Roadha Mihaaru
ވަޒީރުންނަށް ރުހުން ނުދީ، ނަން ހަޑިކޮށްލައިފި:ހުސައިން

ވަޒީރުންނަށް ރުހުން ނުދީ، ނަން ހަޑިކޮށްލައިފި: ނައިބު ރައީސް

03 ޖެނުއަރީ 2024

އާ ސަރުކާރެއް އުފެދި، އެ ސަރުކާރުން ފުރަތަމަ ފަހަރަށް އައްޔަންކުރި ކެބިނެޓަށް ރުހުން ނުދީ، ރައްޔިތުންގެ މަޖިލިހުގެ ނަން އެމްޑީޕީގެ މެމްބަރުން "ހަޑިކޮށްލާފައިވާ" ކަމަށް ވިދާޅުވެ، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ރޭ އެ ޕާޓީ އަށް ރައްދު ދެއްވައިފި އެވެ.

އާ ސަރުކާރެއް އުފެދި، އެ ސަރުކާރުން ފުރަތަމަ ފަހަރަށް އައްޔަންކުރި ކެބިނެޓަށް ރުހުން ނުދީ، ރައްޔިތުންގެ މަޖިލިހުގެ ނަން އެމްޑީޕީގެ މެމްބަރުން "ހަޑިކޮށްލާފައިވާ" ކަމަށް ވިދާޅުވެ، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ރޭ އެ ޕާޓީ އަށް ރައްދު ދެއްވައިފި އެވެ.

އޭނާ އެ ކަމަށް ރައްދު ދެއްވީ މި މަހުގެ 14 ގައި ބާއްވާ މާލޭގޭ މޭޔަރުކަމުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ނުކުންނަވާފައިވާ ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިން ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމުގެ ހުވާކުރެއްވުމަށް ފަހު، ވަޒީރުންނަށް ރުހުން ހޯއްދަން އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި ނަމަވެސް މިދިޔަ ޑިސެމްބަރު ފަހު ހަފުތާގައި މެމްމަބަރުން ދެ މަހެއްހާ ދުވަހުގެ ޗުއްޓީއަކަށް ވަޑައިގަތީ ތަފާތު ސަބަބުތައް ދައްކަވައި ވަޒީރުންނަށް ރުހުން ދެއްވުން ފަސްކުރައްވައިފަ އެވެ. މިއީ ތާރީހުގައި ވަޒީރުންނަށް މަޖިލިހުން ރުހުން ނުދީ މިހާ ބޮޑަށް ދިގުދަންމައިލި ފުރަތަމަ ފަހަތެވެ.

ރައްޔިތުންގެ މަޖިލިހުގައި އޮންނަނީ އިދިކޮޅު އެމްޑީޕީގެ މެމްބަރުންގެ އަޣުލަބިއްޔަތު ކަމަށް ވާއިރު، އަބަދުވެސް ރަސްމީކޮށް އެ ބޭފުޅުން ވިދާޅުވަނީ ރުހުން ނުދޭން ނުނިންމާ ކަމަށެވެ. ޗުއްޓީ އަށް ވަޑައިގަތުމަށް ފަހު ވެސް ވިދާޅުވަމުން ގެންދަވަނީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ވެސް ވަޒީރުންނަށް ރުހުން ދެވޭނެ ކަމަށެވެ. އަދި އެ ކަމަށް ބޭނުންވާ ސޮއި ހަމަކުރައްވަން ވެސް މިދިޔަ ހަފުތާގައި ފެއްޓެވި އެވެ.

ރޭގެ ޖަލްސާގައި ނައިބު ރައީސް ހުސައިން އެ ކަންކަމަށް ފާޑުވިދާޅުވަމުން ފާހަގަކުރެއްވި ގޮތުގައި، ސަރުކާރެއް ހަވާލުވެ، އެ ސަރުކާރުން ފުރަތަމަ ފަހަރަށް އައްޔަން ކުރާ ވަޒީރުންނަށް މިހާތަނަށް ރައްޔިތުންގެ މަޖިލިހުން ރުހުން ނުދީއެއް ނެތެވެ.

"ތާރީހުގެ ތެރޭގައި އެ ބޭފުޅުންގެ [ރައްޔިތުންގެ މަޖިލިހުގެ] ނަން އެ ހަޑިކޮށްލީ ރައްޔިތުންގެ ކުރިމަތީގައި،" ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސްގެ މަގާމަށް ވާދަކުރެއްވުމާ ހަމައަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރުކަން ކުރެއްވި ހުސައިން ވިދާޅުވި ގޮތުގައި، ތަރައްގީގެ ވިސްނުމާ ދުރު ބަޔަކަށް ފުރުސަތު ދީފި ނަމަ ޕީޕީއެމް/ޕީއެންސީން ގެންގުޅޭ ތަރައްގީގެ ކަންކަން ފަހަތަށް ސޮއްސައިލާނެ އެވެ.

ރޭގެ ހަފުލާގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި އާޒިމާ އަދި ޕީޕީއެމް/ޕީއެންސީގެ ބައެއް އިސްބޭފުޅުންނާއި އާންމު މެމްބަރުން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ރޭގެ ހަފުލާގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި އާޒިމާ އަދި ޕީޕީއެމް/ޕީއެންސީގެ ބައެއް އިސްބޭފުޅުންނާއި އާންމު މެމްބަރުން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"އަޅުގަނޑަށް ޔަގީން މާލޭގެ ރައްޔިތުން އެކަން އެގޮތަށް ނުކުރާނެކަން. ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގައުމަށް ހިދުމަތް ކުރަން މިއަދު ފުރުސަތު ލިބުނީމާ، އެ މަނިކުފާނު ވަކި ކެންޑިޑޭޓެއް [އަތުގައި] ހިއްޕަވައިގެން ނުކުންނެވީމާ އެ މަނިކުފާނުގެ އަތުގައި ތިޔަބޭފުޅުން ހިއްޕަވާނެ ކަމީ އަޅުގަނޑު ޝައްކު ކުރާނެ ކަމެއް ނޫން،" ނައިބު ރައީސް ވިދާޅުވި އެވެ.

ހުސައިން ވިދާޅުވީ، ރައީސް ޑރ. މުއިއްޒާ އެކު ދިވެހިން ތިބެއްޖެ ނަމަ ދިވެހިންނަށް ތަރައްގީ ހާއްސަ ބޯހިޔާވަހިކަން ރައީސްގެ ވައުދާ އެކު ކުރިއަށް ގެންދަވާނެ ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ، މާލޭގެ މޭޔަރުގެ މަގާމުގައި މިހާރުގެ ރައީސް ޑރ. މުއިއްޒު ހުންނެވި ދެ އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި ބޮޑު ސަރުކާރެއްގެ ފިއްތުންތަކާ އެކު ވެސް މާލެ އަށް ބޮޑެތި ބަދަލުތަކެއް ގެންނެވި ކަމަށެވެ.

ހުސައިން ވިދާޅުވީ، މާލޭގެ މޭޔަރުކަމަށް މިހާރު ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ވެސް ރައީސް ޑރ. މުއިއްޒުގެ ތަސައްވުރު ގަބޫލު ކުރައްވައި އެ ކަންކަން ކޮންމެހެން ވެސް ތަންފީޒު ކުރަންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެކަމަކު، އާޒިމާއާ ވާދަކުރައްވާ ކޮންމެ ބޭފުޅަކު ވެސް ވަކާލާތު ކުރައްވަނީ ވަރަށް ވަރުގަދަ އަސާސެއްގެ މަތީގައި ދެމިތިބި ކަމަށް ވީ ނަމަވެސް ފެންނަނީ އެ މަންޒަރު ނޫން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އެހެންވެ، ސިޔާސީ ބޭނުމަށްޓަކައި އެ ގޮތަށް ދައްކަވާ ވާހަކަތަކާ އެކު، މާޒީ އާއި މިހާރު ވެސް އެ ޕާޓީތަކުން ކަންކަން ކުރާ އުސޫލުތަކަށް ބަލަންޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލިސް ތެރެއަށް. މިއަދު ކަންކަން ކުރަމުންދާ ގޮތުގެ މައްޗަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.

އަޅުގަނޑަށް ޔަގީން މާލޭގެ ރައްޔިތުން އެކަން އެގޮތަށް ނުކުރާނެކަން. ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގައުމަށް ހިދުމަތް ކުރަން މިއަދު ފުރުސަތު ލިބުނީމާ، އެ މަނިކުފާނު ވަކި ކެންޑިޑޭޓެއް [އަތުގައި] ހިއްޕަވައިގެން ނުކުންނެވީމާ އެ މަނިކުފާނުގެ އަތުގައި ތިޔަބޭފުޅުން ހިއްޕަވާނެ ކަމީ އަޅުގަނޑު ޝައްކު ކުރާނެ ކަމެއް ނޫން،"--- ނައިބު ރައީސް

ނައިބު ރައީސް ވިދާޅުވީ، އިދިކޮޅު ކެންޑިޑޭޓުން މިވެނި މަސައްކަތް ކޮށްދޭނަމޭ ބުނާ ބުނުމަކަށް ވޯޓު ދީފި ނަމަ ރައީސް ޑރ. މުއިއްޒު ފައްޓަވާފައިވާ ކަންކަން ވެސް ފަހަތަށް ހިނގައިދާނެ ކަމަށެވެ. ހާއްސަކޮށް ބޯހިޔާވަހިކަން ފަހިކޮށްދިނުމަށް މާލެ ސަރަހައްދުގައި ބިޔަ މަޝްރޫއުތަކެއް ފައްޓަވާފާއިރު، ރައީސް ޑރ. މުއިއްޒު ބޭނުންފުޅުވަނީ އެ ކަންކަމާއިގެން ކުރިއަށް ވަޑައިގެންނެވޭނެ ފަދަ މޭޔަރެއް ކަމަށް ހުސައިން ވިދާޅުވި އެވެ. އެއީ ނައިބު ރައީސް ފާހަގަކުރެއްވި ގޮތުގައި އާޒިމާ އެވެ.

"އެހެންކަމުން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ރައީސް މުއިއްޒުގެ ތަސައްވުރުގައި އެ ހުންނެވި ކަންކަން ތަންފީޒު ކުރުމުގައި އެ މަނިކުފާނާ އެއްސަފެއްގައި އެއް އަޑަކުން ވާހަކަ ދެއްކޭނެ ގާބިލް ބޭފުޅަކު އެ ތަނުގައި [މާލޭގެ މޭޔަރުގެ މަގާމުގައި] ހުންނެވުން. އެއީ އެ މަނިކުފާނު ބޭނުންފުޅުވާ ގޮތަކީ،" ނައިބު ރައީސް ވިދާޅުވި އެވެ.

ހުސައިން ފާހަގަކުރެއްވި ގޮތުގައި ރައީސް ޑރ. މުއިއްޒު އަބަދުވެސް ދެއްވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ދެއްކެވި ވާހަކަފުޅުތަކާ އެއްގޮތަށް އަމަލު ކުރައްވާނެ ކަމެވެ. އެހެންވެ، ކުރީގެ ސަރުކާރުން ދޫކުރަން ނިންމި ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓުގައި ހިމެނޭ އެންމެންނަށް އެ ތަންތަން ދޫކުރުމުގެ ކަންކަން ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި ކުރިއަށް ގެންދަވާނެ ކަމުގެ ވައުދު ރައީސް ޑރ. މުއިއްޒު ވެވަޑައިގެންފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.