Roadha Mihaaru

އެމްޕީއެލްގެ އެމްޑީ ވަޖީހު މަގާމުން ވަކިކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހިމް މިއަދު މަގާމުން ވަކިކޮށްފި އެވެ.

އެމްޕީއެލްގެ އެމްޑީ ވަޖީހު މަގާމުން ވަކިކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހިމް މިއަދު މަގާމުން ވަކިކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ދެންމެ ކުރި ޓުވީޓެއްގައި ބުނީ، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑު ޑިރެކްޓަރުކަމުން ވަޖީހު ވަކިކޮށްފައިވާ ކަމަށެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވެ، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފުވައްމުލަކަށް އުފަން ވަޖީހު އައްޔަން ކުރެއްވީ ނޮވެމްބަރު 28، 2023 ގަ އެވެ.

ވަޖީހުގެ ބޭފުޅެއް ކަމަށްވާ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އަހުމަދު ހިޝާމް ވަޖީހު ކައިވެނި ބައްލަވައިގެން އުޅުއްވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިކަނބަލަކާ ކަމަށް ވާއިރު، އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ވެސް މިދިޔަ ހަފުތާގައި ވަނީ ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރައްވައިފަ އެވެ.

އެކަމަކު، މި ފިޔަވަޅުތައް އެޅި ސަބަބެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

ވަޖީހަކީ 2013 އިން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ވެސް އެމްޕީއެލްގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އޭނާ އެ ކުންފުނީގައި ކުރިން ހޭދަކުރެއްވި ނުވަ އަހަރުގައި ވަނީ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު ކަމާއި ޖެނެރަލް މެނޭޖަރު ކަމާއި އެސިސްޓެންޓް ސީއީއޯގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

އެމްޕީއެލްގެ ވަޒީފާ އަދާކުރެއްވުމުގެ ކުރިން ވަޖީހު ވަނީ ރާއްޖޭގެ ގިނަ ސްކޫލުތަކެއްގެ ޕްރިންސިޕަލްކަމުގެ މަގާމު ފުރުއްވައިފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފައިނޭންސް ޑިޕާޓްމެންޓްގައި ވެސް ވަޖީހު ކުރިން މަސައްކަތް ކުރެއްވި އެވެ.