Roadha Mihaaru
ޕާކިން ސްޓިކާ ޖެހުން ވަގުތީ ގޮތުން ހުއްޓާލައިފި

ޕާކިން ބިލްޑިންތައް ހަދާ ނިމެންދެން ސްޓިކާ ޖެހުން ހުއްޓާލައިފި

08 ޖެނުއަރީ 2024

ޕާކިން ބިލްޑިންތައް ހަދައި ނިމެންދެން ޕާކިން ވަޔަލޭޝަން ސްޓިކާ ނުޖަހަން ފުލުހުން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޕާކިން ބިލްޑިންތައް ހަދައި ނިމެންދެން ޕާކިން ވަޔަލޭޝަން ސްޓިކާ ނުޖަހަން ފުލުހުން ނިންމައިފި އެވެ.

އާ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު، މީޑިއާއަކަށް ދެއްވި ފުރަތަމަ އިންޓަވިއުގައި "މިހާރު" އަށް އިއްޔެ ވިދާޅުވީ މާލެ ސަރަހައްދުގެ ޓްރެފިކްގެ މައްސަލައަށް ވަށާ ޖެހޭ ހައްލެއް ގެންނަން ކަމާގުޅޭ ފަރާތްތަކުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ދައުލަތުގެ ހުރިހާ މުއައްސަސާތަކާއެކު އެންފޯސްމަންޓް ވަރުގަދަކުރެވިއްޖެ ނަމަ، ޕާކިންގެ މައްސަލައަށް ހަރުދަނާ ހައްލެއްް ގެނައުމަކީ އެކަމުގައި އޮތް ހިތްހަމަޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ވެހިކަލްތަކުގައި ސްޓިކާ ޖަހައިގެން އާއްމުން ޖޫރިމަނާކުރުމަކީ އެއްވެސް ގޮތަކަށް ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ. އެއީ ފުލުހުން އެއްވެސް ގޮތަކަށް ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށް ސީޕީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕާކިން ބިލްޑިންތައް ހެދެންދެން ސްޓިކާ ޖެހުމާއި ވެހިކަލް ޓޯ ނުކުރާނެ ކަމަށެވެ.

ޕޮލިސް ކޮމިޝަނަރު، ޝުޖާއު "މިހާރު" އަށް އިއްޔެ އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޕޮލިސް ކޮމިޝަނަރު، ޝުޖާއު "މިހާރު" އަށް އިއްޔެ އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ޖޫރިމަނާކޮށް، ސްޓިކާ ޖަހައި ޓޯކޮށް މާލޭގައި މި ވަގުތު މި އޮތް ޓްރެފިކްގެ ދުއްވާ އުޅަނދުފަހަރުން މި ވާ ކަންތައްތަކުގައި ހައްލެއް ނޫން އެއީކީ. ހައްލަކީ އަޅުގަނޑުމެންނަށް ރަނގަޅު ޕޮލިސީސްތަކެއް ހެދި، ޕާކިން ތަންތަން ވެސް އިތުރުވެ، އުޅަނދުތައް ދުއްވާ ފަރާތްތައް ޑިސިޕްލިން ވެގެން އެންމެންގެ ރައްކަލަށް އެންމެން ވެސް މަސައްކަތް ކުރަން ފެށުމުން އަޅުގަނޑަށް ހީވަނީ މާލޭގައި މި ކަންތައްތައް ހަމައަށް އެޅުވޭނެ،" ސީޕީ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ ޕާކިން ނިޒާމެއް ހެދެންދެން ސްޓިކާ ނުޖެހުން. އެ މަސައްކަތް ސަރުކާރުން ވަރަށް ބާރަށް އެބަ ކުރައްވާ...މިހާރު ވެސް އަޅުގަނޑުމެން މި އަމަލުކުރަނީ، މިސާލަކަށް އެ ތަނަކުން ދަތިވާ ގޮތަކަށް ޕާކްކޮށްފައިވާނަމަ ފުލުހަކު ގޮސް ވެރިފަރާތަށް ގުޅައި އެ ނަގަން މި އެދެނީ."

ނަމަވެސް، ގްރީން ޒޯނާއި ސްކޫލުތައް ކައިރީގައި ބޮޑެތި އުޅަނދުތައް ޕާކްކޮށްފައި ހުންނާތީ ދަތިވާ ކަމަށާއި އެކަމުގައި ފުލުހުން މަސައްކަތްކުރާނެ ކަމަށެވެ. އެގޮތުން، އުޅަނދު ޓޯ ކުރުމުގެ ބަދަލުގައި އެ އުޅަނދުތަކުގެ ވެރި ފަރާތަށް ގުޅުމުން، ވީހާ ވެސް އަވަހަށް އެ އުޅަނދެއް އެ ތަނުން ނެގުމަށް ފުލުހުން އެދެ އެވެ.

"އަޅުގަނޑުމެންގެ ވިސްނުމެއް ނޫނޭ ސްޓިކާއެއް ވިޔަސް، ޖޫރިމަނާއެއް ވިޔަސް، މާލޭގެ މަގުތައް މިހާރު އޮތްގޮތުން ކުރާކަށް. އެކަމަކު ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ޕާކްކުރެވިފައި ހުންނަ އެއްޗެހި އެ ފަރާތްތަކަށް އަންގާ އެންގުންތަކަށް އެއްބާރުލުންދީގެން އެ ވަގުތަކު އެ ތަނުން އެ އުޅަނދުތަކެއް ނެގުމަކީ އަޅުގަނޑުމެން ވަރަށް އެދޭ ކަމެއް،" ކޮމިޝަނަރު ވިދާޅުވި އެވެ.