Roadha Mihaaru
އަންހެން ވޮލީގެ ތާޖު ވެމްކޯ އަށް، ތަރިއަކީ މާޖިދާ

އަންހެން ވޮލީގެ ތާޖު ވެމްކޯ އަށް، ތަރިއަކީ މާޖިދާ

10 ޖެނުއަރީ 2024

ޕޮލިސް ކްލަބާ ވާދަކޮށް 3-1 ސެޓުން ފައިނަލް މެޗު ކާމިޔާބުކޮށް ކްލަބް ވެމްކޯ އިން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި ދިފާއު ކޮށްފި އެވެ.

ޕޮލިސް ކްލަބާ ވާދަކޮށް 3-1 ސެޓުން ފައިނަލް މެޗު ކާމިޔާބުކޮށް ކްލަބް ވެމްކޯ އިން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި ދިފާއު ކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގެ ސެޓްތައް ގެންދިޔައީ 25-21، 25-21، 19-25 އަދި 25-23 އިންނެވެ.

ގައުމީ މުބާރާތުގެ އަންހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ އައިޝަތު މާޖިދާ އެވެ. މި މުބާރާތުގެ ކުރިން އޮތް އެސޯސިއޭޝަން ކަޕް ވެސް ވެމްކޯ ކާމިޔާބު ކުރިއިރު އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ މާޖިދާ އެވެ.

ވެމްކޯ ވަނީ އެންމެ ފުރަތަމަ 2019 ވަނަ އަހަރުގެ ފައިނަލްގައި ޕޮލިސް ކްލަބް އަތުން ސީދާ ތިން ސެޓުން ބަލިވެފަ އެވެ. ނަމަވެސް އެއަށް ފަހު އެ ޓީމުން ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ކުޅުނު 2022 ވަނަ އަހަރު ގައުމީ މުބާރާތުގެ ފައިނަލްގައި 3-1 ސެޓުން ކްލަބް ވޮލީބޯލް ބަލިކޮށް ފުރަތަމަ ފަހަރަށް ގައުމީ ތަށި އުފުލާލައިފަ އެވެ.

ޕޮލިހާ ދެކޮޅަށް ކުޅުނު މެޗުގައި ކްލަބް ވެމްކޯގެ މާޖިދާ، ހަމަލާއެއް ފޮނުވާލަނީ. މުބާރާތުގެ މޮޅު ކުޅުންތެރިޔާ އަކީ އޭނާ.-- ފޮޓޯ: ރައީސް އޮފީސް

ޕޮލިހާ ދެކޮޅަށް ކުޅުނު މެޗުގައި ކްލަބް ވެމްކޯގެ މާޖިދާ، ހަމަލާއެއް ފޮނުވާލަނީ. މުބާރާތުގެ މޮޅު ކުޅުންތެރިޔާ އަކީ އޭނާ.-- ފޮޓޯ: ރައީސް އޮފީސް

ރޭގެ ފައިނަލް މެޗުގެ ފުރަތަމަ ދެ ސެޓްގައި ވެމްކޯ ވަނީ ޑޮމިނޭޓް ކޮށްގެން ކުޅެފަ އެވެ. ނަމަވެސް ތިންވަނަ ސެޓްގައި ޕޮލިހުން ވަނީ ބޮޑު ލީޑެއް ނަގައި ވެމްކޯ އަށް މާ ބޮޑު ފުރުސަތެއް ނުދީ މި ސެޓް ކާމިޔާބު ކޮށްފަ އެވެ.

ވާދަވެރި ކުޅުމެއް ފެނުނު ހަތަރުވަނަ ސެޓްގައި ވެމްކޯ އިން އަލުން އިތުބާރާ އެކު ލީޑެއް ނެގި ނަމަވެސް ޕޮލިހުން ކުޅުން ރަނގަޅުކޮށް ފަރަގު ކުޑަ ވެސް ކުރި އެވެ. ނަމަވެސް ވެމްކޯ އިން ފޮނުވާލި ގިނަ ބޯޅަތައް ޕޮލިހަށް ރިސީވް ނުކުރެވުމުގެ ފައިދާ ނަގައި ވެމްކޯ ވަނީ މެޗުގެ ތިންވަނަ ސެޓް ކާމިޔާބުކޮށް ޗެމްޕިއަންކަން ދިފާއު ކޮށްފަ އެވެ.

މި މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ ވެމްކޯގެ ފާތިމަތު ޖޫޒާން ޒަރީރު، މާޔާ ހުސެއިން ސޮލާހު، އާމިނަތު އަރީޝާ، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންގެ އާމިނަތު ރިޔާސާ، ފާތިމަތު ސަމްހާ، މައިހާ އަލީ އަދި ޕޮލިސް ކްލަބްގެ ހައްވާ ރާޝިދާ އެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ވެމްކޯގެ ޝުއެއިބް އަހުމަދެވެ.

އެންމެ އުންމީދީ ކުޅުންތެރިއަކަށް ޕޮލިސް ކްލަބްގެ އަލްޔާ އަހުމަދު ހޮވުނު އިރު، އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ހޮވުނީ ފައިނަލްގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު ވެމްކޯގެ ކީޝާ ރަކޯލް ހަންޓް އެވެ.