Roadha Mihaaru
ރަސްމާލެއަށް ގޯތި ބަދަލުކުރާ ވާހަކައަކީ ދޮގެއް: ރައީސް

ދޫކޮށްފައިވާ ގޯތިތައް ރަސްމާލެއަށް ބަދަލުކުރަން އުޅޭ ވާހަކަ ރައީސް ދޮގު ކުރައްވައިފި

28 ޑިސެމްބަރ 2023

ނިމިދިޔަ ސަރުކާރުގައި މާލެ ސަރަހައްދުން ދޫކޮށްފައިވާ ބައެއް ގޯތިތައް ފުށިދިއްގަރު ފަޅު ނުވަތަ ރަސްމާލެއަށް ބަދަލުކުރަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތައް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ދޮގު ކުރައްވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ނިމިދިޔަ ސަރުކާރުގައި މާލެ ސަރަހައްދުން ދޫކޮށްފައިވާ ބައެއް ގޯތިތައް ފުށިދިއްގަރު ފަޅު ނުވަތަ ރަސްމާލެއަށް ބަދަލުކުރަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތައް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ދޮގު ކުރައްވައިފި އެވެ.

އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ޕީއެންސީއަށް ސޮއިކުރަން ދަރުބާރު ގޭގައި މިރޭ ކުރިއަށް ގެންދިޔަ ޖަލްސާގައި ރައީސް ވިދާޅުވީ އެ ދޮގު ވާހަކަތަކާ މެދު ކަންބޮޑުވެގެން ބައެއް ރައްޔިތުން އެބަ ތިބި ކަމަށެވެ.

އެހެން ނަމަވެސް އެއީ އެމްޑީޕީއަށް ވެރިކަން ގެއްލުމުން ދައްކާނެ އިތުރު ވާހަކައެއް ނެތުމުން ދައްކާ ވާހަކައެއްގެ ގޮތުގައި ރައީސް ސިފަ ކުރެއްވި އެވެ.

"ރައްޔިތުންނަށް އިހުލާސްތެރިކަމެއް ނުކޮށްދެވުނީމާ އޮޅުވާލުމަކީ ދެރަ ކަމެއް. ދޮގުގެ މައްޗަށް ދޮގު. އެއަށް ކިޔަނީ ބުހުތާނު ދޮގު ކަންނޭނެ. ދޮގު ހެދުމަކީ ކޮން ބަޔަކު ބަލައިގަންނާނެ ކަމެއްތޯ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އޮޅުވާލުމަށް ފުރަތަަމަ ދެއްކީ މާލެ ސަރަަހައްދު އެކަނި މި ސަރުކާރުން ތަރައްގީ ކުރާ ވާހަކަ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުގެ އަމާޒު އޮތީ ފުރަތަމަ ދުވަހު ވެސް އިއުލާނުކުރި ގޮތަށް އެންމެ އުތުރުގައި އިންޓަގްރޭޓެޑް ފެންވަރަަށް ތަރައްގީކޮށް އަދި ރާއްޖޭގެ ހަތް ސަރަަހައްދެއްގައި އާބަން ސެންޓަރުތަކެއް ތަރައްގީ ކުރުމަށް ފަހު މާލެ ތަރައްގީ ކުރަން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މިރޭގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ

ރައީސް މިރޭގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ

"އޮޅުވާލަން ކީކޭތޯ މި ކިޔަނީ. ރާއްޖޭގެ އެއްވެސް ތަނެއް ތަރައްގީނުކުރާ ގޮތަށް ނިންމައިފިޔޭ. މާލެ ސަރަހައްދު އެކަންޏޭ ތަރައްގީ ކުރަނީ. އެއްވެސް ރައްޔިތެއް އެއްވެސް ރަށެއް ތަފާތުނުކޮށް ތަރައްގީ ކުރާނެ ކަން އެއީ އަޅުގަނޑު ވީ ވައުދު،" ރައީސް ވިދާޅުވި އެވެ.

އެކަން ރައްޔިތުން ގަބޫލު ނުކުރުމުން، ދެން ދައްކަން ފެށީ ފުށިދިއްގަރު ފަޅަށް ގޯތިތައް ބަދަލުކުރާނެ ކަމުގެ ވާހަކަ ކަމަށާއި އެ ވާހަކަ ދައްކަން ފެށީ ފުށިދިއްގަރު ޕްރޮޖެކްޓުގެ "ބަޖެޓު ކަނޑާލުމުން މަސް ދުވަސް ތެރޭ ފެށުމުން" ކަމަށް ރައީސް ސިފަ ކުރެއްވި އެވެ.

ފުށިދިއްގަރަށް ގޯތި ބަދަލު ކުރުމަކީ މިހާތަނަށް މަޝްވަރާ ކުރެވުނު އަދި ކުރިއަށް އޮތް ތަނުގައި ވެސް ކުރާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

"ގިރާވަޅު ފަޅު، ގުޅިފަޅުން އަދި ހުޅުމާލެއިން ގޯތި ލިބުނު މީހުންގެ ގޯތިތައް ރަސްމާލެއަކަށް ބަދަލެއް ނުކުރާނަން. އޭގެ ބަދަލުގައި ގިރާވަޅު ފަޅުން މިދިޔަ ސަރުކާރުގައި ހިއްކަން ނިންމާފައި އޮތް ވަރަށް ވުރެ ވެސް ބޮޑުކޮށް 50 އަކަށް ހެކްޓަރު އިތުރުކޮށްފައޭ އަޅުގަނޑު ހިއްކާނީ. ގުޅީފަޅުގައި ވެސް މިދިޔަ ސަރުކާރުން ހިއްކަން ހަވާލުކޮށްފައި އޮތް ވަރު އިތުރު ކޮށްފައޭ ނިންމާލާނީ،" ރައީސް ވިދާޅުވި އެވެ.

ހުޅުމާލޭގައި ހިއްކާ ސަރަހައްދު އިތުރުކުރި ނަމަވެސް، ޕްލޭނާ އެއްގޮތަށް ދާދި އަވަހަށް ހިއްކާ ނިންމާލެވޭނެ ކަމަށް ރަައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނަކީ ވެރިކަން ނިމެން މަހެއްހާ ދުވަހަށް ވުމުން މަހާޖައްރާފު ގެންގޮސް ބިން ހިއްކާނެ ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާނަކީ ބަހާއި އަމަލުން ރައްޔިތުންނަށް އިހުލާސްތެރިވާނެ ވެރިއެއް ކަމަށެވެ. އަދި ކަންކަން ކުރައްވަނީ އޮޅުވާލުމެއް ނެތި ދުވާލުގެ އަލިކަން ހާ ސާފުކޮށް ކަމަށް ވިދާޅުވި އެވެ.