Roadha Mihaaru
3 ވަޒީރުންނަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްފި

3 ވަޒީރުންނަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްފި

05 ޖޫން 2024

މިދިޔަ 19 ވަނަ މަޖިލީހުން ރުހުން ނުދޭން އިދިކޮޅު އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ތިން ވަޒީރުންނަށް ރުހުން ދޭން މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ފާސްކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މިދިޔަ 19 ވަނަ މަޖިލީހުން ރުހުން ނުދޭން އިދިކޮޅު އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ތިން ވަޒީރުންނަށް ރުހުން ދޭން މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ފާސްކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ކެބިނެޓަށް އައްޔަން ކުރެއްވި 22 ވަޒީރުންގެ ތެރެއިން އެމްޑީޕީން ވިޕެއް ނެރުނީ ހަތަރު މިނިސްޓަރަކަށް ރުހުން ނުދިނުމަށެވެ. ވަކި ސަބަބެއް ނެތި، އޭގެ ތެރެއިން ތިން މިނިސްޓަރަކަށް ރުހުން ނުދޭން މަޖިލީހުން ފާސްކުރި އެވެ.

އެއީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.

ނަމަވެސް ރައީސް މުއިއްޒު ވަނީ އެ ތިން ބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަން ކުރައްވައިފަ އެވެ. އަދި ރުހުން ހޯދުމަށް އަލުން އެ ތިން ވަޒީރުންގެ ނަންތައް މަޖިލީހަށް ފޮނުއްވައިފަ އެވެ.

ނިމިދިޔަ މަޖިލިސް ދައުރަށް އެ މައްސަލަ ފޮނުވިޔަސް، މައްސަލަ އެޖެންޑާކޮށް ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާފައިވަނީ އާ ދައުރުގައި މި ހަފްތާގެ ތެރޭގަ އެވެ.

މިރޭ ކުރިއަށް ދިޔަ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން، ތިން ވަޒީރުންގެ ވެސް ވަޒީރު ކަމުގެ ޝަރުތު ހަމަވާ ކަމަށާއި މައްސަލައެއް ނެތް ކަމަށް ބަލައި ރުހުން ދޭން ފާސްކޮށްފައިވަނީ ހާޒިރުވެ ތިއްބެވި ނުވަ މެންބަރުންގެ ތެރެއިން ހަތް މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް އިދިކޮޅުގެ އެއް މެންބަރަކު ވަނީ ވޯޓު ދެއްވައިފަ އެވެ.

ތިން ވަޒީރުންނަށް މަޖިލީހުން ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ދާއިރު، އަލުން އައްޔަން ކުރެއްވުމާ އެކު ތިން ބޭފުޅުން އަދިވެސް ތިއްބެވީ މަގާމުގަ އެވެ.