Roadha Mihaaru
ޑރ. ހުސައިނަށް ރުހުން ދޭން ކޮމީޓީން ފާސްކޮށްފި

ހިއްސާގެ މައްސަލަ ސާފު ކުރުމަށް ފަހު، ޑރ. ހުސައިނަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްފި

11 ޖޫން 2021

ފިޝަރީޒް މިނިސްޓަރުގެ މަގާމަށް ބަދަލުކޮށްފައިވާ ޑރ. ހުސައިން ރަޝީދު ހަސަނަށް ރުހުން ދިނުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ފިޝަރީޒް މިނިސްޓަރުގެ މަގާމަށް ބަދަލުކޮށްފައިވާ ޑރ. ހުސައިން ރަޝީދު ހަސަނަށް ރުހުން ދިނުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މި ސަރުކާރުގެ ފުރަތަމަ އެންވަޔަރުމެންޓް މިނިސްޓަރު ޑރ. ހުސައިން ފިޝަރީޒް މިނިސްޓަރަކަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަހުން ހަމަޖެއްސެވުމަށް ފަހު، އޭނާ އަށް ރުހުން ދޭން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މިދިޔަ މަހު އެވެ.

އެ މައްސަލަ މަޖިލީހުން ދިރާސާ ކުރިއިރު، އިކޮނޮމިކް މިނިސްޓްރީން ފޮނުވާފައިވާ ލިޔުންތަކެއްގައި ޑރ. ހުސެއިނަކީ އަމިއްލަ ކުންފުންޏެއްގައި ފައުންޑިން ޝެއާ ހޯލްޑަރެއް ކަމަށް ބަޔާންކޮށްފައިވާ ކަމުގެ މައްސަލަ ފެންމަތިވެ، އެ މަސައްކަތް ދިގުދެމިގެން ގޮސްފައި ވެ އެވެ.

ނަމަވެސް މިއަދު ބޭއްވި، ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގައި އެ މައްސަލައިގައި އެޓާނީ ޖެނަރަލްގެ ލަފާ ހޯދައި، މައްސަލަ ރަނގަޅަށް ސާފު ކުރުމަށް ފަހު ވަނީ ޑރ. އޭނާ އަށް ރުހުން ދޭން ފާސްކޮށްފަ އެވެ.

އެ ކޮމިޓީގެ މެންބަރަކު "މިހާރު" އަށް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ އިސް މެމްބަރު ޑރ. ހުސައިންގެ އޮތީ އޭނާ އަށް އާމްދަނީއެއް ލިބޭނެ ފަދަ ހިއްސާއެއް ނޫން ކަމަށާއި މިނިސްޓަރުގެ މަގާމަށް ޝަރުތު ހަމަވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވެސް ދެކޭ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ޑރ. ހުސައިން ފަހުން ވަނީ އެ ކުންފުނީގެ ހިއްސާ ދޫކޮށްލައްވައިފަ އެވެ.

"އެހެންވެ އެކަން ބެލުމަށް ފަހު ނިންމީ ޑރ. ހުސައިން އަށް ރުހުން ދޭން،" ކޮމިޓީގެ މެމްބަރަކު ވިދާޅުވި އެވެ.

ޑރ. ހުސައިން އަށް ރުހުން ލިބޭނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ނިންމާ ގޮތަކުންނެވެ. މަޖިލީހުގެ ތަޅުމަށް އެ މައްސަލަ ފޮނުވުމަށް ފަހު، އެންމެ އަވަހަށް ބާއްވާ ޖަލްސާއެއްގައި ވޯޓަށް އަހާނެ އެވެ.