Roadha Mihaaru
ހުޅުމާލެ 1ގެ ފްލެޓްތަކުގެ ކުލި 20ޕަސެންޓް ކުޑަކޮށްފި

ހުޅުމާލެ 1 ގެ ފްލެޓް ތަކުގެ ކުލި 20 ޕަސެންޓް ކުޑަކުރަން ނިންމައިފި

06 ޖެނުއަރީ 2024

އަންނަ މަހުން ފެށިގެން ހުޅުމާލެ ފޭސް އެކެއްގެ ހުރިހާ ސޯޝަލް ހައުސިން ފްލެޓްތަކުގެ ކުލީގެ 20 ޕަސެންޓް ކުޑަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އަންނަ މަހުން ފެށިގެން ހުޅުމާލެ ފޭސް އެކެއްގެ ހުރިހާ ސޯޝަލް ހައުސިން ފްލެޓްތަކުގެ ކުލީގެ 20 ޕަސެންޓް ކުޑަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

މާލޭގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިނު އާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިނަށް ހުޅުމާލެ ފޭސް އެކެއްގައި ދިރިއުޅޭ މީހުންނާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ހުޅުމާލެ ތަރައްގީ ކުރީ މާލޭގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމަށް ކަމަށެވެ.

"ފުރަތަމަ ފިޔަވަހީގައި ހުރި ފްލެޓްތަކުގެ މަހުން މަހަށް ދައްކަން ޖެހޭ އަދަދަކަށް އަދި ސަރުކާރަކުން ލުޔެއް ނުދޭ. ގާތްގަނޑަކަށް 4000ރ. އިން ގޮސް 7000ރ. އާ ހަމައަށް ނޫނީ 6000ރ. އަދި މެއިންޓަނެންސް ފީ މި ދައްކަނީ ފޭސް އެކެއްގެ ފްލެޓްތަކަށް،" ރައީސް ވިދާޅުވި އެވެ.

ޕީއެންސީގެ ފަރާތުން މޭޔަރު ކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓް އައިޝަތު އާޒިމާ ޝުކޫރުގެ ކެމްޕެއިނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ ނައިބް، ހުސެން މުހައްމަދު ލަތީފު ހުޅުމާލެ ވަޑައިގެން.--

ޕީއެންސީގެ ފަރާތުން މޭޔަރު ކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓް އައިޝަތު އާޒިމާ ޝުކޫރުގެ ކެމްޕެއިނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ ނައިބް، ހުސެން މުހައްމަދު ލަތީފު ހުޅުމާލެ ވަޑައިގެން.--

"އަޅުގަނޑު މިއަދު މިތަނުގައި އިއުލާން ކޮށްލަން ބޭނުން، މި ފުރަތަމަ ފިޔަވަހީގައި ހުރި ހުރިހާ ފްލެޓަކުން އަންނަ މަހުން ފެށިގެން 20 ޕަސެންޓު އަގު ކުޑަވެގެންދާނެ."

އެ ނިންމުން ނިންމެވީ ގެދޮރުވެރިކަން އަތްފޯރާ ފަށަށް ގެންނަން ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ލުއި އަޅުގަނޑުމެން ރައްޔިތުންނަށް މި ދެނީ އިގްތިސޯދުގެ ހާލަތު ހުރި ގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ވަރަށް ބޮޑަށް އޮތީ ހީނަރުވެފައި. އާމްދަނީ ވަރަށް ކުޑަ. ދައްކަން ޖެހޭ އެއްޗެއް މި ދެއްކެނީ ވަރަށް ހާލުގައި. ސަރުކާރުން މިކަމުގައި އެހީތެރިކަމެއް ދޭން ބޭނުންވާތީ ކުޑަ ކުރީ،"

ރައީސް ވިދާޅުވި ގޮތުގައި ފޭސް 1 ގައި ހަދާފައިވާ ސޯޝަލް ހައުސިން ފްލެޓުތަކަކީ ލޯނު ނަގައިގެން ހިންގާފައިވާ މަޝްރޫއުތައް ކަމަށާއި، އެ ފްލެޓްތަކުން ކަނޑާލައި 20 ޕަސެންޓަށްވާ ކުލި މެނޭޖް ކުރާނީ ސަރުކާރުން ކަމަށެވެ.

ރައީސް ވިދާޅުވީ އެ ލޯނު ނުދެއްކިދާނެތީ ރައްޔިތުން ކަންބޮޑުވާން ނުޖެހޭނެ ކަމަށެވެ.

މެއިންޓަނެންސް ފީ ގެ ކަންތަކުގައި އާބަންކޯއިން މަސައްކަތް ކުރާނެ ކަމަށާއި ހައުސިން މިނިސްޓްރީން ބަލަހައްޓާ ފްލެޓްތަކުގެ ފީ ވެސް އާބަންކޯ އާ ސަރުކާރުން ގުޅިގެން ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިވަގުތަށް ވަކި އަދަދެއް އޭގައި ކުޑަ ކުރާނެ ކަމަށް އަޅުގަނޑަށް ދެންނެވެން ނެތީ. އެއީ ހިސާބުތައް ހަދައި އަދި ނުނިމޭތީ. ކޮންމެ ގޮތެއް ވިޔަސް 20 ޕަސެންޓް އަގު ކުޑަވެގެން ދާނެ، ފޭސް އެކެއްގެ، މި އަންނަ މަހުން ފެށިގެން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ހުޅުމާލެ ފޭސް އެކެއްގެ ހުރިހާ ފްލެޓެއްގެ ކުލި ކުޑަކުރަން ރައީސް ނިންމަވާފައި ވާއިރު، މިދިޔަ މަހު ސަރުކާރުން ވަނީ ހުޅުމާޅެ ފޭސް ދޭއްގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓާއި ވިނަރެސް ފެލްޓްގެ ކުލި ކުޑަކުރަން ވެސް ނިންމާފަ އެވެ. އެއީ ކުރިއަށް އޮތް ހަތް އަހަރު ހިޔާ ފްލެޓްގެ މަހު ކުއްޔަށް 3،900ރ. ދައްކާ ގޮތަށާއި ވިނަރެސްގެ ޑައުންޕޭމަންޓަށް ދައްކާ އަދަދު 50 ޕަސެންޓް ކުޑަކޮށް މިހާރު މަހު ކުލީގެ ގޮތުގައި ދައްކާ އަދަދު އެވްރެޖްކޮށް 4،200 ރުފިޔާ އުނިވާ ގޮތަށެވެ. މީގެ އިތުރުން ރަށްރަށުގައި އަޅާފައި ހުރި ހައުސިން ޔުނިޓްތަކުގެ ކުލި 3،300ރ. އަށް ކުޑަކުރަން ވެސް ނިންމައިފައިވެ އެވެ.