރުތައް ކަމަށެވެ. ސިޔާސީ ތޫފާނުގެ ތެރޭގައި އަންނަ ރޯޅީގައި އިސްލާމިކް މިނިސްޓްރީ ބަލިކަށިކޮށް ނުލެވޭނެ ކަމަށާއި އެ މިނިސްޓްރީން ކުރަން ޖެހޭ ހަގީގީ އަސްލު މަސައްކަތް އަދި ފަށައި ވެސް ނުގަނެވޭނެ ކަމަށް ވިދާޅުވި އެވެ.

ޝަހީމް މީގެކުރިން ވަނީ އޭނާއަށް ރުހުން ނުދޭން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމި ހިސާބުން އެކަމަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި ރުހުން ނުދޭން އުޅެނީ އެމްޑީޕީ އަށް މަޖިލީހުގައި ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެންނެވެ. އަދި އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުޅުއްވަނީ ދީން ބަލިކަށިކޮށްލުމަށް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ރުހުން ނުދޭން ނިންމުމާ އެކު ޝަހީމް ވަނީ އެ ނިންމުމަށް ފާޑުވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވެފައިވަނީ ރުހުން ނުދޭން އުޅެނީ އެމްޑީޕީއަށް މަޖިލީހުގައި ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ކަމަށެވެ. އަދި އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުޅުއްވަނީ ދީން ބަލިކަށިކޮށްލަން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުން ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން ނިންމައިފަައިވަނިކޮށް ހަމަ އެ މިނިސްޓަރުން އަލުން އެ މަގާމަށް އައްޔަން ކުރުމުން ބައެއް ގާނޫނީ ބޭފުޅުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ރައީސްގެ ނިންމުމާއި އެ މަގާމުތައް ގަބޫލު ކުރައްވަން މިނިސްޓަރުން ނިންމެވި ނިންމުމަކީ، އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މަޖިލީހުގެ ނިންމުމަށް އިހްތިރާމް ނުކޮށް، އެ ނިންމުމަށް ގޮންޖެހުމެވެ.