Roadha Mihaaru
އިނގިލި ބުރިކޮށްލިޔަސް އަޅުގަނޑާ ދެކޮޅު ނުވާނެ:ރައީސް

އިނގިލި ބުރިކޮށްލިޔަސް އަޅުގަނޑާ ދެކޮޅަށް ވޯޓު ނުދޭނެ އެމްޑީޕީގެ މެމްބަރުން އެބަތިބި: ރައީސް

28 ޑިސެމްބަރ 2023

އިނގިލި ބުރިކޮށްލިޔަސް، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓު ނުދެއްވާނެ އެމްޑީޕީގެ މަޖިލިސް މެމްބަރުންތަކެއް އަދިވެސް އެބަތިއްބެވި ކަމަށް އެމަނިކުފާނު މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

އިނގިލި ބުރިކޮށްލިޔަސް، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓު ނުދެއްވާނެ އެމްޑީޕީގެ މަޖިލިސް މެމްބަރުންތަކެއް އަދިވެސް އެބަތިއްބެވި ކަމަށް އެމަނިކުފާނު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ މެމްބަރުންތަކެއް ޕީއެންސީއަށް ސޮއިކުރަން ދަރުބާރުގޭގައި މިރޭ ކުރިއަށް ގެންދިޔަ ޖަލްސާގައި ރައީސް އެގޮތަށް ވިދާޅުވީ ކެބިނެޓްގެ 22 ބޭފުޅުންނަށް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިހުން ރުހުން ނުދީ ލަސްކުރި ނަމަވެސް ރުހުން ލިބޭނެ ކަމުގެ ހިތްވަރު އާ ކުރައްވަމުންނެވެ.

ރައްޔިތުންގެ މަޖިލިހުގައި ތިއްބަވާ އެމްޑީޕީގެ ބައެއް މެމްބަރުން އެމަނިކުފާނާ ދެކޮޅަށް ވޯޓު ނުދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުއިއްޒު އާ ކުރެއްވިއިރު، އެމްޑީޕީގެ މަޖިލިހުގެ 12 މެމްބަރަކު މިރޭ ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެ. އަދި އެމްޑީޕީން މީގެ ދުވަސްކޮޅެއް ކުރިން އެމްޑީޕީން ވަކިވެފައިވާ، މައްޗަންގޮޅި ދެކުނު ދާއިރާގެ އަހުމަދު ހައިތަމް ވެސް މިރޭ ޕީއެންސީއާ ގުޅިވަޑައިގަތެވެ.

ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރާޝިދު ޕީއެންސީ އަށް މިރޭ ސޮއިކުރައްވައި އޭނާގެ ފޯމު ރައީސް ޑރ. މުއިއްޒާ ހަވާލު ކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރާޝިދު ޕީއެންސީ އަށް މިރޭ ސޮއިކުރައްވައި އޭނާގެ ފޯމު ރައީސް ޑރ. މުއިއްޒާ ހަވާލު ކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެހެންވެ، އަލަށް ޕީއެންސީއާ ގުޅިވަޑައިގެންނެވި 13 މެމްބަރުންނާ އެކު، ރައްޔިތުންގެ މަޖިލިހުގެ މައިނޯރިޓީ ޕާޓީއަކަށް ޕީއެންސީ ވާނެ އެވެ.

"އަޅުގަނޑާ ދެކޮޅަށް އެ މަސައްކަތްކުރާ ވޯޓު ނެގުމުގައި އިނގިލި ބުރިކޮށްލިޔަސް ވޯޓު ނުދޭނެ އެމްޑީޕީގެ މަޖިލިސް މެމްބަރުން އެބަތިއްބެވި. އެކަން އަޅުގަނޑަށް އެނގޭ"

މިދިޔަ ނޮވެމްބަރު 17 ގައި ބޭއްވި ރިޔާސީ އިންތިހާބު ޕީއެންސީ/ޕީޕީއެމް ކޯލިޝަނުން ކާމިޔާބުކުރި ފަހުން ޕީއެންސީން ފުރަތަމަ ފަހަރަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާާޅުވީ، ބައެއް ބޭފުޅުން ޖަލްސާތަކުގެ ސަފުން ނުފެނުނަސް ގައުމީ ވިސްނުމުގެ ބައެއް ބޭފުޅުން އެބަތިއްބެވި ކަމަށެވެ.

ޕީއެންސީއާ އަލަށް ގުޅިވަޑައިގެންނެވި 13 މެމްބަރުންނަށް އިޝާރާތް ކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އެ ބޭފުޅުން ހިޔާރު ކުރެއްވީ ގައުމު ކަމަށެވެ. ވިދާޅުވީ، އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ އަމިއްލަ މަސްލަހަތަށް ވުރެ ގައުމީ މަސްލަހަތު ބޮޑު ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް ބުނަން ވާނީ ގައުމަށްޓަކައި ތިމަންނަ އަށް ކޮށްދެވޭނީ ކޮން ކަމެއްތޯ؟ ތިޔަބޭފުޅުން ތި ހިޔާރު ކުރެއްވީ އެ މަގު. ފަށްފަށުން ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، އެ 13 މެމްބަރުންގެ ނިންމެވުމުން ހިތްވަރު ހޯއްދަވައިގެން ރައްޔިތުންގެ މަޖިލިހުގެ އިތުރު މެމްބަރުން ޕީއެންސީ ނުވަތަ "ގައުމީ ސަފަށް" އަރުއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރައީސް މުއިއްޒު މިރޭގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ

ރައީސް މުއިއްޒު މިރޭގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ

"އެކިއެކި ސަބަބުތަކަށްޓަކައި މަސްލަހަތަށްޓަކައި އަޅުގަނޑުމެންނާ ފާޅުގައި ގުޅިވަޑައިނުގަތަސް އަޅުގަނޑަށް ޕާސަނަލީ އަމިއްލަ ހައިސިއްޔަތުން އެނގޭ ހަމަ އެމްޑީޕީގެ މަޖިލިސް މެމްބަރުން އެބަތިއްބެވި، އެމްޑީޕީގެ ޕީޖީ ގުރޫޕުގައި މަޑުކުރައްވައި ތިއްބެވި ބޭފުޅުން. މަޖިލިސް ރުހުމުގެ ވޯޓުގައި ވިޔަސް އަދި ގައިމު ވެސް އަޅުގަނޑާ ދެކޮޅަށް އެ މަސައްކަތްކުރާ ވޯޓު ނެގުމުގައި އިނގިލި ބުރިކޮށްލިޔަސް ވޯޓު ނުދޭނެ އެމްޑީޕީގެ މަޖިލިސް މެމްބަރުން އެބަތިއްބެވި. އެކަން އަޅުގަނޑަށް އެނގޭ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ޑިމޮކްރެސީ ދަސްކޮށްދެނީ ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ރައްޔިތުން ކަންކަން ނިންމުމުން އެ ނިންމުމާ އެއްގޮތަށް ރިވެތި ގޮތުގައި ގައުމުގެ ކަންކަން ކުރިއަށް ގެންދަން ފުރުސަތު ދިނުން ކަމަށެވެ.

ރައީސް ޑރ. މުއިއްޒު މިރޭ ވެސް ވިދާޅުވީ، ދިވެހިންގެ ނިންމުމަކީ އިންޑިއާ ނުވަތަ އެހެން ގައުމެއްގެ ވެސް ސިފައިން ރާއްޖޭގައި ނުބޭތިއްބުން ކަމަށާއި އެ މަނިކުފާނު މަގާމުގެ ހުވާކުރައްވަން ބޭއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި އިންޑިއާގެ މަންދޫބަށް ވެސް ރަސްމީކޮށް އެ ވާހަކަ ދެންނެވި ކަމަށެވެ.

"އަދި ޓްރާންސިޝަން ޕީރިއަޑުގައި ދެ ބައްދަލުވުން [ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު] ސަފީރާ އެކު ބޭއްވިން. ވަރަށް ތަފުސީލުކޮށް ދެންނެވިން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ނިންމުމަކީ މި ގައުމުގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބުމޭ. އެހެންވީމާ ތިބޭފުޅުންގެ ސިފައިން މި ތަނުން ގެންދަވާށޭ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ދިވެހިންގެ ނިންމުމުގެ ވާހަކަ އެ އަށް ވުރެ މަތީ ފެންވަރުގެ ބައްދަލުވުންތަކުގައި ވެސް އިންޑިއާ ސަރުކާރަށް ވަރަށް ސާފުކޮށް ދެންނެވި އެވެ.

"އެ ނިންމުން އިރާދަކުރެއްވިއްޔާ ހަގީގަތަކަށް ހަދައި އިރާދަކުރެއްވިއްޔާ ރިވެތި ޑިޕްލޮމެޓިކް އުސޫލުތަކުގެ ތެރެއިން ރީތި ގޮތުގައި އަޅުގަނޑުމެން ވާހަކަ ދައްކައިގެން ރައްޔިތުންގެ މި ޑިމޮކްރެޓިކް ނިންމުމާ އެކީގައި އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް، ފުރިހަމަ ޔަގީންކަން އެބައޮތް ރައްޔިތުން އެދިލެއްވި ގޮތަށް އަދި އަޅުގަނޑު ވެސް ބޭނުންވާ ގޮތަށް މި ގައުމުގައި ތިބި އިންޑިއާގެ ސިފައިން ގެންގޮސް ނިންމަވާނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ރާއްޖެ އިން އިންޑިއާގެ ސިފައިން ގެންގޮސް ނިންމަންދެން ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމުގެ ގޮތުން ސަރުކާރުން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށެވެ.