Roadha Mihaaru
މާލެ އާއި ވިލިމާލެއާ ދެމެދު ސީ އެމްބިއުލާންސް ފަށައިފި

މާލެ އާއި ވިލިމާލެއާ ދެމެދު ސީ އެމްބިއުލާންސް ފަށައިފި

03 ޖެނުއަރީ 2024

ބަލި މީހުންނަށް އަވަހަށް ފަރުވާދެވޭނެ ގޮތަށް މާލެ އާއި ވިލިމާލެއާ ދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ބަލި މީހުންނަށް އަވަހަށް ފަރުވާދެވޭނެ ގޮތަށް މާލެ އާއި ވިލިމާލެއާ ދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް ފަށައިފި އެވެ.

ސީ އެމްބިއުލާންސްގެ ހިދުމަތް ލޯންޗްކުރަން ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކްޓިވް އޮފިސަރު އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ބައިވެރިވެވަޑައިގަތެވެ.

އެ ރަސްމިއްޔާތުގައި ހަލީމް ވިދާޅުވީ މި ހިދުމަތް އަވަހަށް މި ފެށީ ވިލިމާލެއިން ހިދުމަތް ހޯދާ މީހުންނަށް ފަސޭހަ ކުރުމަށް ކަމަށެވެ. މާލެ އާއި ވިލިމާލެ ބްރިޖް ނިމެމުގެ ކުރިން ވެސް މި ހިދުމަތް ފެށުމަކީ ބަލި މީހުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔަކަށް ވާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ސީ އެމްބިއުލާންސް ބާއްވަން ނިންމާފައި ވަނީ ވިލިމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗްގެ ބެލުމުގެ ދަށުންނެވެ. ލޯންޗް ބާއްވަން މާލެ ފަޅުން ޖާގައެއް ސިޓީ ކައުންސިލުން ހަމަޖައްސައިދީފައިވާ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.

ވިލިމާލެ ހޮސްޕިޓަލުގެ ސިއްހީ ހިދުމަތްތައް ރަނގަޅުކޮށް، ވަސީލަތްތައް ފުރިހަމަ ކުރުމަކީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

އެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ވިލިނގިލިން މާލެއަށް ބަލި މީހުން އުފުލުމުގައި ދިމާވެފައިވާ ދަތިތަކަކީ އެ އަވަށު ރައްޔިތުންގެ ފަރާތުން ލިބުނު ޝަކުވާއެއް ކަމަށެވެ.

"ނަސީބު ކަންދިމާކުރި ގޮތުން ރާއްޖޭގެ މިހާރު ސީ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ލޯންޗުތަކަށް ވުރެން ވެސް ރަނގަޅު، ބޮޑު، ހިދުމަތްތައް ވެސް ފުޅާ ލޯންޗެއް މި ލިބިގެން ދިޔައީ،" ހަލީލް ވިދާޅުވި އެވެ.

"މިހިސާބުން މި ހިދުމަތްތައް މި ނިމުނީއެއް ނޫން. މި ހިދުމަތް އިތުރަށް ފުޅާ ކުރުމަށްޓަކައި އިތުރު މެޑިކަލް އާލާތްތަކެއް ހަރުކުރަން ޖެހިއްޖެ ނަމަ އެކަން ވެސް އަޅުގަނޑުމެން ކުރާނަން. މިއަދަށްވުރެ މާދަމާ ތި ބޭފުޅުން [ވިލިމާލެ ރައްޔިތުންނަށް] ދެވޭ ހިދުމަތްތައް ރަނގަޅުކުރުން އަޅުގަނޑުމެންގެ އަމާޒަކީ."

ވިލިމާލޭގައި ސިއްހީ ހިދުމަތްތައް މިހާރަށް ވުރެން ކުރިއަރުވަން 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އަޅަން ނިންމައި، ސަރުކާރުން އެކަން އިއުލާން ކުރީ މިދިޔަ މަހު އެވެ. އެ ހޮސްޕިޓަލަށް ބޭނުންވާ ފަންޑު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަަމަށް ސަރުކާރުން ބުނެފައިވެ އެވެ.