Roadha Mihaaru
އީރާންގެ ޖެނެރަލްގެ މަރާއި ހަމާސްގެ ހަމަލާއާ ގުޅުވައިފި

ހަމާސްގެ ހަމަލާއަކީ އިޒްރޭލުން އީރާންގެ ޖެނެރަލް އަވަހާރަކޮށްލުމުގެ ބަދަލު ހިފުމެއް ކަމަށް ބުނެފި

28 ޑިސެމްބަރ 2023

ހަމާސް އިން މިފަހަރު އިޒްރޭލަށް ދިން ހަމަލާ އަކީ 2020 ވަނަ އަހަރު އިޒްރޭލުން ދިން ހަމަލާއެއްގައި އެ ގައުމުގެ އިސް ޖެނެރަލަކު އަވަހާރަކޮށްލުމުގެ ބަދަލު ހިފުމެއް ކަމަށް ދޭހަވާ ގޮތަށް އީރާންގެ އިސް ކޮމާންޑަރަކު ވާހަކަ ދައްކަވައިފި އެވެ.

ހަމާސް އިން މިފަހަރު އިޒްރޭލަށް ދިން ހަމަލާ އަކީ 2020 ވަނަ އަހަރު އިޒްރޭލުން ދިން ހަމަލާއެއްގައި އެ ގައުމުގެ އިސް ޖެނެރަލަކު އަވަހާރަކޮށްލުމުގެ ބަދަލު ހިފުމެއް ކަމަށް ދޭހަވާ ގޮތަށް އީރާންގެ އިސް ކޮމާންޑަރަކު ވާހަކަ ދައްކަވައިފި އެވެ.

އީރާންގެ އިންގިލާބީ ލަޝްކަރުގެ އިސް ކޮމާންޑަރަކު މި މޭރުމުން ވާހަކަ ދައްކަވާފައި ވާއިރު މީގެ ކުރިން ހަމާސް އިން ވަނީ، އީރާންގެ ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފަ އެވެ. އީރާނުން ބުނެފައިވަނީ އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ކުއްލި ހަމަލާތަކެއް ދީ ހާހަކަށް ވުރެ ގިނަ މީހުން މަރާލުން އެއީ ޖެނެރަލްގެ މަރުގެ ބަދަލު ހިފުމުގެ ބައެއް ކަމަށެވެ.

އަބަދުވެސް ހަމާސް އަށް ތާއީދުކުރާ އީރާނުން ވަނީ ހަމާސްގެ ހަމަލާއާ އީރާނާ ސީދާ ގުޅުމެއް ނެތް ކަމަށް ބުނެފަ އެވެ. އެކަމަކު އެއީ ކާމިޔާބު ހަމަލާތަކެއް ކަމަށް ބުނެފައިވެ އެވެ.

"ޝައްކެއް ނެތް. މިއީ ތާރީހީ ކާމިޔާބީއެއް ... މިއީ ޖެނެރަލް ގާސިމް ސުލައިމާނީގެ ވެސް މަސައްކަތުން ހޯދުނު ކާމިޔާބީއެއް،" އީރާންގެ އިސްލާމީ އިންގިލާބީ ލަޝްކަރުގެ ތަރުޖަމާނު ރަމްޒާން ޝަރީފް ވިދާޅުވި އެވެ.

ޖެނެރަލް ސުލައިމާނީ އަވަހާރަކޮށްލާފައިވަނީ އިރާގުގެ ވެރިރަށް ބަޣްދާދަށް ވަޑައިގެން އުޅުއްވަނިކޮށް ޖެނުއަރީ 3، 2020 ގައި އެމެރިކާގެ ޑްރޯނަކުން ދިން ހަމަލާއެއްގަ އެވެ. ޝަރީފް ވިދާޅުވީ މިއީ ޒަޔަނިސްޓުން އެދިގެން އެމެރިކާއިން ދިން ހަމަލާއެއް ކަމަށެވެ.

"ހަމާސްގެ ކާމިޔާބީ އަކީ [ސުލައިމާނީ] އަވަހާރަކޮށްލި ފިނޑި ހަމަލާގެ ބަދަލު ހިފުމެއްގެ ގޮތުގައި ވެސް މާނަކުރެވިދާނެ،" ޝަރީފްއާ ހަވާލާދީ ފާސް ނިއުސް އެޖެންސީން ބުންޏެވެ.

އޭނާ ވިދާޅުވީ އިޒްރޭލުން އަގްސާ މިސްކިތާއި ފަލަސްތީނުގެ ބިންތައް ހިފައިގެން ތިބޭތާ 70 އަހަރު ވެފައި ވާއިރު ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާތަކަކީ ވެސް ހަމާސްގެ ހަމަލާތަކުގެ ސަބަބެއް ކަމަށެވެ. -- އޭއެފްޕީ