Roadha Mihaaru
ފަހަތުން އަރައި މޮޅުވެ ޕޮލިސް ފައިނަލަށް

ފަހަތުން އަރައި ޔޫތު ނިއު ޖެނެރޭޝަން ބަލިކޮށް ޕޮލިސް ފައިނަލަށް

07 ޖެނުއަރީ 2024

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ޕޮލިސް ކްލަބް ޖާގަ ހޯދައިފި އެވެ.

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ޕޮލިސް ކްލަބް ޖާގަ ހޯދައިފި އެވެ.

ޕޮލިސް ކްލަބް ފައިނަލުން ޖާގަ ހޯދީ ރޭ ކުޅުނު ސެމީ ފައިނަލްގެ މެޗުގައި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގައި ވާދަވެރި ކުޅުމަކަށް ފަހު ފުރަތަމަ ސެޓް ޔޫތު ނިއު ޖެނެރޭޝަނުން ގެންދިޔައީ 25-23 އިންނެވެ. ޕޮލިސް މޮޅުވީ ދެން ކުޅުނު ތިން ސެޓްގައި 25-19، 25-20 އަދި 25-17 އިން ޔޫތު ނިއު ޖެނެރޭޝަންގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިހުގެ އަމްޕޯން ހިޔާޕާ އެވެ.

މީގެ ކުރިން އެންމެ ފަހުން ޕޮލިސް ކްލަބް ފައިނަލްގައި ކުޅެފައި ވަނީ 2019 ވަނަ އަހަރެވެ. އެއަހަރު ޕޮލިހުން ވަނީ ކްލަބް ވެމްކޯ ބަލިކޮށް މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ޔޫތު ނިއު ޖެނެރޭޝަން ރޭގެ މެޗުން ބަލިވި ނަމަވެސް އެ ޓީމަށް ފައިނަލްގެ ޖާގައެއް ހޯދަން އަދި ފުރުސަތެއް އެބަ އޮތެވެ. ތިންވަނަ ސެމީގައި މާދަމާ ރޭ އެ ޓީމު ނުކުންނާނީ، އިއްޔެ ހަވީރު ކުޅުނު ފުރަތަމަ ސެމީ ފައިނަލް މެޗު ކާމިޔާބުކުރި އެންމެ ފަހުގެ ޗެމްޕިއަން ވެމްކޯއާ ދެކޮޅަށެވެ.

ވެމްކޯގެ ކީޝާ، މެޗުގެ މޮޅު ކުުންތެރިޔާއަށް ދޭ ސެޓްފިކެޓާ ހަވާލުވަނީ.-- ފޮޓޯ: ވީއޭއެމް

ވެމްކޯގެ ކީޝާ، މެޗުގެ މޮޅު ކުުންތެރިޔާއަށް ދޭ ސެޓްފިކެޓާ ހަވާލުވަނީ.-- ފޮޓޯ: ވީއޭއެމް

އިއްޔެ ހަވީރު ކުޅުނު މެޗު ވެމްކޯ ކާމިޔާބުކުރީ އަލްމާ ސްޕޯޓްސް ކްލަބާ ވާދަކޮށް 3-2 ސެޓުންނެވެ.

ވެމްކޯ އިން ފުރަތަމަ ދެ ސެޓް 25-17 އަދި 25-22 އިން ގެންގޮސްފައި ވަނިކޮށް އަލްމާ އިން ވަނީ ދެން ކުޅުނު ދެ ސެޓްގައި 25-13 އަދި 25-13 އިން ކުރި ހޯދައިފަ އެވެ. ނަމަވެސް ވެމްކޯ ވަނީ ފަސްވަނަ ސެޓް 15-11 އިން ކާމިޔާބު ކޮށްގެން ފައިނަލަށް ދިޔުމުގެ އުންމީދު ދަމަހައްޓައިފަ އެވެ.

ވެމްކޯ އިން އަލްމާ ސްޕޯޓްސް ބަލިކުރި މެޗުގެ މޮޅު ކުޅުންތެރިއަކީ ވެމްކޯގެ ކީޝާ ރަކޯލް ހަންޓް އެވެ.

މާދަމާ ރޭ ކުޅޭ ތިންވަނަ ސެމީން މޮޅުވާ ޓީމެއް، ޕޮލިހާ ދެކޮޅަށް ކުޅޭ ފައިނަލް މެޗު އޮންނާނީ އަންގާރަ ދުވަހުގެ ރެއެވެ.