Roadha Mihaaru

ސްކޫލުތަކުގެ ރަސްމީ ޔުނީފޯމް 2027 އިން ފެށިގެން ބަދަލުކުރަނީ

ސަރުކާރު ސްކޫލުތަކުގެ ޔުނީފޯމަށް ހަތަރު ކުލައެއް ހަމަޖައްސައި، 2027ގެ ފަހުން އެ ކުލަތަކަށް ބަދަލުކުރަން ނިންމައިފި އެވެ.

ސްކޫލު ރަސްމީ ޔުނީފޯމް 2027އިން ފެށިގެން ބަދަލުވަނީ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

01 ޑިސެމްބަރ 2025

ސަރުކާރު ސްކޫލުތަކުގެ ޔުނީފޯމަށް ހަތަރު ކުލައެއް ހަމަޖައްސައި، 2027ގެ ފަހުން އެ ކުލަތަކަށް ބަދަލުކުރަން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު"އަށް މިއަދު ވިދާޅުވީ، ތައްޔާރުވުމަށް އެއް އަހަރުގެ މުއްދަތެއް ދިނުމަށްފަހު ޔުނީފޯމްތައް ބަދަލުކުރާނީ ހަތަރު ކުލައަކަށެވެ. އެއީ ގައުމީ ދިދައިގައި ހިމެނޭ ތިން ކުލަ ކަމަށްވާ ފެއްސާއި ރަތާއި ހުދުގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީގެ ކުލަ، ނޫ ކުލައަށެވެ.

އޭގެ ތެރެއިން، ޔުނީފޯމުގެ މަތި ނުވަތަ ގަމީސް، އެ ސްކޫލަކުން ބޭނުންވާ ކުލައަކަށް ބަދަލުކުރެވޭނެ އެވެ. ނަމަވެސް، ފަޓުލޫނު ނުވަތަ ޔުނީފޯމްގެ ތިރީ ބައި ހުންނަން ޖެހޭނީ ކަޅު ނުވަތަ ކަޅު ނޫ ކުލައިގަ އެވެ.

އެގޮތަަށް ބަލާނަމަ 90 ޕަސެންޓް ސްކޫލުގެ ޔުނީފޯމް ބަދަލުކުރަން ނުޖެހޭނެ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

"ސްކޫލަކުން ނިންމަންވީ، އެ ސްކޫލެއްގެ ޔުނީފޯމްގެ ގަމީހުގެ ކުލައަކީ ހުދު ނޫނީ މަޑު ފެހި ނޫނީ މަޑު ރަތް ކުލައޭ. އެގޮތަށް ޔުނީފޯމްގެ ތިރިން ލާން ވެސް ދެ ކުލައިގެ ތެރެއިން ކުލައެއް ބޭނުން ކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ސްކޫލުތަކުގައި ގްރޭޑް އެކަކުން ފެށިގެން މަތީގެ ދަރިވަރުން މިހާރު ޓައީ އަޅަން ޖެހެ އެވެ. އެކަމަކު، ޔުނީފޯމް ޕޮލިސީ ބަދަލުކުރުމުގެ މަޝްވަރާތަކުގައި ބައިވެރިވި ގިނަ ޕްރިންސިޕަލުން އެދިވަޑައިގަތީ ކީ-ސްޓޭޖު 3 (ގްރޭޑު 7 އިން ފެށިގެން މަތީ)ގެ ކްލާސްތަކުގެ ދަރިވަރުން ޓައީ އަޅަންޖެހޭ ގޮތަށް ބަދަލުތައް ގެނެސްދިނުމަށެވެ. އޭރުން އެ ސްކޫލެއްގެ ޔުނީފޯމް ކުލައިން ޓައީ އެޅޭނެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އަލަށް އަމަލުކުރަން ފަށާ ޕޮލިސީއާއެކު، އަންހެން ދަރިވަރުން ޔުނީފޯމް އެޅުމަށް ގިނަ އޮޕްޝަންތަކެއް ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި ބެގީ ކުރަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތާއި ސްކާޓު ލާން ބޭނުންވާ ކުދިންނަށް އެ ޖާގަ ވެސް ދެން ފަހިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ސްކޫލަށް ޗޫސް ކުރެވޭނީ ޔުނީފޯމް. އެއާއެކު، އަންހެން ދަރިވަރުންނަށް ބައިވަރު އޮޕްޝަންތައް އެބަ ލިބިގެންދޭ،" އޭނާ ވިދާޅުވި އެވެ.

ރަސްމީ ޔުނީފޯމާއެކު، 2027 އިން ފެށިގެން އެކްޓިވިޓީ ޔުނީފޯމަށް ވެސް ކުދި ބަދަލުތައް އަންނާނެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޔުނީފޯމަށް ބޮޑު ބަދަލެއް ގެންނަން ނިންމީ، އެކަމުގައި ސްކޫލުތަކާއި ބެލެނިވެރިންގެ ޝަކުވާ ބޮޑުވުމުންނެވެ. އެ އުސޫލަށް އަމަލުކުރަން ފެށުމުން ޔުނީފޯމް އަގުހެޔޮވެ، އޭގެ މޮނޮޕޮލައިޒްކުރުން ހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.