Roadha Mihaaru
ރޯދައިގެ ކުރިން އިންތިހާބު ބާއްވަން އެދުނިން: ރައީސް

ރޯދަ މަސް ތެރޭ އިންތިިހާބު ބާއްވަން އަޅުގަނޑު ވެސް ބޭނުން ނުވާތީ އަވަސްކޮށްދޭން އެދުނިން: ރައީސް

29 ފެބުރުއަރީ 2024

ރޯދަ މަސް ތެރޭގައި އިންތިހާބު ބޭއްވުމަކީ އެއް އިރެއްގައި ވެސް ބޭނުންވި ގޮތެއް ނޫން ކަމަށާއި އިންތިހާބު، ރޯދަ މަހުގެ ކުރިއަށް ނުބޭއްވުނީ ގާނޫނުއިސްލާހުކޮށްގެން އެކަން ކުރަން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ބޭނުން ނުވެގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރޯދަ މަސް ތެރޭގައި އިންތިހާބު ބޭއްވުމަކީ އެއް އިރެއްގައި ވެސް ބޭނުންވި ގޮތެއް ނޫން ކަމަށާއި އިންތިހާބު، ރޯދަ މަހުގެ ކުރިއަށް ނުބޭއްވުނީ ގާނޫނުއިސްލާހުކޮށްގެން އެކަން ކުރަން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ބޭނުން ނުވެގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ މަހުގެ 17 ގައި ބާއްވާށެވެ. އެއީ ރޯދަ މަހުގެ ހަ ވަނަ ދުވަހެވެ.

އެ ދުވަހު އިންތިހާބު ބޭއްވުމާ މެދު ބޮޑު ބަހުސެއް އުފެދިފައިވާއިރު މަޖިލީހުން ވަނީ ރޯދަ މަސް ތެރޭ އިންތިހާބު ނުބޭއްވޭ ގޮތަށް ބިލެއް ވެސް ފާސްކޮށްފަ އެވެ.

މަޖިލީހުގައި މިއޮތީ އެމްޑީޕީގެ މެޖޯރިޓީ. ކޮންމެ ވެސް އަޑި ނޭނގޭ ސަބަބަކާ ހުރެ އެ ބޭފުޅުން ބޭނުމެއް ނުވި ރޯދައިގެ ކުރިއަށް އިންތިހާބު ޖައްސާކަށް. ނުދައްކައެއް ނުންތޯ އެ ވާހަކައެއް. -- ރައީސް

ރައީސް ވިދާޅުވީ އިންތިހާބު ރޯދައިގެ ކުރިން ނިންމައިދޭން އިލެކްޝަން ކޮމިޝަންގައި ވެސް އެދިވަޑައިގަތް ކަމަށެވެ.

"އަޅުގަނޑު ބޭނުންވީ މަޖިލީހުގެ އިންތިހާބު ރޯދައިގެ ކުރިން ބާއްވަން. އެއީ ރޯދައިގެ ތެރެއަށް ދިޔުމަކީ ރައްޔިތުންނަށް ދަތި އުނދަގޫވާނެ ކަމަކަށްވާނެތީ،" ނ. ކެނދިކުޅުދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރޯދައިގެ ކުރިން އިންތިހާބު ބޭއްވެން އޮތީ ގާނޫނަށް ބައެއް ބަދަލުތައް ގެނެސްގެންނެވެ. މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން އެކަން ކޮށްދޭން ބޭނުން ނުވީ ކަމަށް ވިދާޅުވި އެވެ.

"ގާނޫނު އިސްލާހު ކުރަން އެ ބޭފުޅުން އެއްބަސްނުވި ސަބަބު ކިޔައިދެއްވަން އެބަ ޖެހޭއެއްނޫންތޯ؟ އަބަދުވެސް މި އިވެނީ ރޯދައިގެ ތެރޭގައި ބޭއްވީމަ ރައްޔިތުންނަށް އުނދަގޫވާނެއޭ. އެހެންވީމަ ކީއްވެތޯ އަވަސްކޮށްލަ ނުދިނީ؟، އަވަސްކޮށްލި ނަމަ، އެ މައްސަލަ ހައްލުވާނެ ނޫންތޯ؟،" ރައީސް ވިދާޅުވި އެވެ.

ރޯދަ މަސް ތެރޭ އިންތިހާބުތައް ބޭއްވުމަކީ އެއްގޮތަކަށް ވެސް ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށާއި ރޯދަ މަހުގެ ފަހު ދިހައެއް ބަންދުކުރީ ވެސް އަޅުކަމަށް ވަގުތު ދޭންވެގެން ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް، މިހާރު އޮތް ގޮތުން އަޅުކަމުގެ ވަގުތުގައި ވެސް އުޅެންވީ ކެމްޕެއިންގައިތޯ ރައީސް ސުވާލު ކުރެއްވި އެވެ.

"އަޅުގަނޑު ގާތު ނުރަސްމީކޮށް އިލެކްޝަން ކޮމިޝަނުން އެއްސެވީމަ އަޅުގަނޑު ދެންނެވިން އެދެމޭ ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފު ނުވާ ކަމަށްވާ ނަމަ، ރޯދައިގެ ކުރިން އިންތިހާބު ބާއްވަދޭށޭ. އެއް ދުވަސް ކުރިއަށް ވިޔަސް ވަރިހަމައޭ ބާއްވަދޭށޭ. ދެން އެ ބޭފުޅުން އެދުނީ މަޖިލީހުގައި،" ރައީސް ވިދާޅުވި އެވެ.

"މަޖިލީހުގައި މިއޮތީ އެމްޑީޕީގެ މެޖޯރިޓީ. ކޮންމެ ވެސް އަޑި ނޭނގޭ ސަބަބަކާ ހުރެ އެ ބޭފުޅުން ބޭނުމެއް ނުވި ރޯދައިގެ ކުރިއަށް އިންތިހާބު ޖައްސާކަށް. ނުދައްކައޭ ނުންތޯ އެ ވާހަކައެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ މަޖިލިސް މެންބަރުން އޮޕަރޭޓް ކުރަނީ އެހެން ބައެއްގެ ބާރުގައި ކަމަށާއި އެ ބޭފުޅުންގެ "ޖޮއިސްޓިކް" އޮތީ އެ ބާރުގެ ދަށުގައި ކަމަށެވެ. ބައެއް މެންބަރުން އަމަލު ކުރަމުން ދަނީ ޕަޕެޓްތަކެއްގެ ގޮތަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މާޗް 17ގައި އިންތިހާބު ބާއްވަން ނިންމި ފަހުން، ރައްޔިތުންގެ މަޖިލީހުން ވަނީ އެމްޑީޕީން ހުށަހަޅައިގެން ރޯދަ މަސް ތެރޭ އިންތިހާބު ނުބޭއްވޭ ގޮތަށް ބިލެއް ފާސްކޮށްފަ އެވެ. އެ ބިލް ތަސްދީގު ކުރަން ފޮނުވުމުން ރައީސް ވަނީ އެ ބިލް ގާނޫނުއަސާސީއާ ހިލާފު ކަމަށް ވިދާޅުވެ އަނބުރާ ފޮނުވާލައްވައިފަ އެވެ. އިއްޔެ މަޖިލީހުން ވަނީ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ދެވަނަ ފަހަރަށް ފާސްކޮށްފަ އެވެ.

ދެވަނަ ފަހަރަށް ފާސްކޮށް ބިލެއް ފޮނުވުމުން އެ ބިލެއް ރައީސް ތަސްދީގު ކުރަން ލާޒިމްވީ ނަމަވެސް، މިހާތަނަށް ރައީސް އެ ބިލް ތަސްދީގު ނުކުރައްވަ އެވެ. ގާނޫނުއަސާސީއާ ހިލާފަށް މެންބަރުންގެ އަދަދު ގުނައިގެން ނިންމާ ނިންމުންތައް ބަލައިނުގަންނަ ކަމަށް ސަރުކާރުގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.

އިންތިހާބާ ބެހޭ ބިލް މަޖިލީހުން ފާސްކޮށްފައިވަނީ ގަވައިދަށް ފަހުން ގެނައި އިސްލާހާ އެއްގޮތަށް، ޖުމްލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ބަަލައިގެންނެވެ.

ނަމަވެސް، ބަންޑާރަ ނައިބު އެކަމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި މިއަދު ހުކުމް ކުރީ މަޖިލީހުން ހުސްވެފައިވާ ގޮނޑިތައް ނުގުނައި، ޖުމްލަ މެންބަރުން ގުނަމުން އައި ގޮތާއި ޖަލްސާތަކުގެ ކޯރަމް ކަނޑައަޅާ ގޮތަށް އެ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު ބަދަލެއް ކަމަށެވެ.

ނަމަވެސް، މަޖިލީހުގެ ގަވައިދަށް ފުރަތަމަ ގެނައި އިސްލާހުތައް ބާތިލްކޮށް އަލުން އެހެން މާއްދާތަކެއްގައި އެ އިސްލާހުތައް ލިޔެފައިވާތީ، މައްސަލާގައި ބަޔާންކޮށްފައިވާ މާއްދާތައް މިވަގުތު ވުޖޫދުގައި ނެތުމުން ކޯޓަށް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމްގައި ބުންޏެވެ.