Roadha Mihaaru
11 ކުންފުންޏެއްގެ ބޯޑަށް ބަދަލު ގެނެސްފި

ސަރުކާރުގެ 11 ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލު ގެނެސްފި

28 ޑިސެމްބަރ 2023

ސަރުކާރު ހިއްސާވާ 11 ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލުގެނެސްފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ން ބުނެފި އެވެ.

ސަރުކާރު ހިއްސާވާ 11 ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލުގެނެސްފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ން ބުނެފި އެވެ.

އެ ބަދަލުތަކުގެ ތަފްސީލު ހާމަކޮށް ޕީސީބީން ކުރި އިއުލާނެއްގައި ބުނީ އެމްޓީސީސީގެ ބޯޑަށް ހ. ފަށަން، އަލީ ނާއިލް އައްޔަންކޮށްފައިވާ ކަމަށެވެ.

އެމްއޭސީއެލްގެ ބޯޑު މެމްބަރެއްގެ ގޮތުގައި ހުންނެވި ޑރ. އިބްރާހިމް މަހްފޫސް ވަކިކޮށް އެ ކުންފުނީގެ ބޯޑަށް މ. ވެލާލުގެ، ސަހަރު ވަހީދު ވަނީ އައްޔަންކޮށްފަ އެވެ.

ސްޓެލްކޯގެ ބޯޑުގައި ހުންނެވި މޭޖާ (ރޓ) ތޮލްހަތު ހަސަން އާއި ބޯޑުން މީގެކުރިން އިސްތިއުފާ ދެއްވާފައިވާ އަހުމަދު ލަތީފްގެ ބަދަލުގައި އެ ކުންފުނީގެ ބޯޑަށް އައްޔަނުކޮށްފައިވަނީ ތ. ތިމަރަފުށީ ބޮޑުގެ، މުހައްމަދު އާމިރު އާއި ނ. މާފަރު، ފަސްމީރު އަހްމަދު ހާޝިމެވެ.

އެންމެ ބޮޑު ބަދަލެއް ގެނެސްފައިވަނީ އެމްޕީއެލް ބޯޑަށެވެ.

އެ ބޯޑުގައި ތިއްބެވި އިބްރާހިމް އަބްދުﷲ، އާޔަތުﷲ ހުސެއިން، ޖާދުﷲ ނާޒިމް، އިބްރާހިމް އާރިފްގެ އިތުރުން އަހުމަދު ލައިޝަމް ވަނީ ބޯޑު މެމްބަރުކަމުން ވަކިކޮށްފަ އެވެ. އެ ބޭފުޅުންގެ ބަދަލުގައި އެމްޕީއެލްގެ ބޯޑަށް އައްޔަނުކޮށްފައިވަނީ މއ. ފެސިނޭޝަން އަހުމަދު އިލްޔާސް އާއި ޅ. ކުރެންދޫ ސޯސަންގެ، އަހްމަދު ނިޔާޒް އާއި ގދ. ގައްދޫ މިރުސްމާގެ އަހްމަދު ފަހީމެވެ.

ޔުޓިލިޓީ ކުންފުނި، ފެނަކަ ކޯޕަރޭޝަންގެ ބޯޑުގައި ހުންނެވި އަހުމަދު އުލްވާންގެ ބަދަލުގައި ބޯޑު ޑިރެކްޓަރަކަށް ހ. އިރުދޮށުގެ އަހްމަދު އީހާބް ވަނީ އައްޔަންކޮށްފަ އެެވެ.

އެމްއައިޓީޑީސީއަށް ގެނައި ބަދަލަކީ އެ ކުންފުނީގެ ބޯޑު މެމްބަރުންގެ ގޮތުގައި ތިއްބެވި ފާތިމަތު އާސިޔާ އާއި މޫސާ މުސްތަފާގެ ބަދަލުގައި އެ ބޯޑަށް މއ. ދަނބުގަސްދޮށުގެ މުހައްމަދު ޖަލީލާއި ގއ. ވިލިނގިލި ބޯގަންވިލާ އަހުމަދު އަމީން އައްޔަނުކުރުމެވެ.

އާސަންދަ ކުންފުނީގެ ބޯޑުގައި ތިއްބެވި އިބްރާހިމް ރަޝީދާއި އަބްދުﷲ ރަޝީދުގެ އިތުރުން އަހުމަދު ސޮބާހު ވަކިކޮށް، ބޯޑު ޑިރެކްޓަރުންނަށް އައްޔަނުކޮށްފައިވަނީ ކ. ގުރައިދޫ ސީބްރީޒް އާއިޝަތު ޖީނާ އާއި އއ. ރަސްދޫ، އަހުމަދު ޝާކިރެވެ.

ފަހިދިރިއުޅުން ކޯޕަރޭޝަންގެ ބޯޑުގައި ތިއްބެވި މުހައްމަދު އާޒިމާއި އަހުމަދު މުސާއިދުގެ ބަދަލުގައި އެ ކުންފުނީގެ ބޯޑަށް ސ. ހިތަދޫ މަހުލަބުގެ މަރްޔަމް ޒޫނާ އާއި މއ. މަޑުވިލާ އުތުރުބައި މުހައްމަދު އިމްތިޝާލް ވަނީ އައްޔަނުކޮށްފަ އެވެ.

އެމްޓީޑީސީގެ ބޯޑުގައި ހުންނެވި މުހައްމަދު ޖަނާހުގެ ބަދަލުގައި އައްޔަނުކޮށްފައިވަނީ ހއ. ވަށަފަރު، ބޮޑުގެ، ހުސެއިން ހަނީފެވެ.

ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިޔުއެސްސީގެ ބޯޑުން އިބްރާހިމް އަންވަރު ވަކިކޮށް، ބޯޑު ޑިރެކްޓަރު ކަމަށް ހ. ރުކުމާގެ އާއިޝަތު ރޫހީ އައްޔަނުކުރުމުގެ އިތުރުން ރީޖަނަލް އެއާޕޯޓްސްގެ ބޯޑު ޑިރެކްޓަރަކަށް މުހައްމަދު ޝަފީގު ވަނީ ހަމަޖައްސައިފަ އެވެ.