Roadha Mihaaru
ވެލެންސިއާގެ ތާއީދާއި ޓޮމްގެ ކެންޑިޑެސީ ބާތިިލް!

ވެލެންސިއާގެ ތާއީދާއި ޓޮމްގެ ކެންޑިޑެސީ ބާތިިލް!

11 ޖެނުއަރީ 2024

ފުޓްބޯޅަ އެސޯސިއޭޝަންގެ އިންތިހާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުން ކަމަށްވާ އަހުމަދު ތޯރިގް (ޓޮމް) އާއި މުފާވިޒް ހާޝިމް (މުފާ) އަށް ކްލަބް ވެލެންސިއާ އިން ދީފައިވާ ތާއީދު ސިޓީ ކެންސަލްކުރަން އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ނިންމުމާ ގުޅިގެން ތޯރިގުގެ ކެންޑިޑެސީ ބާތިލް ވެއްޖެ އެވެ.

ފުޓްބޯޅަ އެސޯސިއޭޝަންގެ އިންތިހާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުން ކަމަށްވާ އަހުމަދު ތޯރިގް (ޓޮމް) އާއި މުފާވިޒް ހާޝިމް (މުފާ) އަށް ކްލަބް ވެލެންސިއާ އިން ދީފައިވާ ތާއީދު ސިޓީ ކެންސަލްކުރަން އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ނިންމުމާ ގުޅިގެން ތޯރިގުގެ ކެންޑިޑެސީ ބާތިލް ވެއްޖެ އެވެ.

ތޯރިގާއި މުފާވިޒަށް ވެސް ވެލެންސިއާގެ ތާއީދު ސިޓީއެއް ދީފައިވާތީ އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ވަނީ މިކަމުގައި އަމަލުކުރާނެ ގޮތެއްގެ ގާނޫނީ ލަފަޔަކަށް އޭއެފްސީގައި އެދިފަ އެވެ. އޭއެފްސީގެ ލަފާ ލިބުމާ އެކު އިއްޔެ ބޭއްވި އިލެކްޓޯރަލް ކޮމިޓީގައި ނިންމީ ވެލެންސިއާގެ ދެ ސިޓީ ވެސް ކެންސަލް ކުރާށެވެ.

އިލެކްޓޯރަލް ކޮމިޓީން ވެލެންސިއާގެ ދެ ސިޓީ ވެސް ކެންސަލް ކުރަން ނިންމާފައި ވަނީ ފީފާގެ ގަވާއިދުގައިވާގޮތުގެ މަތިން، މެމްބަރު ކްލަބަކަށް އިންތިހާބުގައި އެންޑޯޒްމަންޓް ދެވޭނީ އެންމެ ކެންޑިޑޭޓަކަށް ކަމަށް ވާތީ އެވެ. އެއް ކެންޑިޑޭޓަކަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ތާއީދު ސިޓީ ދީފައިވާ ނަމަ އެ ކްލަބެއްގެ ހުރިހާ ތާއީދު ސިޓީތަކެއް ބާތިލުވާނެ ކަމަށް 27 ވަނަ މާއްދާގައި ބުނެފައިވެ އެވެ.

ވެލެންސިއާގެ ތާއީދު ސިޓީތައް ކެންސަލް ވުމާ ގުޅިގެން ތޯރިގުގެ ކެންޑިޑެސީ ބާތިލުވާނެ އެވެ. ތޯރިގުގެ ކެންޑިޑެސީ ހުށަހަޅާފައި ވަނީ ވެލެންސިއާ ހިމެނޭހެން ފުރަތަމަ ޑިވިޝަންގެ ތިން ކްލަބެއްގެ ތާއީދު ސިޓީ އެވެ. ވެލެންސިއާގެ އިތުރުން ދެން ހިމެނެނީ މާޒިޔާ އާއި ޓީސީ އެވެ. ކޮންމެ ކެންޑިޑޭޓެއްގެ އަތުގައި ފުރަތަމަ ޑިވިޝަންގެ ތިން ކްލަބްގެ ތާއީދު ސިޓީ އޮތުން އެފްއޭއެމްގެ ގަވާއިދު ލާޒިމް ކުރާއިރު، ވެލެންސިއާގެ ސިޓީ ކެންސަލް ވުމުން ޓޮމް އަތުގައި އޮތީ ދެ ކްލަބްގެ ސިޓީ އެވެ.

ވެލެންސިއާގެ ސިޓީ ކެންސަލް ކުރި ނަމަވެސް މުފާވިޒް އަތުގައި ފުރަތަމަ ޑިވިޝަންގެ ފަސް ކްލަބްގެ ތާއީދު އެބަ އޮތެވެ. އެއީ ކްލަބް ގްރީން ސްޓްރީޓްސް، ޔުނައިތެޑް ވިކްޓަރީ (ޔޫވީ)، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، ބުރު ސްޕޯޓްސް ކްލަބް އަދި އޭނާގެ ކްލަބް އީގަލްސް އެވެ.

ތޯރިގުގެ ކެންޑިޑެސީ ބާތިލްކުރަން އިލެކްޓޯރަލް ކޮމިޓީން ނިމްމުމާ ގުޅިގެން އެ މައްސަލަ އެޕީލް ކުރުމުގެ ފުރުސަތު އިއްޔެއިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް އޭނާ އަށް ލިބޭނެ އެވެ. އަދި އެޕީލް ހުށަހަޅާ ދުވަހުން ފެށިގެން ތިން ދުވަސް ތެރޭ އެޕީލް އާ މެދު ގޮތެއް ނިންމާނެ އެވެ.

އެޕީލް ކޮށްގެން ތޯރިގަށް ކާމިޔާބު ނުހޯދިއްޖެ ހާލަތެއްގައި މިމަހުގެ 31 ވަނަ ދުވަހު ބާއްވާ އެފްއޭއެމްގެ އިންތިހާބުގައި، ރައީސަކަށް ހޮވަން މުފާވިޒްގެ ޓީމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނަގާނެ އެވެ.

ދެ ސިޓީގެ ސައްހަކަން ވެސް ޔަގީން، އަޒްމީނަކީ އަދިވެސް ވެލެންސިއާގެ ޗެއާމަން!

ތޯރިގަށް ދިން ވެލެންސިއާގެ ސިޓީގައި ކްލަބުގެ ފަރާތުން ސޮއިކޮށްފައި ވަނީ ޗެއާމަން އަބްދުﷲ އަޒްމީން އެވެ. އަދި މުފާ އަތުގައި އޮތް ސިޓީ އަކީ ވައިސް ޗެއާމަން އިލްމާއު ހުސެއިން (މައު) ސޮއިކޮށްފައިވާ ސިޓީއެކެވެ.

ފީފާގެ ގަވާއިދުގެ ދަށުން ވެލެންސިއާގެ ތާއީދު ދެ ސިޓީ ކެންސަލް ކުރަން ނިންމި ނަމަވެސް، ދެ ސިޓީ ވެސް ސައްހަ ކަމަށް އިލެކްޓޯރަލް ކޮމިޓީން ވަނީ ނިންމައިފަ އެވެ. ސަބަބަކީ އޭއެފްސީގެ ޕޯޓަލްގައި ރަޖިސްޓްރީކޮށްފައިވާ ގޮތުން ވެލެންސިއާގެ ރައީސް އަކީ ރަސްލާން އަދީލް ޖަލީލް އެވެ. ނައިބު ރައީސަކީ އިލްމާއު އަދި ޖެނެރަލް ސެކްރެޓަރީ އަކީ އަޒްމީން ކަމަށް އެ ޕޯޓަލްގައި ރަޖިސްޓާ ކޮށްފައި ވާއިރު، މި ތިން ފަރާތަށް ވެސް ކްލަބްގެ ލިޔެކިޔުންތަކުގައި ސޮއިކުރުމުގެ ބާރު އޮވެ އެވެ.

ނަމަވެސް ދެ ކެންޑިޑޭޓަކަށް އެއް ކުލަބުން ތާއީދުކުރުމަކީ ފީފާގެ އުސޫލާ ހިލާފް ކަމަކަށް ވާތީ ވެލެންސިއާގެ ދެ ސިޓީ ވެސް ކެންސަލްކުރަން ނިންމީ އެވެ.

މި މައްސަލަގަނޑުގެ ތެރެއިން ކްލަބްގައި ދެ ފެކްޝަނެއް އުފެދި، މުފާވިޒަށް ތާއީދުކުރާ ފެކްޝަނުން ވަނީ އަޒްމީން އިސްތިއުފާ ދީފައިވާކަމަށް ބުނެފަ އެވެ. އެކަމަކު އަޒްމީން ވަނީ އެކަމަށް އިންކާރު ކޮށްފަ އެވެ.

މިކަމާ ގުޅިގެން ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް އިއްޔެ އެފްއޭއެމަށް ފޮނުއްވި ސިޓީގައި ބުނެފައި ވަނީ، އެ ކޮމިޝަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ވެލެންސިއާގެ ޗެއާމަނަކީ އަޒްމީން ކަމަށެވެ. އަދި އޭނާ މަގާމުން ވަކިކުރި ކަމަށް ބުނެ ފޮނުވާފައިވާ ލިޔެކިޔުންތަކަކީ ކްލަބުގެ ހިންގާ ގަވައިދުގެ އިޖުރާއުތައް ފުރިހަމަ ވެގެން ނިންމާފައިވާ ނިންމުންތަކެއް ނޫން ކަން ވެސް ތޮލާލްގެ ސިޓީގައި ބަޔާން ކޮށްފައިވެ އެވެ.

ސަބަބަކީ ޗެއާމަންގެ މަގާމުން އަޒްމީން ވަކިކުރަން ވެގެން ވެލެންސިއާގެ ބޯޑުގެ ފަސް މެމްބަރަކު ސޮއިކޮށްފައި ވަނީ، ޗެއާމަނަށް ނޭނގި ކުރިއަށް ގެންގޮސްފައިވާ ބައްދަލުވުމެއްގައި ކަމަށްވާތީ އެވެ.

މީގެ އިތުރުން ކްލަބްގެ ހިންގާ ގަވައިދުގައިވާ ގޮތުގެ މަތިން ކްލަބްގެ ނަމުގައި ސިޓީތައް ފޮނުއްވުމާއި ކްލަބް ތަމްސީލު ކުރުމުގެ ހުރިހާ ބާރެއް ވަނީ ޗެއާމަން އަތުގައި ކަމަށާއި، ވައިސް ޗެއާމަންގެ ޒިންމާ އަކީ ކްލަބްގެ ޗެއާމަން އަށް ހިންގުމުގައި އެހީތެރިވެދިނުން ކަމަށް ވެސް ތޮލާލްގެ ސިޓީގައިވެ އެވެ.

ރަސްލާން މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އަޒްމީން، ވެލެންސިއާގެ ޗެއާމަނަކަށް އައްޔަނު ކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ. އަދި އެ ކްލަބްގެ އާ ބޯޑު ސްޕޯޓްސް ކޮމިޝަންގައި ރަޖިސްޓްރީ ވީ ޑިސެމްބަރު 26 ވަނަ ދުވަހު އެވެ.