Roadha Mihaaru
ހަސީނާއަށް ބަންގްލާދޭޝްގެ ވެރިކަން ފަސް ވަނަ ފަހަރަށް

އިދިކޮޅުން އިންތިހާބު ބޮއިކޮޓް، ހަސީނާއަށް ބަންގްލާދޭޝްގެ ވެރިކަން ފަސް ވަނަ ފަހަރަށް ކަށަވަރު

07 ޖެނުއަރީ 2024

ބަންގްލާދޭޝްގެ ބޮޑުވަޒީރުކަން ވިދިވިދިގެން ހަތަރު ވަނަ ފަހަރަށް ލިބި ފަސް ވަނަ ދައުރެއް މިއަދު އެ ގައުމުގައި އޮންނަ އާންމު އިންތިހާބުގައި ލިބޭނެ އެވެ.

ބަންގްލާދޭޝްގެ ބޮޑުވަޒީރުކަން ވިދިވިދިގެން ހަތަރު ވަނަ ފަހަރަށް ލިބި ފަސް ވަނަ ދައުރެއް މިއަދު އެ ގައުމުގައި އޮންނަ އާންމު އިންތިހާބުގައި ލިބޭނެ އެވެ.

ހަސީނާގެ އަވާމީ ލީގަށް އިންތިހާބު ކަށަވަރުވެފައިވަނީ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ ލީޑަރުކަން ކުރައްވާ އިދިކޮޅު މައި ޕާޓީ، ބަންގްލާދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ) އިން އިންތިހާބު ބޮއިކޮޓްކޮށްފައި ވާތީ އެވެ. އެއީ އިންތިހާބު ބޭއްވުމުގެ ކަންކަން، ހަސީނާ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު ވަގުތީ ސަރުކާރެއްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ކުރި ޑިމާންޑަށް އެއްބަސް ނުވުމުންނެވެ.

މިއަދު ވޯޓު ލުމުގެ ހައްގު ލިބޭ މީހުންގެ އަދަދު 120 މިލިއަނާ ގާތްކުރާއިރު އޭގެ ތެރެއިން ގާތްގަނޑަކަށް ދެ ބައިކުޅަ އެއް ބަޔަކީ އަންހެނުންނެވެ. މުޅިން އަލަށް ވޯޓު ލެވޭ 15 މިލިއަނެއްހާ މީހުން އެބަ ތިއްބެވެ.

ބަންގްލާދޭޝްގެ އާންމު އިންތިހާބުގައި އެ ގައުމުގެ ބޮޑުވަޒީރު ޝައިހް ހަސީނާ މިއަދު ވޯޓު ދެއްވަނީ. -- ފޮޓޯ: އޭއެފްޕީ

ބަންގްލާދޭޝްގެ އާންމު އިންތިހާބުގައި އެ ގައުމުގެ ބޮޑުވަޒީރު ޝައިހް ހަސީނާ މިއަދު ވޯޓު ދެއްވަނީ. -- ފޮޓޯ: އޭއެފްޕީ

ގާނޫނު ހަދާ މަޖިލީހުގެ 300 ގޮނޑިއަށް ގާތްގަނޑަކަށް 2،000 ކެންޑިޑޭޓުން ވާދަކުރާއިރު 5.1 ޕަސެންޓަކީ އަންހެނުންނެވެ. މިއީ ރެކޯޑް މަތި އަދަދެކެވެ.

އިންތިހާބުގައި މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި 436 މީހަކު އެބަ ތިއްބެވެ. މިއީ 2001 ވަނަ އަހަރުގެ ފަހުން، މިނިވަން ކެންޑިޑޭޓުން އެންމެ ގިނަ ފަހަރު ކަމަށް ވާއިރު ބީއެންޕީން ބުނީ އިދިކޮޅުން އިންތިހާބު ބޮއިކޮޓްކޮށްފައި ވާތީ އިންތިހާބުގެ ސައްހަކަން ދައްކަން އަވާމީ ލީގުން "ޑަމީ" ކެންޑިޑޭޓުން ނެރެފައިވާ ކަމަށެވެ. އެކަމަކު އަވާމީ ލީގުން މި ތުހުމަތު ދޮގުކުރެ އެވެ.

ބަންގްލާދޭޝްގެ އާންމު އިންތިހާބާ ދިމާކޮށް ސިފައިން މަގުމަތީގައި ފޯރިމަރަނީ. -- ފޮޓޯ: އޭއެފްޕީ

ބަންގްލާދޭޝްގެ އާންމު އިންތިހާބާ ދިމާކޮށް ސިފައިން މަގުމަތީގައި ފޯރިމަރަނީ. -- ފޮޓޯ: އޭއެފްޕީ

އިންތިހާބާ ދިމާކޮށް، އިދިކޮޅު ލީޑަރުންނާއި ސަޕޯޓަރުންނަށް ޓާގެޓްކޮށް ސަލާމަތީ ބާރުތަކުން ހިންގާ އަމަލުތަކާ ގުޅިގެން، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެކަމަކު އަވާމީ ލީގުން ބުނަނީ ހަމަނުޖެހުން އުފައްދަނީ ބީއެންޕީން ކަމަށެވެ.

ސަރުކާރުން ބުނީ އިންތިހާބު ކުރިއަށްދާއިރު ސިފައިންނާއި ފުލުހުންގެ 800،000 މީހުން، ވޯޓުލާ މަރުކަޒުތައް ބަލަހައްޓަމުންދާނެ ކަމަށެވެ. އިންތިހާބު ކުރިއަށްދާ ގޮތް ބޭރުގެ 127 އޮބްޒާވަރަކު ބަލާނެ ކަމަށާއި ބޭރުގެ 59 ނޫސްވެރިޔަކަށް ވެސް އިންތިހާބު ކަވަރުކުރުމުގެ ފުރުސަތު ދީފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

ބަންގްލާދޭޝްގެ 416 ބިލިއަން ޑޮލަރުގެ އިގްތިސާދު ސަލާމަތްކޮށް ރޮހިންޖާ މުސްލިމުންނަށް ހިޔާވަހިކަން ދީގެން ދުނިޔޭގެ ތައުރީފް ހަސީނާއަށް ލިބުނަސް ހަމަނުޖެހުންތައް އިތުރުވެ އިގްތިސާދު މިހާރު ވަނީ ނުރައްކަލުގެ ތެރޭގަ އެވެ. ޑޮލަރުގެ ރިޒާވް މަދުވެ ހަކަތައިގެ ބާވަތްތައް ގަތުމުގައި ވެސް މިހާރު ވަނީ ދަތިވެފަ އެވެ.