ދީނީ އިލްމުވެރިޔާ މ. ތޮއިބާ، ޝައިހު އިސްމާއިލް މުހައްމަދު (ތޮއިބާ ޝައިހު އިސްމާއިލް) ގެ އަމިއްލަ ހަރަދުގައި ހުޅުމާލެ 1 ގައި އިމާރާތްކުރާ މިސްކިތުގެ ބިންގާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަޅުއްވައި ދެއްވައިފި އެވެ.
05 މާޗް 2025
ދީނީ އިލްމުވެރިޔާ މ. ތޮއިބާ، ޝައިހު އިސްމާއިލް މުހައްމަދު (ތޮއިބާ ޝައިހު އިސްމާއިލް) ގެ އަމިއްލަ ހަރަދުގައި ހުޅުމާލެ 1 ގައި އިމާރާތްކުރާ މިސްކިތުގެ ބިންގާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަޅުއްވައި ދެއްވައިފި އެވެ.
މަދީނާގެ އިސްލާމިކް ޔުނިވާސިޓީން ކިޔަަވައި ނިންމެވި ފުރަތަމަ ދިވެހި ދަރިވަރު އިސްމާއިލްގެ ހަރަދުގައި އިމާރާތްކުރާ މިސްކިތް އަޅަނީ ހުޅުމާލެ 1 ގައި ރެޑް ވޭވް ކައިރީގައި ކުރިން ވަގުތީ މިސްކިތް ހުރި ތަނުގަ އެވެ.
ކުރިން މާލޭގައި މަޝްހޫރުވި ތޮއިބާ ސްކޫލް ވެސް ހިންގެވި ތޮއިބާ އިސްމާއިލް އިމާރާތް ކޮށްދެއްވާ މިސްކިތުގެ ނަން ނިސްބަތް ކުރައްވަނީ ކީރިތި ރަސޫލާގެ އަނބިކަނބަލުން އުންމުލްމުއުމިނީން އާއިޝަތުގެފާނަށެވެ.
"މިސްކިތެއް އިމާރާތް ކޮށްދެއްވުމަކީ އިސްމާއިލްގެ ވަރަށް ބޮޑު އުންމީދެއް. އޭގެ ފެށުން މިއަދު މި ފެނުނީ،" އިސްމާއިލްގެ ގާތް ބޭފުޅަކު ވިދާޅުވި އެވެ.
ތޮއިބާ އިސްމާއިލް، ރައީސް މުއިއްޒަށް މިއަދު މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
އެތައް އަހަރެއް ވަންދެން ޓިނުން ހަދާފައި ހުރި ވަގުތީ މިސްކިތް ހުރި ބިމުގައި އަޅާ މި މިސްކިތް އެޅުމުގެ މަސައްކަތް ކުރަނީ މަދީނާ އިންވެސްޓްމެންޓުގެ ފަރާތުންނެވެ.
އެތެރެ އާއި ބޭރުގައި 2،000 އަށް ވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭ ގޮތަށް އިމާރާތް ކުރަނީ މިސްކިތް ބިނާ ކުރަނީ ފުރިހަމަ ލައިބްރަރީއަކާއި ރިސާޗް ސެންޓަރަކާ އެކު ދެ ބުރިއަށް ކަމަށް މަދީނާ އިންވެސްޓްމަންޓުން ބުންޏެވެ. އަދި އަންހެނުންނަށް ހާއްސަ ބަޔަކާއި ފާހާނާ ވެސް ހުންނާނެ ކަމަށް މަދީނާ އިންވެސްޓްމަންޓުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
ތޮއިބާ އިސްމާއިލްގެ ހަރަދުގައި ހުޅުމާލެ 1 ގައި އިމާރާތްކުރާ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ ދެކަނބަލުން އަދި ތޮއިބާ އިސްމާއިލް (ގޮނޑީގައި އިށީނދެވަޑައިގެެން).---ފޮޓޯ: ރައީސް އޮފީސް
މިސްކިތަށް ކަރަންޓު ދިނުމަށް ނިންމާފައިވަނީ ތިމާވެއްޓާ ރައްޓެހި ސޯލާ ހަކަތައިންނެވެ.
އިސްމާއިލްގެ އަމާޒަކީ އެއް އަހަރުހެ ތެރޭގައި މިސްކިތުގެ މަސައްކަތް ނިންމައި ކުރިއަށް އޮތް ރޯދަމަހަށް މިސްކިތް ހުޅުވުން ކަމަށް މަދީނާ އިންވެސްޓްމަންޓުން ބުންޏެވެ.
އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އިސްމާއިލަކީ ދީނީ އިލްމު ފެތުރުމާއި މީހުން ބިނާކުރުމުގައި ރާއްޖޭހެ މުހިންމު ޝަހުސިއްޔަތެއް ކަމަށެވެ.
ޝަހީމް ވިދާޅުވިގޮތުގައި އިސްމާއިލް މިހާރު ވަނީ ގުރުއާނުގެ ތަފުސީރު އެއްކޮށް ދިވެހި ބަހުން ލިޔުއްވައި ނިންމަވައިފަ އެވެ. އަދި އެ ތަފުސީރު އިސްލާމިކް މިނިސްޓްރީން ވަރަށް އަވަހަށް ނެރެން ގަސްދުކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިސްމާއިލަކީ އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިހު މުހައްމަދު ލަތީފުގެ ވެސް އާއިލާގެ ބޭފުޅެކެވެ. އެހެންވެ، މިސްކިތުގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ލަތީފާއި އެ އާއިލާގެ ގިނަ ބޭފުޅުންތަކެއް ބައިވެރިވެވަޑައިގަތެވެ.
ރޯދައިގެ ކުރިން ފްލެޓް ލިސްޓު އާންމުކުރާނަން: ރައީސް
އުރީދޫން ހުޅުމާލެ ބޮޑު މިސްކިތް އޭސީކުރަނީ
"ކޮރަޕްޝަނަށް ފުރުސަތު ނުދެއްވާނެކަން ސާފުވޭ"
މުނިސިޕަލްހިދުމަތް ފަށަން، ވިޔަފާރި ބިންތައް ދޭން ދަތި
ނަމާދަށް ހުރި އިމާމަށް ހަމަލާދޭން އުޅެނިކޮށް ހައްޔަރު
ހުޅުމާލޭ ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބަދަލުކޮށްފި
ސަހަރާ ނިންމަން އެހީވި މީހުންނަށް ރައީސްގެ ޝުކުރު
ބާރަށް ދުއްވާ މީހުންނަށް ފިޔަަވަޅު އަޅަން އަންގަވައިފި
ޕާކިން ބިލްޑިންގްތަކުގައި 4،000ވެހިކަލް ޕާކްކުރެވޭނެ
ހުޅުމާލޭގައި މަދުވެގެން ހަތް ސްކޫލް އަޅާނެ: ރައީސް