Roadha Mihaaru
22 ވަޒީރުންނަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްފި

22 ވަޒީރުންނަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްފި

30 ޑިސެމްބަރ 2023

އާ ސަރުކާރުގެ ކެބިނެޓަށް އައްޔަން ކޮށްފައިވާ 22 ވަޒީރުންނަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ދެ ވަނަ ފަހަރަށް ދެންމެ ފާސްކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އާ ސަރުކާރުގެ ކެބިނެޓަށް އައްޔަން ކޮށްފައިވާ 22 ވަޒީރުންނަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ދެ ވަނަ ފަހަރަށް ދެންމެ ފާސްކޮށްފި އެވެ.

މިއަދު ބޭއްވި އެ ކޮމިޓީ ބައްދަލުވުމުގައި 22 ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ ފަސް މެންބަރެކެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވާއިރު، ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ހަތަރު މެންބަރަކު ތިއްބެވި އެވެ.

ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވި މެންބަރުން:

1. މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު - ޕީޕީއެމް

2. ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް - އެމްއެންޕީ

3. ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް - ޕީއެންސީ

4. މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން - ޑިމޮކްރެޓްސް

5. ހިތަދޫ މެދު ދާއިރާ މެންބަރު އަހުމަދު ރަޝީދު - ޑިމޮކްރެޓްސް

ވަކި ގޮތަކަށް ވޯޓު ނުދެއްވި މެންބަރުން:

1. މަނަދޫ ދާއިރާ މެންބަރު އަހުމަދު ހާރޫން - އެމްޑީޕީ

2. އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު - އެމްޑީޕީ

3. ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް - އެމްޑީޕީ

4. ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު - އެމްޑީޕީ

މިދިޔަ ނޮވެމްބަރު 17 ގައި މަގާމުގެ ހުވާކުރެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ 22 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހަށް ފޮނުވީ އެ މަހުގެ 20 ގަ އެވެ.

ކޮމިޓީ މަރުހަލާގައި އެ ނަންތައް ދިރާސާ ކުރުމަށް ފަހު ޝަރުތު ހަމަވާ ކަމަށް ނިންމައި މަޖިލިހުގެ ތަޅުމަށް ވެސް ކުރިން ފޮނުވި އެވެ. އެކަމަކު، އާ ސަރުކާރުގެ މިނިސްޓްރީތަކުގެ މެންޑޭޓް ފާސްނުކުރާ ކަމަށާއި ކޮމިޓީ ރިޕޯޓުގައި މައްސަލަތަކެއް ހުރި ކަމަށް ވިދާޅުވެ، އެމްޑީޕީގެ މެމްބަރުން ނިޒާމީ މައްސަލަތައް ނެންގެވުމުން މަޖިލިހުގެ ރިޔާސަތުން އެ މައްސަލަ އަނބުރާ ކޮމިޓީ އަށް ފޮނުވައިލީ އެވެ.

އޭގެ ފަހުން މަޖިލީހުގެ ތިން ވަނަ ދައުރުގެ ފަހު ޖަލްސާ މިދިޔަ ބުރާސްފަތި ދުވަހު ނިންމައިލި އިރު ވެސް ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތެއް މަޖިލީހުގައި ނުހިނގަ އެވެ. ކޮމިޓީގެ ބައްދަލުވުން އެއް ފަހަރު ބާއްވަން އެޖެންޑާ ކުރުމަށް ފަހު ވެސް ކޯރަމް ހަމަނުވާތީ ކެންސަލް ކުރީ އެވެ.

ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވި ގޮތުގައި ދައުރު ނިމުނަސް ކޮމިޓީ ރިޕޯޓު ފާސްކުރުމަށް ފަހު، ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން މެންބަރުން އެދިވަޑައިގެންފި ނަމަ އެ މަސައްކަތް ކުރިޔަށް ގެންގޮސް ދޭނެ އެވެ.

ކޮމިޓީގެ މިއަދުގެ ނިންމުމާ އެކު، ވަޒީރުންނަށް ރުހުން ދިނުމަށް ހާއްސަ ޖަލްސާއެއް މި ޗުއްޓީތެރޭގައި ބާއްވާނެ ކަމަށް ބެލެވެ އެވެ. އެ ޖަލްސާގައި ވަކިވަކި ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އަހައި ފާސް ކުރާނެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މަޖިލިހުގެ މެމްބަރުން ތިއްބެވީ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ދެ މަހެއްހާ ދުވަހުގެ ޗުއްޓީއެއްގަ އެވެ.