Roadha Mihaaru
ސެމީގެ ފަހު ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ވެމްކޯ އަށް

ސެމީގެ ފަހު ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ވެމްކޯ އަށް

04 ޖެނުއަރީ 2024

ގައުމީ ވޮލީބޯޅަ މުބާރާތް 2023ގެ އަންހެން ޑިވިޝަންގައި ސެމީ ފައިނަލްގެ ފަހު ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ވެމްކޯ ހޯދައިފި އެވެ.

ގައުމީ ވޮލީބޯޅަ މުބާރާތް 2023ގެ އަންހެން ޑިވިޝަންގައި ސެމީ ފައިނަލްގެ ފަހު ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ވެމްކޯ ހޯދައިފި އެވެ.

ވެމްކޯ ސެމީގެ ފަހު ޖާގަ ހޯދީ، ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިއްޔެ ހަވީރު ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސްއާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްގެންވެ.

މެޗުގެ ސެޓްތައް ވެމްކޯ ގެންދިޔައީ 25-21، 25-13 އަދި 25-18 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ވެމްކޯގެ ކީޝާ ރަކޯލޭ ހަންޓް އެވެ.

މި ނަތީޖާއާ އެކު ވެމްކޯ ސެމީ އަށް ދިޔައީ ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ގުރޫޕްގެ އެއްވަނަ ހޯދީ ދެ މެޗުން ވެސް މޮޅުވި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އެވެ.

ގުރޫޕް ބީގެ އަސްދިގާ ސްޕޯޓްސް ކްލަބް ކުޅުނު ދެ މެޗުން ވެސް ބަލިވުމުން، ޕޮލިސް ކްލަބާއި އަލްމާ ސްޕޯޓްސް ކްލަބަށް އޮތީ ސެމީގެ ފުރުސަތު ކުރިން ޔަގީން ވެފަ އެވެ. ނަމަވެސް މި ގުރޫޕްގެ ފަހު މެޗުގައި ރޭ އަލްމާ ސްޕޯޓްސް 3-1 ސެޓުން ބަލިކޮށްގެން ޕޮލިހުން ވަނީ ގުރޫޕްގެ އެއްވަނަ ހޯދައިފަ އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓޫގައި ރޭ އެންމެ ފުރަތަމަ ސެޓް 25-18 އިން ގެންދިޔައީ އަލްމާ އެވެ. ޕޮލިހުން މެޗު ކާމިޔާބު ކުރީ ދެން ކުޅުނު ތިން ސެޓްގައި 25-18، 25-18 އަދި 25-17 އިން ކުރި ހޯދައިގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިހުގެ އަމްޕޯން ހިޔާޕާ އެވެ.

ސެމީ ފައިނަލްގެ ކުޅުން ފަށާނީ ހޮނިހިރު ދުވަހު އެވެ. ހޮނިހިރު ދުވަހުގެ ހަވީރު ބައްދަލުކުރާނީ ވެމްކޯ އާއި އަލްމާ ސްޕޯޓްސް އެވެ. މޮޅުވާ ޓީމަކަށް ތިންވަނަ ސެމީ އިން ފުރުސަތު ލިބޭނެ އެވެ.

ދެވަނަ ސެމީގައި، ހޮނިހިރު ދުވަހުގެ ރޭ ބައްދަލުކުރާނީ ޕޮލިހާއި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނެވެ. މި މެޗުން މޮޅުވާ ޓީމަކަށް ފައިނަލްގެ ސީދާ ޖާގައެއް ލިބޭނެ އެވެ. އަދި ބަލިވާ ޓީމު ކުޅޭ ތިންވަނަ ސެމީ އޮންނާނީ ހޯމަ ދުވަހުގެ ރެއެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހުގެ ރެއެވެ.