Roadha Mihaaru
އިތުބާރު ނެތްކަމުގެ މައްސަލަ އެކްސްކޯއަކަށް ނުވައްދާ!

އިތުބާރު ނެތްކަމުގެ މައްސަލަ ހުށަނާޅާ، އެކްސްކޯގެ ބައްދަލުވުމަކަށް ވެސް އެދިފައެއް ނެތް: އަޒްމީން

08 ޖެނުއަރީ 2024

ވެލެންސިއާގެ ނައިބު ޗެއާމަން އިލްމާއު ހުސެއިން އިބްރާހިމް (މައު) އާއި ޑިރެކްޓާ އޮފް ފައިނޭންސް ހަސަން ވަހީދު (ދޮނާ) މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި، އެ ކްލަބްގެ ޗެއާމަންކަމުގެ މަގާމުގައި ހުރި އަބްދުﷲ އަޒްމީނަށް ކުރި ތުހުމަތުތައް، އަޒްމީން ދޮގުކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ވެލެންސިއާގެ ނައިބު ޗެއާމަން އިލްމާއު ހުސެއިން އިބްރާހިމް (މައު) އާއި ޑިރެކްޓާ އޮފް ފައިނޭންސް ހަސަން ވަހީދު (ދޮނާ) މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި، އެ ކްލަބްގެ ޗެއާމަންކަމުގެ މަގާމުގައި ހުރި އަބްދުﷲ އަޒްމީނަށް ކުރި ތުހުމަތުތައް، އަޒްމީން ދޮގުކޮށްފި އެވެ.

މިރޭ ނެރުނު ބަޔާނުގައި އަޒްމީން ވިދާޅުވީ، މިއަދުގެ ޕްރެސްގައި އޭނާއާ ބެހޭގޮތުން ދީފައި ވަނީ ހަގީގަތާ ހިލާފް ދޮގު މައުލޫމާތު ކަމަށާއި، އިތުބާރު ނެތްކަމުގެ މައްސަލައެއް ވެލެންސިއާގެ އެކްސްކޯއަށް ވައްދާފައި ނުވާ ކަމަށެވެ.

އަޒްމީން ވިދާޅުވީ ވެލެންސިއާގެ ޗެއާމަންގެ މަގާމަށް މިދިޔަ މަހުގެ 11 ވަނަ ދުވަހު އައްޔަނު ކުރެވުމަށް ފަހު މަގާމުން އިސްތިއުފާ ދިނުމުގެ ގޮތުން ކްލަބްގެ ބޯޑުގެ އެއްވެސް މެމްބަރަކަށް ސިޓީ ފޮނުވާފައި ނުވާނެ ކަމަށެވެ. ހަމަ އެއާ އެކު މިދިޔަ މަހުގެ 26 ވަނަ ދުވަހު ކްލަބްގެ ހިންގާ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް އެދި ކްލަބްގެ ބޯޑުގެ އެއްވެސް މެމްބަރެއް އެދިފައި ނުވާ ކަމަށް ވެސް އަޒްމީންގެ ބަޔާނުގައި ވެއެވެ.

ވެލެންސިއާގެ ހިންގާ ގަވައިދުގައި ވާ ގޮތުން، ހިންގާ ކޮމިޓީގެ ޖަލްސާއެއް ބޭއްވޭނީ އެކަމަށް އެދި މެމްބަރުން ޗެއާމަނަށް ދެންނެވުމުންނެވެ.

އެފްއޭއެމްގެ އިންތިހާބުގައި ވާދަ ކުރައްވާ މުފާވިޒް ހާޝިމް (މުފާ) އަށް ތާއީދުކޮށް މިއަދުގެ ޕްރެސްގައި ހަސަން ވަހީދު ވިދާޅުވީ، އިދިކޮޅު ކެންޑިޑޭޓް އަހުމަދު ތޯރިގް (ޓޮމް) އަށް ވެލެންސިއާގެ ތާއީދު ސިޓީ އަޒްމީން ދީފައި ވަނީ އުސޫލުން ބޭރުން ކަމަށެވެ.

ނަމަވެސް މިރޭ ނެރުނު ބަޔާނުގައި އަޒްމީން ވިދާޅުވީ، ތޯރިގަށް ތާއީދު ކުރައްވަން ނިންމެވީ ދެ ކެންޑިޑޭޓުންނާ ވެސް ބައްދަލު ކުރެއްވުމަށް ފަހު، ކުލަބުގެ ހާލަތު އޮޅުންފިލުވައިދީ، ކްލަބް އޮތް ހާލަތަށް ބަލައި އެންމެ ފައިދާ ވާނީ ތޯރިގަށް ތާއީދު ކުރުން ކަމަށް، މިދިޔަ މަހުގެ 25 ވަނަ ދުވަހު ހިންގާ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކޮށް މަޝްވަރާ ކުރެވިގެން ކަމަށެވެ.

ހަމަ އެއާ އެކު ބޯޑާއި ވެލެންސިއާގެ މަސްލަހަތު އޮންނަ ފަރާތްތަކުން އެންގިގޮތަށް، ތޯރިގަށް ތާއީދު ކުރަން ނިންމައި ތާއީދު ސިޓީ ދީފައި ވާނީ އަޒްމީންގެ ޖެނެރަލް ސެކްރެޓަރީ ކަމުގައި މިދިޔަ މަހުގެ 26 ވަނަ ދުވަހު ކަމަށް އޭނާ ފާހަގަ ކުރި އެވެ.

ޑިސެމްބަރު 11 ވަނަ ދުވަހު ކްލަބްގެ ޗެއާމަން ކަމަށް އައްޔަނު ކުރެވުނަސް ސްޕޯޓްސް ކޮމިޝަންގައި ހިންގާ ކޮމިޓީ ރަޖިސްޓްރީ ވެގެން، ޗެއާމަންގެ ޒިންމާއާ އަޒްމީން ރަސްމީ ކޮށް ހަވާލުވެފައި ވަނީ 26 ވަނަ ދުވަހު، ޖެނެރަލް ސެކްރެޓަރީގެ ގޮތުގައި ތޯރިގަށް ތާއީދު ސިޓީ ދިން ފަހުންނެވެ. އަޒްމީން ވަނީ މިދިޔަ މާޗު މަހުގެ ހަތްވަނަ ދުވަހު އެ ކްލަބްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އިންތިހާބު ކޮށްފަ އެވެ.

އެހެން ނަމަވެސް ކްލަބްގެ ބޯޑުން ނިންމި މި ނުންމުމާ އިދިކޮޅަށް މުފާވިޒަށް ތާއީދުކޮށް ކްލަބްގެ ބޯޑަށް ނޭނގި، ކްލަބްގެ މަސްލަހަތު އޮންނަ ބައެއް ފަރާތްތަކުން ވެގެން އެކްސްކޯ މެމްބަރަކު ލައްވައި ސޮއިކޮށް ތާއީދު ސިޓީއެއް އުފައްދާފައި ވާކަމަށް އަޒްމީންގެ ބަޔާނުގައި ވެއެވެ. އަދި 27 ވަނަ ދުވަހު ވެލެންސިއާ ބޯޑުގެ ފަސް މެމްބަރުންގެ ސޮޔާ އެކު ތޯރިގަށް ތާއީދު ސިޓީއެއް ދިނީ ވެސް އެ އުފައްދާފައިވާ ސިޓީއާ ގުޅިގެން ކަމަށް އެ ބަޔާނުގައި ވެއެވެ.

އަޒްމީންގެ ޗެއާމަން ކަމުގައި 27 ވަނަ ދުވަހު ތޯރިގަށް ދިން ތާއީދު ސިޓީގައި ސޮއިކޮށްފައި ވަނީ އަޒްމީނާއި ނައިބު ޗެއާމަން އިލްމާއުގެ އިތުރުން ސްޕޯޓްސް ޑައިރެކްޓަރު އިސްމާއިލް އާސިފް (ކުޑަހީނާ) އާއި ބޯޑް މެމްބަރުން ކަމަށްވާ މުހައްމަދު ރާފިއު އާއި ޔޫސުފް ރަމީޒެވެ.

އަޒްމީން ވިދާޅުވީ ކްލަބްގެ މަސްލަހަތު އޮންނަ ފަރާތްތަކުން ބާރު އަޅައިގެން އިތުރު ސިޓީއެއް އެހެން ފަރާތަކަށް ދޭން އެދުމުން އެކަމަށް އިންކާރު ކުރި ކަމަށެވެ. އެހެން ނަމަވެސް ތޯރިގަށް ތާއީދު ސިޓީ ދިން ފަހުން އިތުރު ސިޓީއެއް އުފައްދައި ބޯޑުގެ ފަސް މެމްބަރަކު ލައްވައި ސޮއިކުރުވާފައި ވަނީ ތޯރިގަށް ސިޓީ ދިން ފަހުން ކަމަށާއި، އެ ސިޓީގައި ސޮއި ނުކުރަނީ އަޒްމީނާއި ކުޑަހީނާ އަދި ރާފިއު ކަމަށެވެ. ހަމަ އެއާ އެކު ހުރިހާ ކަމެއް ވެސް ކޮށްފައި ވާނީ ވެލެންސިއާގެ ބޯޑާ މަޝްވަރާ ކުރެވިގެން ކަމަށް އަޒްމީން ހާމަ ކުރައްވަ އެވެ.

މިއަދު ބޭއްވި ޕްރެސްގައި ހަސަން ވަހީދާއި އިލްމާއު ވެސް ވަނީ ވެލެންސިއާގެ އީމެއިލްގެ އެކްސެސް އޮންނަނީ އަޒްމީން އަތުގައި ކަމަށާއި އަޒްމީން ވަނީ މެއިލްގެ ޕާސްވޯޑް ސިއްރުކޮށް، މެއިލް "ހިސޯރުކޮށްފައި" ކަމަށް ބުނެފަ އެވެ. މިކަމަށް ރައްދު ދެއްވަމުން އަޒްމީން ވިދާޅުވީ، އޭނާ އަށް މެއިލްގެ އެކްސެސް ލިބުނީ 2022 ވަނަ އަހަރު ވެލެންސިއާ އަށް އޭއެފްސީ ކަޕަށް ނުފުރިގެން މެޗު ދޫކޮށްލަން ޖެހުނު ހިސާބުން ކަމަށެވެ. އަދި ކްލަބްގެ މެއިލްގެ ޕާސްވޯޑު ކްލަބްގެ ގިނަ ބަޔަކު އަތުގައި އޮންނަ ކަން ހާމަ ކުރައްވައި އަޒްމީން ވިދާޅުވީ، ޕާސްވޯޑް ބަދަލު ކުރެއްވީ އޭނާގެ އިސްތިއުފާ ސިޓީއެއް ވެލެންސިއާގެ މެއިލް އިން އެފްއޭއެމަށް ފޮނުވައި، މެއިލް ޑިލީޓް ކުރި ކަމަށް މައުލޫމާތު ލިބިގެން މިދިޔަ މަހުގެ 31 ވަނަ ދުވަހު ކަމަށެވެ.

އޭގެ ކުރިން ޕާސްވޯޑް ބަދަލު ނުކުރީ، އަޒްމީނާއި ހިންގާ ކޮމިޓީގެ އެހެނިހެން މެމްބަރުންނަކީ ވެސް ކްލަބަށް ހުސްވެގެން ތިބޭ ބަޔަކަށް ނުވެފައި، ކްލަބްގެ މަސައްކަތްތަކުގައި ލުއިފަސޭހަކަން ބާއްވަން ހުރިހާ މެމްބަރުން ވެސް ބޭނުންވާތީ ކަމަށެވެ.

މިދިޔަ އަހަރު ޖެނެރަލް ސެކްރެޓަރީގެ މަގާމާ ހަވާލު ވުމުގެ ކުރިން އަޒްމީން ވަނީ 2015 އިން 2018 އަށް ވެލެންސިއާގެ ބޯޑު މެމްބަރެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ. އަދި އޭނާ އަކީ ޒަމާނުއްސުރެން ވެލެންސިއާގެ ސަޕޯޓަރެކެވެ. އަޒްމީން ވިދާޅުވީ ކްލަބްގެ ނަން ބޭނުން ކޮށްގެން ނާޖާއިޒް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި، އެފްއޭއެމްގެ އިންތިހާބާ ދިމާކޮށް ހަގީގަތެއް ނެތް ވާހަކަތައް ގަސްތުގައި ފަތުރަމުން ދަނީ ބަޔަކު ބޭނުންވާ ގޮތަކަށް ކަންކަން ނުހިނގާތީވެ، އޭނާގެ ނަން ކިލަނބު ކޮށްލުމުގެ މަގްސަދުގައި ކަމަށެވެ.