Roadha Mihaaru
މި ޓާމް ނިމޭނީ އޭޕްރީލް 30ގައި، އާއަހަރު މެއި 26

މި ޓާމް ނިމޭނީ އޭޕްރީލް 30 ގައި، ދިރާސީ އާ އަހަރު ފަށާނީ މެއި 26 ގައި

08 ޖެނުއަރީ 2024

މިހާރު ހިނގަމުންދާ ޓާމުގެ ކިޔެވުން ނިމޭނީ އަންނަ އޭޕްރީލް 30 ވަނަ ދުވަހު ކަމަށާއި އެއަށްފަހު، ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ ޖެހިގެން އަންނަ މެއި 26 ވަނަ ދުވަހު ކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިހާރު ހިނގަމުންދާ ޓާމުގެ ކިޔެވުން ނިމޭނީ އަންނަ އޭޕްރީލް 30 ވަނަ ދުވަހު ކަމަށާއި އެއަށްފަހު، ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ ޖެހިގެން އަންނަ މެއި 26 ވަނަ ދުވަހު ކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

ދިރާސީ އާ އަހަރަށް ގެންނަ ބަދަލުތަކާ ގުޅޭގޮތުން، "މިހާރު" އަށް ދެއްވި އިންޓަވިއުގައި މިނިސްޓަރު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ހުރިހާ ރަށަކަށް ކަހަލަ ގޮތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވެސް، އެންމެ ގިނަ ބައެއްގެ ފަރާތުން އެދުނީ ދިރާސީ އާ އަހަރު ފަށާ ދުވަސްވަރު ބަދަލުކުރުމަށް ކަމަށެވެ.

އެހެންވެ، ރައީސް ވައުދުވެވަޑައިގެންފައިވާ ގޮތަށް އެ ބަދަލުތައް ގެންނަން ނިންމީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް، ކުއްލިއަކަށް އެ ބަދަލު ގެނައުމުގެ ބަދަލުގައި، އޭނާ ވިދާޅުވީ، ތައުލީމީ އާ އަހަރު ފަށާ ދުވަސްވަރު ބަދަލުކުރާނީ ފަސް ސެމިސްޓާއަކަށް ގެންނަ ކުދި ބަދަލުތަކުން ކަމަށެވެ.

އިސްކަންދަރު ސްކޫލުގެ ގޯތިތެރޭގައި ދަރިވަރުންތަކެއް ކުޅެނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިސްކަންދަރު ސްކޫލުގެ ގޯތިތެރޭގައި ދަރިވަރުންތަކެއް ކުޅެނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިހާރު ހިނގަމުންދާ 2023-2024 ގެ ދިރާސީ އާ އަހަރު ފެށީ އޮގަސްޓް 8، 2023 ގަ އެވެ. ކުރިން ހަމަޖައްސާފައިވާގޮތުން، 2023/2024 ގެ ކިޔެވުން ނިމޭނީ ޖޫން 13، 2024 ގަ އެވެ. ނަމަވެސް، އެއަށް މިހާރު ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

އެކަޑެމިކް ކަލަންޑަރަށް ގެންނަ ބަދަލުތައް

* 2023/2024 ގެ ދެ ވަނަ ޓާމް (ޖެނުއަރީ 7, 2024 އިން ފެށިގެން އޭޕްރީލް 30, 2024)

* 2024/2025 ގެ ދިރާސީ އާ އަހަރު (މެއި 26, 2024 އިން ފެށިގެން ފެބްރުއަރީ 20, 2025)

* 2025 ގެ ދިރާސީ އާ އާހަރު (މާޗު 9, 2025 އިން ފެށިގެން ޑިސެމްބަރު 18, 2025)

* ޑިސެމްބަރު, 2025 ގައި ބޮޑު ޗުއްޓީ ލިބޭނެ

* ދެހާސް ސައްބީސް ވަނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރު ފަށާނީ ޖެނުއަރީ މަހު

މި ޓާމުގެ ތެރެއިން ރޯދައިގެ ފަހު 10 ބަންދުވާނެ އެވެ. އޭގެ އިތުރުން، ކޮންމެ ޓާމެއްގައި ވެސް 2-3 ހަފުތާގެ ޗުއްޓީ ލިބޭނެ އެވެ.

އޭނާ ވިދާޅުވީ އެކަޑެމިކް އަހަރެއްގައި 200 ދުވަސް ލިބުނަސް، ޓާމެއްގައި ކިޔަވައިދޭން މިހާރު ލިބެނީ 90-100 ދުވަހާ ދޭތެރޭ ކަމަށެވެ. ނަމަވެސް، ޓީޗަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ދުވަހާއި ޓާމްގެ ޓެސްޓަށް ކަނޑައަޅާފައިވާ ހަތަރު ހަފުތާގެ ތެރެއިން ވަރަށް ގިނަ ސްކޫލުތަކުގައި ފަހު ހަފުތާ ކިޔަވައި ނުދިނުމާއި އެ ދޭތެރެއިން ސަރުކާރު ބަންދު ދުވަސްތައް އަންނާތީ، އެއް ޓާމެއްގެ ތެރެއިން ޓީޗަރުންނާއެކު ދަރިވަރުން ކްލާސްރޫމް ތެރޭގައި ހޭދަކުރާ ދުވަސް މަދުވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ މި ފަހަރު ޓާމުތަކަށް ބަދަލުތައް ގެނައި ނަމަވެސް، ކިޔަވައިދިނުމަށް މި އަހަރު 180 ދުވަސް އަދި 2025 ވަނަ އަހަރު 183 ދުވަސް ލިބޭނެ ކަމަށެވެ.

"ދެހާސް ސައްބީސް ވަނަ އަހަރު އަންނައިރު އަޅުގަނޑުމެންނަށް 200 ދުވަސް، ކުރިން އޮތް ގޮތަށް އެއްކޮށް ބޭނުން ގޮތަކަށް ބަންދުކޮށްގެން އުޅުނަސް އަޅުގަނޑުމެންނަށް ލިބިގެންދާނެ. ޖުމްލަ އެކުގައި މި އަހަރު 30 އޭޕްރީލަށް ކުރު ކޮށްލީމަ މުޅި ޖުމްލަ އެކު ލާނިންއަށް އަސަރުކުރާނެ ކަމަށް އަންދާޒާކުރެވިފައި، ކަށަވަރުކުރެވިފައި މިއޮތީ އަށް ދުވަސް ނުވަތަ ނުވަ ވަރަކަށް ދުވަސް." މިނިސްޓަރު ވިދާޅުވި އެވެ.

"މި އަށް ދުވަސް، ނުވަ ދުވަހަކީ އަޅުގަނޑުމެންނަށް އަދި އަޅުގަނޑުމެންގެ ޓީޗަރުންނަށް، އެންއީއައިގެ ތެރެއިން އަޅުގަނޑުމެން ކަރިކިއުލަމަށް ހަމަ ވަރަށް ބޮޑަށް މެނޭޖުކުރުމަށް ޕްރޮގްރާމްތަކެއް ހިންގާނަން. ހިންގޭ ޕްރޮގްރާމްގެ ތެރެއިން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި އަށެއް ނޫނީ ނުވަ ދުވަހުގެ ލޮސް އިރާދަކުރެއްވިއްޔާ މެނޭޖުކުރެވިގެންދާނެ."

އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު، "މިހާރު" އަށް މިއަދު އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު، "މިހާރު" އަށް މިއަދު އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ރާއްޖޭގައި ކުރިން ދިރާސީ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ޖެނުއަރީގައި ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ސްކޫލަށް ކުދިން ގޮސްގެން ކިޔެވުން މެދުކެނޑި ކިޔެވުމަށް އައި ބަދަލުތަކާ ގުޅިގެން ކިޔެވުން ހަ މަސް ދުވަހަށް ދަންމާލައި ދިރާސީ އާ އަހަރު އޮގަސްޓުގައި ފަށާ ގޮތަށް 2021 ގައި ބަދަލުކުރީ އެވެ.

މިނިސްޓަރު ވިދާޅުވީ ދިރާސީ އަހަރު ބަދަލުކުރާއިރު ވެސް، މީގެ ކުރިން ގެއްލުނު ހަ މަސް ދުވަހު އަތުވާނެ ގޮތަކަށް ހަމަޖެއްސުމަށް ރައީސްގެ އަރިހުގައި ވަރަށް ގިނަ ބަޔަކު އެދުނު ކަމަށެވެ. އެހެންވެ، މަޑުމަޑުން ބަދަލު ގެނެސް، އާއްމުން އެދުނު ގޮތަށް ބަދަލުތައް ގެނައީ ކަމަށް ވިދާޅުވި އެވެ.

"ދަރިވަރުންގެ އަތުން ގެއްލުނު ހަ މަސް ދުވަސް އަތުލުގެ ބޭނުމުގައި، ކިޔަވާ ނުދީ ސްކޫލު ހުޅުވާކަމަށް ކަލަންޑަރުން ދައްކާ ދުވަސްތައް އަޅުގަނޑުމެން ނެގީ. ނެގީމަ ކޮންމެ ވެސް ވަރަކަށް އެކަޑެމިކް ކަލަންޑަރުގައި، އެކަޑެމިކް އިޔާ ކުރުކަމަށް ދައްކާނެ. އެކަމަކު، ދަރިވަރުން އަތުން ކިޔަވާ ވަގުތެއް ގެއްލިގެން ނުދާނެ." އޭނާ ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ޗެލެންޖެއް ނާންނާނެ ކަރިކިއުލަމް ކަވަރުކުރުމުގައި އެއްވެސް ގޮންޖެހުމެއް ނާންނާނެ."

އޭނާ ވިދާޅުވީ މި އަހަރު އަދި އަންނަ އަހަރުގެ ދިރާސީ އާ އަހަރު ފަށާ ދުވަސްވަރު ބަދަލުކުރިޔަސް ގްރޭޑު 9 އިން ފެށިގެން މަތީގެ ދަރިވަރުންނަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. މިހާރު ވެސް ހަމަޖައްސާފައިވާ ގޮތަށް މެއި/ޖޫން މަހު އޯ ލެވެލް އިމްތިހާނު ހަދާނެ ކަމަށާއި، އެކަމަކު 2026 ވަނަ އަހަރުން ފެށިގެން ގްރޭޑު 10 ގެ ފަހު އިމްތިހާނު ހަދާނީ، އެންމެ ފުރަތަމަ އަމަލުކުރި ގޮތަށް، އޮކްޓޯބަރު/ނޮވެމްބަރުގައި ކަމަށް އޭނާ ވިދާޅުވި އެވެ.